Roadha Mihaaru
ތާޖުއްދީންގައި ހުރި ފްލޫ ކްލިނިކް އައިޖީއެމްއެޗަށް

ތާޖުއްދީން ސްކޫލްގައި ހިންގި ފްލޫ ކްލިނިކް އައިޖީއެމްއެޗަށް ބަދަލުކުރަނީ

24 މާޗް 2017

ހުމާއި ރޯގާއާ އެކު އެޗް1އެން1 ފެތުރެމުން ދާތީ ޑޮކްޓަރަށް ދައްކާ މީހުން އިތުރުވުމުން ތާޖުއްދީން ސްކޫލްގައި އައިޖީއެމްއެޗުން ގާއިމުކުރި ފްލޫ ކްލިނިކް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުމާއި ރޯގާއާ އެކު އެޗް1އެން1 ފެތުރެމުން ދާތީ ޑޮކްޓަރަށް ދައްކާ މީހުން އިތުރުވުމުން ތާޖުއްދީން ސްކޫލްގައި އައިޖީއެމްއެޗުން ގާއިމުކުރި ފްލޫ ކްލިނިކް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ ތާޖުއްދީން ސްކޫލްގައި ހެދި ފްލޫ ކްލިނިކް އެތަނުން ބަދަލުކުރަން ނިންމީ އާދީއްތަ ދުވަހު އެ ސްކޫލުގެ ކިޔެވުން ފެށޭތީ އެތަން ހުސްކުރަން ޖެހިގެން ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެތަނުގައި ހުރި ތަކެތި އައިޖީއެމްއެޗްގައި ކުރިން ފްލޫ ކްލިނިކް ހިންގި ތަނަށް ބަދަލުކުރަން ފަށާފައިވާ ކަމަށެވެ.

"އައިޖީއެމްއެޗް ގްރައުންޑް ފްލޯއަށް ކްލިނިކް މިބަދަލުކުރަނީ. އެތަނުގައި ހުރި ސްކޭން އާއި އެންޑޮސްކޮޕީ މެޝިންތައް އެހެން ތަނަކަށް ބަދަލުކޮށްފައި މަސައްކަތް ފަށާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ހަދާފައިވާ ފްލޫ ކްލިނިކަށް ވަންނަން ޖެހެނީ ބުރުޒުމަގުގައި ހުންނަ އިމަޖެންސީ ދޮރާށިންނެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކްލިނިކްގެ ހިދުމަތް ވެސް މެދުނުކެނޑޭ ގޮތަށް މަސައްކަތް ކުރިޔަށް ގެންދަން. އަދި އައިޖީއެމްއެޗަށް ބަދަލުކުރުމަށް ފަހު ވެސް ފްލޫ ކްލިނިކް 24 ގަޑިއިރު ކުރިޔަށް ގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ތާޖުއްދީން ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ނިންމި ގޮތަށް "އަދި ހަމަޖެހިފައި އޮތީ" އެ ސްކޫލްގެ ކިޔެވުން ވެސް އަންނަ އާދީއްތަ ދުވަހު ފަށާ ގޮތަށް ކަމަށެވެ.

"އާދިއްތަ ދުވަހު ކިޔަވައިދޭ ގޮތެއް އަދި އޮތީ. އެނޫން ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީން. މިތަނުގައި ހުރި ފްލޫ ކްލިނިކް މިއަދު މެންދުރު ފަހު ޝިފްޓްކުރާނެ ކަމަށް ވެސް އަންގާފައިވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖޭގައި 176 މީހަކު އެޗް1އެން1 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން އިއްޔެ އެކަނި 13 މީހަކު ޕޮޒިޓިވްއިރު 23 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންދަނީ ފަރުވާ ދެމުންނެވެ. އެ ބަލީގައި މިހާތަނަށް ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.