Roadha Mihaaru

ސައުދި "ޕްރިންސް"އާ ގުޅޭ ސުވާލަށް ޖަވާބު ނުލިބިގެން އިޖުތިޖާޖު ކުރުމުން މީކާއިލް މަޖިލީހުން ނެރެފި

ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި އަޑުގަދަ ކުރެއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މީކާއިލްގެ ނަން އިއްވައި މަޖިލީހުން ނެރެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

13 އޯގަސްޓް 2025

ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި އަޑުގަދަ ކުރެއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މިނިސްޓަރު ހަލީލު މިއަދު މަޖިލީހަށް ހާޒިރުކުރީ މީކާއިލް ކުރެއްވި ސުވާލާ ގުޅިގެންނެވެ. މެންބަރު ސުވާލު ކުރެއްވީ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓްކުރުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ ގޮތުންނެވެ.

އެއީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް"އެއް ކަމަށް ރައީސް އޮފީހުން ބުނީ އޮޅިގެންތޯ މީކާއިލް އެއްސެވި އެވެ. އަދި ފަހަދް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ކަމުގެ ހަބަރު ރައީސް އޮފީހުގެ ސައިޓުން ޑިލީޓްކުރީ ކީއްވެގެންތޯ އާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވޭތޯ ވެސް މެންބަރު ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލުން ކަމަށެވެ. ނަމަވެސް، ސައުދި އަރަބިއްޔާގައި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" މި ލަގަބު ބޭނުން ކުރަނީ ވެރިކަން ވާރުތަވާ ފިރިހެނުންގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ.

އެ ލަގަބު އެގޮތަށް ރައީސް އޮފީހުން އޭނާއާ ނިސްބަތްކޮށް ބޭނުންކުރެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެހެންވެ، މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ސުވާލަށް ޖަވާބު ލިބިފައިވާ ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކޮށް، މީކާއިލް ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރައްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ނިޒާމް ނަގާލަނީ ކަމަށް ކަނޑައަޅައި، އޭނާގެ ނަން މަޖިލީހުގެ ރައީސް އިއްވެވި އެވެ. އެ ނިންމުމާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ އެހެން މެންބަރުން ވެސް އިހުތިޖާޖު ކުރެއްވި އެވެ. ނަމަވެސް، ފަހުން މީކާއިލް ވަނީ މަޖިލިސް ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.

މީކާއިލްގެ ނަން އިއްވައި ނެރުނު ފަހުން ނިޒާމީ ނުކުތާއެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަނެއްކާވެސް ވަނީ ފަހަދް އާއި ރައީސް ބައްދަލުކުރެއްވި ހަބަރު ރައީސް އޮފީހުގެ ވެބްސައިޓުން ނެގި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ރައީސް އޮފީހުން ހަބަރު ނެގުމަކީ އޭނާގެ ދާއިރާގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވެން ނެތް ކަމަށެވެ.

މިއަދު މަޖިލީހުގައި މިނިސްޓަރު ހަލީލު ވިދާޅުވީ ސައުދި އަރަބިއްޔާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށާއި ގުޅުން އިތުރަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެ ވަޑައިގަންނަވާ އެކި ގައުމުތަކުގެ އިންވެސްޓަރުންގެ އަގު ވެއްޓޭ ގޮތަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ނުކުރެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.