Roadha Mihaaru

ރިޔާސަތުން މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނެ ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ނުބާއްވައި، މިނިސްޓަރުންނާ ސުވާލުކުރުން ޖަލްސާތަކަށް އެޖެންޑާނުކޮށް ލަސްކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނެ ގަރާރެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

29 އެޕްރީލް 2025

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ނުބާއްވައި، މިނިސްޓަރުންނާ ސުވާލުކުރުން ޖަލްސާތަކަށް އެޖެންޑާނުކޮށް ލަސްކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކުރާއިރު، މިދިޔަ ހަފުތާ އެގޮތަށް ޖަލްސާތައް ބާއްވާފައެއް ނުވެ އެވެ. ޖަލްސާ ނުބޭއްވީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތީމަ ކަމަށް ރިޔާސަތުން ބުނެފައިވެ އެވެ.

މިނިސްޓަރުންނާ ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސްއެއްދީ، އެ ނޯޓިސް މުއްދަތު ހަމަވުމުން މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ދޭންވާނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވާއިރު ވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

އެހެންވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީކައިލް ހުށަހެޅުއްވި ގަރާރުގައި ބުނީ މިނިސްޓަރުންނާ ސުވާލުކުރުން ލަސްކޮށް، މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ނުބޭއްވުމަކީ މަޖިލީހުގެ ރައީސް އުސޫލާ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ.

އެއީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވަން މަޖިލީހުގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް ގަރާރުގައި ބުންޏެވެ.

މި ދުވަސްވަރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ގަރާރުގެ ބަހުސް ފެށުމުގެ ކުރިން ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ވަގުތު ގާނޫނީ މުއްދަތު ހަމަވެފައިވާ ހުރި ސުވާލުތައް ރައްދުވާ މިނިސްޓަރުން ތިއްބެވީ ރަސްމީ ދަތުރުގައި ރާއްޖޭން ބޭރުގައި ކަމަށެވެ.

ބަހުސުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެންބަރުން ވަނީ ގަރާރަށް ފާޑުވިދާޅުވެ، މަޖިލީހުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ރިޔާސަތުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.