(ބުދަ ދުވަހާ ގުޅޭ)
10 އޯގަސްޓް 2025
(ބުދަ ދުވަހާ ގުޅޭ)
ދެން ފެނުނީ އަނިލް ހީ ވެސް ނުކުރާ ކަހަލަ މަންޒަރެކެވެ. ސަމްރަތަށް އައި ބަދަލަކީ އޭނަ ހެދިގެން އުޅޭ ގޮތެއް ނޫން ކަމާއި އޭގެ ފަހަތުގައި އެހެން ސިއްރެއް ފޮރުވިފައިވާކަން ޔަގީންވާ ކަހަލަ މަންޒަރެކެވެ. އެ ކަމެއް ހިނގީ ރޭގަނޑެއްގައެވެ. އެހެން ރޭރެއެކޭ އެ ރެއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެންމެ ތަފާތެއް ފިޔަވައެވެ.
އިރުއޮއްސުނުތަނައި ވާރޭވެހެން ފެށިއެވެ. ވެހެން ފެށީ ވަރަށް ތުނިކޮށެވެ. ވައި މަޑެވެ. ބޭރަށް ނުކުމެ އުޅުނު މީހުން ވެސް ކޮންމެވެސް އަސްކަންޏެއްގެ ހިޔަލުގައި މަޑުކޮށްލައިގެން ތިބީއެވެ. ދެންމެދެންމެ ހުއްޓައިލަފާނެހެން ހީވާތީއެވެ. ހުއްޓަން އުޅެއެވެ. ތުނިކޮށްލާފައި އަނެއްކާ ވެސް ބޯކޮށްލަނީއެވެ. މަގުމަތީގައި ފެންބޮޑުވެ، ގޭގޭގައި ވެލިބަސްތާޖަހަން ފެށިއެވެ. ޓިނު ފުރާޅުގެ ފޫގޮސްފައިވާ ތަންތަންކޮޅުން ގޭތެރެއަށް ފެންފައިބަން ފެށިއެވެ. އަނިލް އާއި ނިޒާރު ވެސް އުޅުނީ އެ ކަމުގައެވެ. އިރުކޮޅަކުން އަނބުގަހުން އޮފިގަނޑެއް އިރައިގެންދިޔައެވެ. މީހަކަށް އަނިޔާއެއް ނުވެއެވެ.
ސަމްރަތު ކޮޓަރި ތެރޭގައި ކުރަނީ ކީއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ކުދީން ކުޅެން ކުޑަ ތާސްބައެއް ގޭގައި އޮވެއެވެ. އަންޖަލް އާއި ދިމްނާ ތިބީ މާމަ ކޮޓަރީގައި ދަށުންދަމާ ކުޅޭށެވެ. މާމަ ވެސް އެ ކުދީން ކައިރީގައި އިނެވެ. ގަޑިން އޭރު ނުވައެއް ޖެހުމާ ކައިރި ވަނީއެވެ. ކުއްލިއަކަށް ކޮޓަރިއަށް ޝާފިޔާ ވަނެވެ. އެއީ ސަމްރަތުގެ އެންމެ ހަގު ދަރިފުޅެވެ. ޝާފިޔާ ހުރީ ވަރަށް ހާސްވެ، ބިރުގެންފައެވެ.
"މަންމައަށް ކޮންމެވެސް ކަމެއް ވެއްޖެ!" ޝާފިޔާ ބުންޏެވެ. "މާމަ އާދެބަލަ!"
މުހުސިނާ ދުވެފައި ދިޔައެވެ. ދެން ތިބި ދެ ކުދިން ވެސް ކުޅިބަލަން ފަހަތުން ދިޔައެވެ. އޭރު ސަމްރަތުގެ ކޮޓަރި ތެރެއިން ހަޅޭކެއްގެ އަޑުއިވެއެވެ. އެންމެން ކޮޓަރިއަށް ވަން އިރު ސަމްރަތު އިނީ ތަޅުގަނޑުގައި، ދެފައި ވަށްކޮށްލައިގެން އިށީނދެގެންނެވެ. އޭނަގެ ރާޅުބާނި، ދިގު އިސްތަށިގަނޑު ކުރިޔަށް ވުރެ ދިގުހެން ހީވެއެވެ.
"ދަރިފުޅާ!" ސަމްރަތާ ދިމާއަށް އަންނަމުން މުހުސިނާއަށް ބުނެވުނެވެ.
"މި ތަނުން ނުކުމޭ!" ދެއަތަކަށް ހެލެމުން، އެހެން އަޑަކުން ސަމްރަތު ހަޅޭއްލަވައިގަތެވެ. "މަ މިހެން ބައިންދާ! އަތްނުލާތި!"
އެ ތަނަށް ނިޒާރު އާއި އަނިލް ވެސް އައެވެ. ގޯތިތެރެއަށް ވެއްޓުނު އޮފިގަނޑު ކޮށައި ސާފުކުރަން އުޅުނީތީ އަނިލް ހުރީ ތެމިފޯވެފައެވެ. އަތްނުލާށޭ ބުނި ނަމަވެސް، އަނިލް އުޅުނީ ސަމްރަތު ނަގައި އެނދުގައި ބައިންދާށެވެ. އެހެނަސް، ސަމްރަތުގެ ގައިގައި އަތްލާ އިރަށް ފޮޅުވައިލިއެވެ. ކޮއްޕައިލިލެއް ބާރުކަމުން އަނިލް ދިޔައީ ވިއްސައިގެންނެވެ. ސަމްރަތު ގައިގަ ހުރީ އާދަޔާ ހިލާފު ބާރެކެވެ. ސަމްރަތަށް އެހައި ބާރަށް ކޮއްޕައި ނުލެވޭނެކަން ނިޒާރަށް ކަށަވަރެވެ.
"ގައިގަ އަތްނުލާށޭ!" ސަމްރަތު ހަޅޭއްލަވައިގަތެވެ. "މި ބުނީނު މި ތަނުން ނުކުންނާށޭ!"
ސަމްރަތު ނަގަން މުހުސިނާ ވެސް އުޅުނެވެ. މުހުސިނާއަށް އަނިޔާއެއް ލިބިދާނެތީ އެހެން މީހުން އެ ކަން ހުއްޓުވީއެވެ. ގާތަށް މީހަކު އަތުވެއްޖެއްޔާ ޖަހަން ތައްޔާރުވެގެން، އަތްމަޅައިގެން އިން ސަމްރަތު ވަރަށް ގިނަ އެއްޗެހި ކިއެވެ. ވާރޭވެހޭލެއް ބޯކަމާއި ސަމްރަތު ނެރިގެން އުޅޭ އަޑެއްގެ ސަބަބުން ހުރިހައި އެއްޗެއް އޮޅުމެއް ނުފިލައެވެ. ކުދީން ތިބީ ބިރު ގެންފައެވެ.
"އަހަރެން ނުބުނަނީސް އެކަކު ވެސް ކޮޓަރިއަށް ވަދެގެން ނުވާނެ،" ބިރުވެރި އަޑަކުން ސަމްރަތު ބުންޏެވެ.
"މި ގޭގަ ތާސް ކުޅޭކަށް ހުއްދައެއް ނޯންނާނެ. ދެން ނިކަން ކުޅެބަލަ! ފޮރުވާފަ އޮންނާނީ."
އެއް ކުއްޖަކު ދުވެފައި ގޮސް ބެލި އިރު ތާސްބައެއް ނެތެވެ. ނުވެސް ފެނުނެވެ. ތާސްބައި އެ ހިސާބުން ގެއްލުނީއެވެ.
"އޭނަ އެހެރީ ޖިންނިމޮޔަވެފަ،" އަނިލް ބުންޏެވެ. "ނުކުމޭ އެންމެން."
ކުޑަކުދިން ނެރިފައި، ދެން ހަދާނެ ގޮތަކާ މެދު އެންމެން ވާހަކަ ދެއްކިއެވެ.
"އެކަމަކު އެހެނެއް ނުއެއް ބޭންދޭނެއްނު!" މުހުސިނާ ބުންޏެވެ. "ކުދިން ކިހާ ބިރެއް ގަންނާނެ؟"
"އެބަ އަންނަން." އެހެން ބުނެފައި ނިޒާރު ނުކުތެވެ.
ނިޒާރު ދިޔައީ ކޮން ތާކަށް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ބޯކޮށް ވާރޭވެހެއެވެ. ސަމްރަތު ހުއްޓައިނުލައި އެކި އެއްޗެހި ކިއެވެ. އޮޅުންފިލަނީ ބައެއް އެއްޗިއްސެވެ.
"މީ މިހިރަ މީހާގެ ކަންތަކޭ!" އަނިލްއަށް އިނގިލި ދިއްކޮށްލާފައި ސަމްރަތު ބުންޏެވެ. "ހާމަ ތަންތަނުގަ ފާޑުފާޑަށް އުޅެންޏާ ހުރިހާ ކަމެއް ވެސް ވާނެ."
"ކީކޭ އެ ކިޔަނީ؟" މުހުސިނާ އެހިއެވެ.
"ކިހިނެއް އަހަންނަށް އެނގެނީ މަންމާ!" އަނިލް އެހެން ބުނީ ބުނަން މަޖުބޫރުވެގެންނެވެ. "ތެދެއް ސަމްރަތު! ކީކޭ ތި ކިޔަނީ؟"
"މި ކިޔަނީ އިންޑިޔާގެ..." އެހެން ބުނެފައި ސަމްރަތު މައުލޫ ބަދަލުކޮށްލިއެވެ. "އެއީ ކީއްކުރަން މި ގެއަށް ވެއްދި މީހެއް؟ އެ ނޫމާނުގަނޑު ނެރޭ!"
ސަމްރަތު އެހެން ބުނި ފަހުން، ނޫމާނު ގޮވައިގެން ނިޒާރު ކޮޓަރިއަށް ވަނެވެ. ސަމްރަތަކަށް ނޫމާނެއް ނޭނގޭނެއެވެ. ދުވަހަކު ދިމާވި މީހެއް ވެސް ނޫނެވެ. ނޫމާނަކީ، އެ ދުވަސްވަރު މާލޭގައި އުޅުނު އެންމެ މަޝްހޫރު ފަންޑިތަވެރިޔާއެވެ.
"ކަލޭމެން ނުކުމޭ!" ނިޒާރު އެދުނެވެ. "މުހުސިނާ ދޭބަލަ ފެންތަށްޓެއް ހިފައިގެން އަންނަން."
އެންމެން ނުކުތެވެ. ފެންތަށި ގެނެސްދިނުމުން ނިޒާރު ދޮރު ލެއްޕިއެވެ. އިރުކޮޅެއް ވަންދެން ސަމްރަތުގެ އަޑު ބޭރަށް އިވިފައި ދެން އަޑު ކެނޑުނެވެ. ދޮރު ހުޅުވި އިރު ސަމްރަތު އޮތީ ނިދައިފައެވެ.
"އޭނަ ދަންވަރު އުޅޭނެ ބޭރަށް ނުކުންނަން،" ނޫމާނު ބުންޏެވެ. "ރަނގަޅަށް ދޮރު ތަންޑު އަޅާފަ ބަހައްޓާ! އޭރުން ގައިމު ވެސް ބޭރަކަށް ނުއެއް ނުކުމެވޭނެއްނު! ކޮޓަރީގަ ތެޅިޔަސް އެކަކު ވެސް ދޮރު ނުހުޅުވާތި! އޭނަ ހުރެދާނެ ކޮންމެ ގޮތަކަށް ވެސް."
އެ ބުނީ ކީކޭކަން ރަނގަޅަށް ނުވިސްނޭ ވަރުގެ ކުދިން ވެސް އެ ތަނުގައި ތިއްބެވެ. އެ ކުދީން މާމަ ގާތުގައި އެ ސުވާލު ކުރިއެވެ. އިތުރު ތަފުސީލަށް އެދުނެވެ. އެހެނަސް، ކަމުގެ ބާވަތުން ކުދީންނަށް އެ ފަދަ ވާހަކަ ކިޔައިދިނުމަކީ ރަނގަޅު ކަމެއް ކަމަކަށް މާމައަކަށް ނުފެނުނެވެ.
"އެއީ ކޮންމެހެން ކުޑަކުދީން..." އެ ހިސާބަށް ބުނެފައި، ފަހުބައި މާމަ ބަދަލުކޮށްލިއެވެ. "އެއީ ސަމްރަތުގެ ބޮލުގަ ރިއްސާތީ."
ޖޯލީގައި އޮށޯވެލައިގެން ވިސްނަން އޮތް ނިޒާރުގެ ހަނދާންތައް ދަތުރުކުރީ އެ ހިސާބަށެވެ. އެ ތަނަށް މުހުސިނާ އައެވެ. ގަޑިން ހެނދުނު ދިހަގަޑި ބައިވަނީއެވެ.
"ދެން ހިނގާ ސައިބޯން،" މުހުސިނާ ބުންޏެވެ. "ރޭގަ ވެސް އެއްޗެއް ނުކަމެއްނު!"
"އެއްޗެއް ދިރޭތަ؟" ގަޑި ބަލައިލަމުން ނިޒާރު ބުންޏެވެ. "އަހަންނަށް އެނގޭ މުހުސިނާ ވެސް އެއްޗެއް ނުކާކަން. ކިހިނެއް ކާނީ؟ މިހާރު ސައުވީސް ގަޑިއިރު ވަނީ. އަދި ވެސް އެ މަންޖެ ނުފެނޭ! އޭނަ ކިހާ ބަނޑުހައެއް ވާނެ؟ އެހެން ވެގެނޭ އަހަރެން ބުނީ އަންޖޫ ގައިގަ ތަވީދު އަޅުވާށޭ! އެކަކު ވެސް އަހަރެން ދައްކާ ވާހަކަ އަޑެއް ނާހާނެ."
މުހުސިނާ ޖޯލީގައި އިށީނެވެ. އަންޖަލް ގެއްލުނުކަން ގަބޫލު ކުރާކަށް މުހުސިނާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ އެ ހުވަފެނުން ހޭލެވޭށެވެ.
"ތިހެން ނުބުނޭ!" ވިސްނައިދޭ ރާގެއްގައި މުހުސިނާ ބުންޏެވެ. "ހުރިހާ ކަމެއް ވެސް މި ކުރަނީ ނިޒާރު ބުނާ ގޮތަށް. އެހެން ނޫން ނަމަ މަގޭ ދަރިއަކާ އެ އަނިލްއަކާ ނުވެސް.."
ނިޒާރު ތެދުވެގެން ހިނގައިގަތެވެ. އެ ވާހަކަ އަޑުއަހާއަހައި ނިޒާރު ފޫހިވެއްޖެއެވެ.
"ކޮންމެ ވާހަކައެއް ވެސް ނިމޭނީ އެ ތަނަށް." ގޭތެރެއަށް ވަންނަމުން ނިޒާރު ބުންޏެވެ.
ނިޒާރުގެ ފަހަތުން ދާހައި ހިތްވަރެއް މުހުސިނާގެ ނެތެވެ. އެހެންވެ އޮތީއެވެ.
"މާމާ!" އަންޖަލްގެ އަޑުއިވުނެވެ.
މުހުސިނާ ހީކުރީ ހީވި ގޮތެއް ކަމަށެވެ. އަންޖަލް ގެއްލުނީއްސުރެ ދޭތެރެއަކުން އެހެން ގޮވައިލާހެން މުހުސިނާއަށް ހީވެއެވެ. އެހެނަސް، އެ ފަހަރު އެއީ ހީއެއް ނޫނެވެ.
"މާމާ!" ކުރިޔަށް ވުރެ ބާރަށް ގޮވައިލި އަޑުއިވުނެވެ.
މުހުސިނާ ބަލައިލި އިރު އަންޖަލް ދޮރުމަތީގައި ހުއްޓެވެ. ގާތުގައި އެހެން ދެ މީހުން ވެސް ތިއްބެވެ. އަންޖަލް ދުވެފައި އައިސް މާމަ ގައިގައި ބައްދައިގަތެވެ.
"ކޮން ތާކަށް ދަރިފުޅު ދިޔައީ؟" ރޮވިފައިވާ އަޑަކުން މާމަ އެހިއެވެ. "ނިޒާރޫ! މިހިރީ އަންޖޫ!"
"ރުއްގަނޑު ތެރޭގަ ނިދިފައޮއްވާ ފެނުނީ،" ރަށު މީހަކު ބުންޏެވެ. "އެކަމަކު އެތައް ފަހަރަކު އެ ރުއްގަނޑު ބަލައިގެން ވެސް ނުފެނިފަ އޮތީ."
އަންޖަލް ފެނުނީ ސަމްރަތު ވެސް ފެނުނު ކަހަލަ ގޮތަކަށެވެ. ހަމަ އެ ދުވަހު މާލެ ދާން މުހުސިނާ ބޭނުމެވެ. އެކަމަކު، އަންޖަލް ގާތުގައި ނާހައި ގޮތެއް ނިންމާކަށް ނިޒާރު ބޭނުމެއް ނޫނެވެ. އެ މަޝްވަރާ ކުރެވުނީ ރޭގަނޑުއެވެ.
"ދަރިފުޅަށް އަސްލު ކިހިނެއްވީ؟" ނިޒާރު އެހިއެވެ.
"އެއްވެސް ކަމެއް ނުވެއޭ ކާފާ!" އަންޖަލް ބުންޏެވެ. "އަހަރެން މޫދު ކައިރިއަށް ދިޔަތަނާ ފެނުނީ ކޮކާލެއް. ރަތްކުލައިގެ ވަރަށް ރީތި ކޮކާލެއް. އަހަރެން ދުވަހަކު ވެސް އެ ކަހަލަ ކޮކާލެއް ނުދެކެން. ވަރަށް ތިރިތިރީގަ ކޮކާ އިށީނދެގެން އިނީމަ އަހަރެން ހިތަށް އެރީ އަހަންނަށް އެ ކޮކާ ހިފޭނޭ! ހީކޮށް ކައިރިއަށް ދިޔަތަނާ ކޮކާ އުދުއްސައިގެންފި."
އަންޖަލް ބުނި ގޮތުގައި ކޮކާ އުދުހުނީ ވަރަށް ތިރިންނެވެ. ކޮކާ ފަހަތުން އަންޖަލް ދުވިއެވެ. ރުއްތަކުގެ ތެރެއަށް ކޮކާ ވަނުމުން އަންޖަލް ވެސް ވަނެވެ. ވަން އިރު އެ ތަނުގައި، އަޅިކުލައިގެ، ކުދިކުދި ކޮކާތަކެއް އުޅެއެވެ. އަންޖަލް ފެނުމުން، އެއްބައި ކޮކާ ޖެއްސީ އަންޖަލްގެ ގައިގައެވެ. އަނެއްބައި ކޮކާ ޖެއްސީ އެ ތަނުގައި ހުރި ގަހެއްގައެވެ. އެ ގަހުގައި ރީނދޫކުލައިގެ، ކުދިކުދި އެއްޗެހިތަކެއް އަޅާފައި ހުއްޓެވެ. ދެތިން އެއްޗެއް ގަސް ދަށަށް ވެއްޓިފައި ވެސް އޮތެވެ. ފަތް ގިނަ އެ ގަސް ދަށުގައި އަންޖަލް އިނީން ތަނައި ނިދުނީއެވެ. ހޭލެވުނީ މީހުން ވާހަކަ ދައްކާ އަޑަށެވެ.
"ދަރިފުޅަކަށް ނޭނގޭތަ ކިހައި އިރަކު ނިދުނު ކަމެއް؟" ނިޒާރު އެހިއެވެ.
"ނޭނގެ." އަންޖަލް ބުންޏެވެ.
އެއީ އާދައިގެ ކަމެއް ނޫނެވެ. މުހުސިނާއަށް އެ ކަން އެނގެއެވެ. އެހެނަސް އެ ވާހަކަ ނުދެއްކީއެވެ.
"ދެން ކޮން ދުވަހަކުން ފަޅުރަށަށް ދަނީ؟" ވަރަށް އުންމީދާ އެކުގައި އަންޖަލް އެހިއެވެ.
މުހުސިނާ އުޅުނީ ދަތުރު ކުރުކޮށްލާފައި މާލެ ދާން ނިންމި ވާހަކަ ބުނާށެވެ.
"މާމަ ހިތަށް އަރަނީ..." މުހުސިނާއަށް ބުނެވުނީ އެ ހިސާބަށެވެ.
ނިޒާރު ބޮލުން ނޫނެކޭ ބުނުމުން އެ ވާހަކަ ވެސް މުހުސިނާ ނުދެއްކީއެވެ. މުހުސިނާ އާއި ނިޒާރަށް ވެސް ނޭނގުނު ކަމަކީ، އަންޖަލް ވެސް ވާހަކައެއް ސިއްރު ކުރި ކަމެވެ. (ނުނިމޭ)