Roadha Mihaaru

އިންޑިއާ ކޯޗުގެ މަގާމަށް ޒަވީ ކުރިމަތިލީ ވާހަކައަކީ ދޮގެއް

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ޒަވީ ހެނާންޑޭޒް ކުރިމަތިލީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

އިންޑިއާ ކޯޗުކަމަށް ޒަވީ ކުރިމަތިލީ ވާހަކައަކީ ދޮގެއް

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ޒަވީ ހެނާންޑޭޒް ކުރިމަތިލީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

މިދިޔަ ހަފުތާގައި ގިނަ ބަޔަކު ހައިރާންކޮށްލީ، އިންޑިއާގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ޒަވީ ކުރިމަތިލާފައިވާ ކަމަށާއި، ނަމަވެސް އޭނާ އަށް ދޭން ޖެހޭ މުސާރަ ބޮޑުކަމުން އިންޑިއާ އިން އޭނާ ޝޯޓްލިސްޓްނުކޮށްލި ދޫކޮށްލި ހަބަރުންނެވެ.

އެކަމަކު އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ ޒަވީގެ ނަމުގައި ހުށަހަޅާފައިވަނީ ފޭކް ލިޔުމެއް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އިންޑިއާ މީހަކު ސަމާސާއަކަށް ކުރި ކަމެކެވެ.

އޭރު ވެސް ގިނަ ބަޔަކު ވަނީ ޒަވީ ކުރިމަތިލީ ކަމަށް ދެކެވުނު ވާހަކައިގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ސަބަބަކީ ޒަވީ އަށް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން ފުރުސަތު އޮއްވާ، އޭޝިއާ ފެންވަރުގެ ވެސް އާދައިގެ ގައުމެއްގެ ވަޒީފާ އަށް އޭނާ ކުރިމަތިލުމުންނެވެ.

އަނެއްކޮޅުން ޒަވީ ދާދި ފަހުން ވަނީ އަރަބި ގައުމީ ޓީމެއްގެ ބޮޑު ހުށަހެޅުމެއް ވެސް ދޫކޮށްލައިފަ އެވެ. މީހުން ސުވާލު އުފެއްދި އަނެއް ކަމަކީ ޒަވީ، އިންޑިއާގެ ކޯޗުކަން ބޭނުން ނަމަ އޭޖެންޓް މެދުވެރިކޮށް އެންމެ ކޯލަކުން ހުށަހެޅެން އޮއްވާ، އޭނާ އާއްމު އީމެއިލަކުން ވަޒީފާ އަށް ހުށަހެޅުމުންނެވެ.

ޒަވީ އަކީ ސްޕެއިނާ އެކު ވޯލްޑް ކަޕާއި، ޔޫރޯ، އަދި ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރެކެެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ ގަތަރުގެ އައް ސާދު އިންނެވެ. އޭގެ ފަހުން ބާސެލޯނާ އަށް ކޯޗުކޮށްދީ އެ ޓީމަށް ލީގު ކާމިޔާބުކޮށްދިނެވެ. މަގާމުން ވަކިވީ މެނޭޖްމަންޓާ މެދު އުފެދުނު ހިޔާލު ތަފާތުވުމެއްގަ އެވެ.

އޭއައިއެފްއެފް އިން ބުނީ އިންޑިއާ ކޯޗުގެ މަގާމަށް 170 މީހަކު ކުރިމަތިލީ ކަމަށާއި ޓެކްނިކަލް ކޮމިޓީން 10 މީހެއްގެ ހުށަހެޅުން ރިވިއުކޮށް އޭގެ ތެރެއިން ތިން މީހަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ކޯޗަކު ފައިނަލްކުރާނީ އެގްޒެކެޓިވް ކޮމިޓީންނެވެ. ކޯޗެއް ކަނޑައެޅުމުގައި އިންޑިއާ އިން ބަލަނީ އެ ގައުމާއި، އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އަށެވެ.