Roadha Mihaaru

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އޮންނަ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެ

ނިޒާމު ބަދަލުކުރުމަށް އާއްމުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ދިއުމަށް އިންތިހާބު ބާއްވަން ދީފައިވާ މުއްދަތު އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެދިއްޖެ އެވެ.

ހިޔާލު ހޯދާ ވޯޓުގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

21 ޖުލައި 2025

ނިޒާމު ބަދަލުކުރުމަށް އާއްމުންގެ ފެންނަ/ނުފެންނަ ވޯޓަކަށް ދިއުމަށް އިންތިހާބު ބާއްވަން ދީފައިވާ މުއްދަތު އިތުރުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެދިއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައި އާންމުން ފެންނަ ނުފެންނަ ގޮތެއް ހޯދަން އެހުމަށެވެ.

އެ ބިލުގައި ބުނީ އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި، އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ރެފަރެންޑަމް އަކީ މީހުން ހޭލުންތެރިކުރުމަށްފަހު ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، އިންތިހާބު ބާއްވަން މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އީސީގެ ރައީސް ޒާހިދު (ވ) އަދި ނައިބު ރައީސް ސޮލާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖިލީހުގެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އީސީގެ ރައީސް ޒާހިދު (ވ) އަދި ނައިބު ރައީސް ސޮލާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، އެހެން އިންތިހާބުތައް ބާއްވަން ދީފައިވާ މުއްދަތުތަކޭ އެއްގޮތަށް 45-120 ދުވަހުގެ މުއްދަތެއް ދީފިނަމަ ފަސޭހަވާނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ދައްކާދީފައިވާ އެއްޗަކީ މާދަން ބާއްވާށޭ ބުންޏަސް ބޭއްވޭ ކަހަލަ ހާލަތެއްގައި އަޅުގަނޑުމެން ތިބީ. އޭގައި ހުރި ގޮންޖެހުންތަކާއެކު ވެސް އެކަން ކުރާނަން. ގޮންޖެހުންތައް އެބަހުރި. އޭގެ ތެރޭގައި ފައިސާގެ ގޮންޖެހުމާއި އިންތިހާބު ބާއްވަން ބޭނުންވާ މީހުން ނެތުމާއި ބައިވަރު ގޮންޖެހުންތައް ހުންނާނެ. އެކަމަކު އަޅުގަނޑުމެން އެކަން ކުރާނަން،" ޒާހިދު ވިދާޅުވި އެވެ.

އޭނާ ވަނީ އެ ބިލުގައި އިބާރަތްކޮށްފައިވާ ބައެއް ކަންކަން އިސްލާހުކުރަން ހުށަހަޅުއްވައިފަ އެވެ.

މެމްބަރެއްގެ ސުވާލަކާ ގުޅިގެން އީސީގެ މެމްބަރަކު ވިދާޅުވީ އެ މަސައްކަތާ ގުޅިގެން އޭޖީ އޮފީހުން މިހާތަނަށް މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

ފަލާހު މަޖިލީހަށް ހުށަހެޅުއްވީ އެކަމާ ގުޅޭ ބިލެވެ.