Roadha Mihaaru

ފުލުސް މީހާއާ އެކު ދިޔައީ ޑްރަގް ބަލައި، ދެ މީހުން ވެސް ކޮކެއިންއަށް ޕޮޒިޓިވް

މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުސް މީހާ ދިޔައީ އޭނާއާ އެކު ދެން ހައްޔަރުކުރި މީހާ އެކު މަސްތުވާތަކެތި ބަލައި ކަމަށާއި ހައްޔަރުކޮށް ޓެސްޓުކުރި އިރު ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ހައްޔަރުކުރި ފުލުސް ކޮކެއިންއަށް ޕޮޒިޓިވް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ޖުލައި 2025

މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުސް މީހާ ދިޔައީ އޭނާއާ އެކު ދެން ހައްޔަރުކުރި މީހާ އެކު މަސްތުވާތަކެތި ބަލައި ކަމަށާއި ހައްޔަރުކޮށް ޓެސްޓުކުރި އިރު ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ ދިލްބަހާރުގޭ އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ ހަޒާރުމާގޭ ސައިފުﷲ އަހްމަދު، 26، އެވެ.

ޝިޔާޒާ އަކީ ފުލުހެއް ކަމަށާއި އޭނާ މިހާރު ހުރީ ސަސްޕެންޑުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ތެރެއިން ސައިފުﷲ އަކީ ކުރިން ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފަ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފައި ވާއިރު ފުލުހުން ކޯޓުގައި ބުނީ ދެ މީހުން ވެސް ސީއޯސީ އަށް ޕޮޒިޓިވް ކަމަށެވެ. އެއީ ކޮކެއިން ބޭނުންކޮށްފައި ހުރުމުން ޓެސްޓުން ދައްކާ ގޮތެވެ.

ސައިފުﷲގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަލައި ފާސްކުރީ، އިތުރު މީހަކާ އެކު ޑްރަގް ބަލައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ޝިޔާޒާގެ ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އޭނާގެ ދަބަހުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަން ދެ ގްރާމަށް ވުރެ ގިނަ އެވެ.

ސައިފުﷲގެ ބަންދަށް 10 ދުވަސް ދީފައި ވާއިރު ޝިޔާޒާގެ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ. އެއީ އޭނާގެ ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.