Roadha Mihaaru

މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން ސެޕްޓެމްބަރު މަހު ބާއްވަނީ

ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ރިސޯޓް ރަން ކަމަށްވާ "މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން" އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ހައިޑްއަވޭ ރިސޯޓް ރަން ސެޕްޓެމްބަރު ބާއްވަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 ޖުލައި 2025

ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ރިސޯޓް ރަން ކަމަށްވާ "މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަން" އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ހައިޑްއަވޭ ރިސޯޓުގެ ރަންގެ ރޭސް އެންޑް ވެލްނަސް ޕާޓްނަރު ޓީއެފްޖީ އާއި ޓްރާންސްޕޯޓް ޕާޓްނަރު މޯލްޑިވިއަން އަދި ކޮންޓެންޓް އެންޑް މީޑިއާ ޕާޓްނަރު ކޮރަލް ގްލާސްއާ އެކު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި ބާއްވަން ހަމަޖެހިފައިވާ އެ ދުވުމަކީ އަންނަ ސެޕްޓެމްބަރު މަހު ފާހަގަކުރާ "ވޯލްޑް ވެލްނަސް ވީކް"އާ ގުޅުވައިގެން ބާއްވާ ހަތަރު ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ދުވުމެކެވެ.

ފިޓްނަސް ކްލިނިކް ސެޝަންތަކަކާއި އިރުއޮއްސޭ ވަގުތަށް ހާއްސަކޮށް ސައުންޑް ހީލިންގް ހިމަނައިގެން ކުރިއަށް ގެންދާ ޔޯގާ ސެޝަނެއްގެ އިތުރުން އަކުއާ ފިޓްނަސް ފަދަ ގިނަ ހަރަކާތްތަކެއް ހިމަނާފައިވާ "ވެލްނަސް ވީކް" ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށެވެ. އޭގެ ތެރެއިން ދުވުން އޮންނާނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.

މިއީ ފިޓްނަސްގެ އިތުރުން ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓުކޮށް، ތަފާތު ހިތްގައިމު ލޮކޭޝަނެއްގައި ދުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް ހައިޑްއަވޭ ރިސޯޓުން ބުންޏެވެ. އެ ދުވުމުގައި 5ކޭ އަދި 10ކޭގެ އިތުރުން ކުޑަކުދިންނާއި އެކު ބެލެނިވެރިންނަށް ބައިވެރިވެވޭނެ ހާއްސަ "ކިޑްސް ޑޭޝް" ކެޓަގަރީއެއް ހިމެނެ އެވެ.

އެ ދުވުމުގެ 5ކޭ އާއި 10ކޭ އަކީ ދުވުމުގެ ރޭސް އެންޑް ވެލްނަސް ޕާޓްނަރު ޓީއެފްޖީއިން ޓައިމްކޮށް ކުރިއަށް ގެންދާ ދުވުމެކެވެ. އެ ދުވުމުގެ އަންހެން އަދި ފިރިހެން ކެޓަގަރީއިން ވަކިވަކިން އެއް ވަނަ އާއި ދެވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. އެ ދުވުމާއި ގުޅިގެން ބާއްވާ އެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ވެސް ޓީއެފްޖީއިން ފޯރުކޮށްދޭނެ އެވެ.

މޯލްޑިވްސް ހައިޑްއަވޭ ރިސޯޓް ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ ޓޫރިސްޓުންގެ އިތުރުން ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ދުވުމުކެވެ. އެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓީއެފްޖީގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ބައިވެރިވެވޭނެ އެވެ. އަދި އެ އިވެންޓަށް ހާއްސަކޮށް ތިން ދުވަހާއި ދެ ރޭގެ ހުރުން ހިމެނޭ ހާއްސަ ޕެކޭޖުތަކެއް ވެސް ހައިޑްއަވޭ ރިސޯޓުން ވަނީ ތައާރަފްކޮށްފަ އެވެ.

އެ ދުވުމަކީ ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފައިވާ ހަރަކާތެކެވެ.