Roadha Mihaaru
ޓީއެފްޖީން ކުޑަކުދިންނަށް ހާއްސަ ޖިމެއް

ރާއްޖޭގެ ފުރަތަމަ ކުޑަކުދިންގެ ޖިމް ޓީއެފްޖީން ހުޅުވައިިފި

14 އޯގަސްޓް 2023

ކުޑަކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިމެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޑަކުދިންނަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިމެއް ހުޅުވައިފި އެވެ.

މި ޖިމަކީ ޓީއެފްޖީން ކިޑްސް ޖިމް (ކޭޖީ)ގެ ނަމުގައި ހުޅުވި ޖިމެކެވެ. މި ޖިމަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ޕްރޮމޯޓުކޮށް ކުޑަކުދިން ބާރުވެރިކުރުވުމުގެ މަގުސަދުގައި ހުޅުވި ޖިމެއް ކަމަށް އެ ތަނުން ބުންޏެވެ. އަދި މި ޖިމަކީ ހުރިހާ އުމުރުތަކެއްގެ މެދުގައި ހެލްތު އެންޑް ފިޓްނަސް ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަަތްތަކުގެ ދަށުން ހުޅުވި ތަނެއް ކަމަށް ވެސް ބުންޏެވެ.

ޖިމްގެ ޓްރެއިނަރެއް ކުދިންނާއި އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޖިމްގެ ޓްރެއިނަރެއް ކުދިންނާއި އެކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޖިމަކީ މަޖާ މާހައުލެއްގައި އާ ކަންތައްތަކެއް ކުދިންނަށް ދަސްވާނެ ތަނެއް ކަމަށް ވެސް ޓީއެފްޖީން ބުނެ އެވެ. މި ތަނުގައި ފިޒިކަލް އެޑިއުކޭޝަން އަދި ގްރޫޕް ޕީޓީ ދެ އެވެ. އަދި އެރޮބިކްސް އާއި ސްޓްރެންތު ކްލާސްތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ޓީއެފްޖީން ބުނީ މި ޖިމަކީ ކުދިންނަށް ތަފާތު ތަޖުރިބާއެއްކޮށް، މަޖާ މާހައުލެއްގައި އާ ކަންތައްތަކެއް ދަސްކުރުމަށް ލިބޭނެ ތަނެއް ކަމަށެވެ. މި ޖިމްގައި ކުޅުމުގެ ތެރެއިން ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ރާވާފައިވާ ހަރަކާތްތަކަކީ ކުދިންގެ ވިސްނުން ތަރައްގީކުރުމާއި ނަފްސަށް އޮންނަ ގާބިލުކަން އިތުރުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް ބުންޏެވެ. އަދި މި ތަނުގެ އެންމެ ފަހުގެ ވަސީލަތްތައް ހުންނާނެ ކަމަށާއި ކުދިންނަށް އިރުޝާދު ދިނުމުގައި ގާބިލު ޓްރެއިނަރުން ތިބޭނެ ކަމަށް ވެސް ބުންޏެވެ.

ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ މި ޖިމަކީ ފިޓްނަސް އާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުދިންގެ ޝައުގުވެރިކަން ހޯދޭނެ ތަނެއް ކަމަށެވެ. އަދި މި ޖިމުގެ އަމާޒަކީ ކުދިން ބާރުވެރިކޮށް، ގާބިލުކަން އިތުރުކޮށް އިތުބާރާއި އެކު ކުރިމަތިލާ މުސްތަގްބަލެއް ކުދިންނަށް ހޯދައިދިނުން ކަމަށް ވެސް ޒިނާން ވިދާޅުވި އެވެ.

ކިޑްސް ޖިމަކީ ފަސް އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހާއްސަކޮށް ޑިޒައިންކޮސްފައިވާ ޖިމެކެވެ. މި ޖިމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ޖިމުގުން ޓީއެފްޖީ މެމްބަރުންގެ ދަރިންނަށް ޑިސްކައުންޓް ލިބޭނެ އެވެ.

ކިޑްސް ޖިމް ހުޅުވީ ޓީއެފްޖީ މިހާރު ހިންގަމުންދާ މއ. ހައިވަކަރުގޭގެ ފަސް ވަނަ ފްލޯގަ އެވެ.