މި އަހަރުގެ ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މ. މުލީގައި މިއަދު ފަށައިފި އެވެ.
މި އަހަރުގެ ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މ. މުލީގައި މިއަދު ފަށައިފި އެވެ.
އޯޕަން ބައިގެ ހީޓްތަކުން ހެނދުނު މުބާރާތް ފެށީ 22 އެތުލީޓުންނާ އެކު އެވެ. އުމުރުން 18 އަހަރުން ދަށުގެ ޖޫނިއާ ބައިގައި 21 އެތުލީޓުން ވާދަ ކުރެ އެވެ.
އޯޕަން ބައިގެ ފުރަތަމަ ބުރުގައި ޒުވާން ރާޅާއެޅުންތެރިން ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. ފުރަތަމަ ބުރުގެ ހީޓްތަކުން އެއްވަނަ އަދި ދެވަނަ އެތުލީޓުން ވަނީ ތިންވަނަ ބުރަށް ހޮވިފަ އެވެ. ދެން ތިބި އެތުލީޓުން ވަނީ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ.
ފުރަތަމަ ހީޓްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ފަހަތަށް ޖައްސާލައި އެއްވަނަ ހޯދީ ސައްޔިދު ސަލާހުއްދީން އެވެ. ސައްޔިދު ޖުމްލަ 10.83 ޕޮއިންޓް ހޯދި އިރު ހޫދަށް ލިބުނީ 8.16 ޕޮއިންޓެވެ. ފަސް ޕޮއިންޓް ލިބުނު ޖައިލަމް ނިޒާރަށް ތިންވަނަ ލިބުނު އިރު ދެން ވާދަކުރި އިބްރާހިމް ޒަކީ އަށް ވަނީ 3.47 ޕޮއިންޓް ލިބިފަ އެވެ.
ދެވަނަ ހީޓްގެ އެއްވަނަ ހޯދީ 8.50 ޕޮއިންޓް ހޯދި ކަޔާން އަބްދުﷲ އަރީފް އެވެ. ދެވަނައަށް ދިޔަ ޔަސީން އަހުމަދު ނާޝިދަށް 6.46 ޕޮއިންޓް ލިބުނުއިރު، މި ހީޓްގައި ދެން ވާދަ ކުރީ އަހުމަދު ރަޝީދާއި ނައުފަލް އަހުމަދެވެ.
ތިންވަނަ ހީޓްގައި، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ވުރެ ޖުމްލަ 0.13 ޕޮއިންޓްގެ ތަފާތުން އާދަމް މުއީން އިބްރާޙިމް ކާމިޔާބު ކުރީ ޖުމްލަ 7.83 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައަށް ދިޔަ ހަސަން ނާސިހް (ޗިކާ) އަށް ދެވަނައަށް އަރަން ބޭނުންވީ 3.88 ޕޮއިންޓްގެ ރާޅެކެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.83 އަކާއި 3.73 ޕޮއިންޓެވެ. މި ހީޓްގައި ދެން ވާދަ ކުރީ މުހައްމަދު އިބްރާހިމެވެ.
ފުރަތަމަ ބުރުގެ އެންމެ ބޮޑު ސްކޯ ހަދައިގެން އަހުމަދު އާގިލް (އަންމަޑޭ) ވަނީ ހަތަރުވަނަ ހީޓް ކާމިޔާބު ކޮށްފަ އެވެ. މި ހީޓްގެ ދެވަނައަށް ދިޔައީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. ދެން ހިމެނުނީ ޝައިހާން ހުސެއިން ސޮލާހާއި އަބްދުﷲ އަރީފް (ފުކޫ) އެވެ.
ފަސްވަނަ ހީޓްގެ އެއްވަނަ ހީދީ މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. އޭނާ ވަނީ ޖުމްލަ 7.87 ޕޮއިންޓް ހޯދައިފަ އެވެ ޖުމްލަ 0.04 ޕޮއިންޓްގެ ތަފާތުން ދެވަނަ ލިބުނީ ޝާނިފް ޝަފީގް އަށެވެ. މި ހީޓްގައި ދެން ވާދަކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ލިބުނީ 6.66 ޕޮއިންޓެވެ.
މި ބުރުގެ ފަހު ހީޓުގެ އެއްވަނަ ހޯދީ 11.34 ޕޮއިންޓް ހޯދި ނަޖާހު މުހައްމަދު (ކަބޯ) އެވެ. ދެވަނައަށް ދިޔަ އައިހަމް އަދުނާނަށް 6.23 ޕޮއިންޓް ލިބުނު އިރު ދެން ވާދަކުރި އަހުމަދު ލުޒެއިން އަށް ވަނީ 5.53 ޕޮއިންޓް ލިބިފަ އެވެ.
ދެވަނަ ބުރުގެ ތިން ހީޓުން ވެސް ދެ ރާޅާއެޅުންތެރިންނަށް ވަނީ ތިންވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. ހަތަރު ރާޅާއެޅުންތެރިން ވާދަކުރި ފުރަތަމަ ހީޓުން އަހުމަދު ރަޝީދު އެއްވަނަ ހޯދި އިރު، ދެވަނަ ހޯދީ ޖައިލަމް ނިޒާރެވެ. ދެވަނަ ހީޓުގައި ވާދަކުރަން އޮތް ދެ ރާޅާއެޅުންތެރިން ކަމަށްވާ ނާސިހް އާއި ސޮލާހު އޮޓަމެޓިކުން އަނެއް ބުރަށް ގޮސްފައި ވާއިރު، ތިންވަނަ ހީޓުން އެއްވަނަ ހޯދީ ލުޒެއިން އެވެ. އަދި ދެވަނަ ހޯދާފައި ވަނީ ކަޔާން ޒަކީ އެވެ.
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓްތައް ވެސް މިއަދު ބޭއްވި އެވެ. ކޮންމެ ހީޓަކުން އެއްވަނަ އަދި ދެވަނައަށް ދިޔަ ރާޅާއެޅުންތެރިން ތިންވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ބާކީ ތިބި ރާޅާއެޅުންތެރިން ދެވަނަ ބުރުގައި ވާދަ ކުރާނެ އެވެ.
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓް 1 ގެ އެއްވަނަ ހޯދި، އެންމެ ފަހުގެ ޗެމްޕިއަން އިނާން ވަނީ ޖުމްލަ 13.67 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދި މުހައްމަދު އާހިލް އިބްރާހިމަށް ލިބުނީ 4.03 ޕޮއިންޓެވެ. ނޫހް ވަނީ 9.67 ޕޮއިންޓް ހޯދައިގެން ދެވަނަ ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ހޯދި ލުޒެއިން އަށް ލިބުނީ 6.83 ޕޮއިންޓެވެ.
ތިންވަނަ ހީޓުގެ އެއްވަނަ ހޯދި ޔަސީން އަހުމަދު ނާޝިދު ޖުމްލަ 11 ޕޮއިންޓް ހޯދި އިރު ދެވަނަ ހޯދި އަހުމަދު އާލް އާދިލް އަށް ލިބުނީ 4.30 ޕޮއިންޓެވެ. އަދި ހަތަރުވަނަ ހީޓު ކާމިޔާބުކުރީ ކަޔާން ޒަކީ އެވެ. އޭނާ ވަނީ ޖުމްލަ 12 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދި އަހުމަދު އުލްވާން ވަނީ ޖުމްލަ 4.67 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި އެންމެ މަތީ ސްކޯއެއް ހެދީ ސައްޔިދެވެ. އޭނާ ވަނީ 8.33 ޕޮއިންޓްގެ ރާޅަކާއި 7.00 ޕޮއިންޓްގެ ރާޅަކާ އެކު ޖުމްލަ 15.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މި ހީޓްގެ ދެވަނަ ލިބުނު ހުސެއިން އަޒާން އިސްމާއިލަށް ވަނީ 6.30 ޕޮއިންޓް ލިބިފަ އެވެ.
މި ބުރުގެ ފަހު ހީޓުގެ އެއްވަނަ ހޯދީ ކަޔާން އަރީފް އެވެ. އޭނާ އެއްވަނަ ހޯދީ ޖުމްލަ 12.50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ލިބުނު އަހުމަދު ރަފާން ރައުފް ވަނީ 6.17 ޕޮއިންޓް ހޯދައިފަ އެވެ.
ދެވަނަ ބުރުގައި ތިން ހީޓެއް ކުރިއަށް ގެންދާއިރު، ފުރަތަމަ ހީޓްގައި ވާދަ ކުރާނީ މުހައްމަދު ރަޖުވާން އަހުމަދު ފަޔާޒް އާއި މުހައްމަދު ރިޒާން އަލީ އަދި އަހުމަދު ރަޖުވާން އިބްރާހިމް އެެވެ. ދެވަނަ ހީތުގައި ވާދަކުރާނީ އަހުމަދު އައިޝަމް ނިޒާރު، ޝަހީދު ހުސެއިން އަދި އަހުމަދު ދިމްޔާނެވެ. ފަހު ހީޓުގައި ވާދަ ކުރާނީ ޝައްފާން އަހުމަދާއި ޝަމީން ޝަރުމީލް ނަސީރު އަދި ކެޔާން އުމަރު އަހުމަދު ޝަރީފް އެވެ. ތިންވަނަ ބުރަށް ހޮވޭނީ ކޮންމެ ހީޓަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ރާޅާއެޅުންތެރިންނެވެ.
ރެކޯޑް ސްކޯއަކާ އެކު ޖޫނިއާ ޗެމްޕިއަންކަން ސައްޔިދަށް
އަންމަޑޭ އަލުން މުލީގެ ޗެމްޕިއަންކަން ހޯދައިފި
އޯޕަން ޗެމްޕިއަންކަން ހޫދުއަށް، ޖޫނިއާ ތަށި ޔަސީންއަށް
ސާފިންގެ އަންހެން ޗެމްޕިއަންކަން އާޔާ އަށް
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް
ރަންދާ ރާޅުގަނޑުގައި ޖޫނިއާ ސެމީއަށް ސާފަރުން ހޮވިއްޖެ
14 އަހަރުގެ ކަޔާން ސީނިއާ ސާފަރުން ސިއްސުވާލައިފި
އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން
ސްމައިލީ މުލީގައި ޗެމްޕިއަންކަން ހޯދައިފި
ފުކޫ، އެސްޔޫޕީ ޗެމްޕިއަންކަން ދިފާއު ކޮށްފި