Roadha Mihaaru

ގޯލްޑް ކަޕްގެ ތ. އަތޮޅުގެ ކޮލިފައިން ބާއްވަން ތިމަރަފުއްޓަށް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ތ. އަތޮޅު ކޮލިފައިން ބާއްވަން ތިމަރަފުށި ހަމަޖައްސައިފި އެވެ.

ގޯލްޑް ކަޕްގެ ތ. އަތޮޅުގެ ކޮލިފައިން ތިމަރަފުށީގައި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ޖުލައި 2025

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ތ. އަތޮޅު ކޮލިފައިން ބާއްވަން ތިމަރަފުށި ހަމަޖައްސައިފި އެވެ.

މިފަހަރު 28 ޓީމަށް ފުރުސަތު ދީގެން ބާއްވާ ގޯލްޑް ކަޕްގެ 18 ޓީމު ކަނޑައަޅާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ. އެ މުބާރާތުގެ އަތޮޅު ކޮލިފައިން ބާއްވަން ރަށްތަކަށް ފުރުސަތު ހުޅުވާލުމުން ތ. އަތޮޅުގެ ކޮލިފައިން ބާއްވަން ތިމަރަފުށިން ޝައުގުވެރިވި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހިމް ވިދާޅުވީ އަތޮޅު ކޮލިފައިން ބާއްވަން ނިންމީ ރައްޔިތުންގެ ބައްދަލުވުމުގައި ފާސްކޮށްގެން ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ދެންނެވީ ޝައުގުވެރިކަން އެބަހުއްޓޭ. އެކަމަކު އަޅުގަނޑުމެންނަށް އެކަން ނިންމޭނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބަލާފައި ކަމަށް. ރައްޔިތުންގެ ބައްދަލުވުމަކުން މިހާރު ވަނީ ނިންމާފަ ރަށުގައި ކޮލިފައިން ބާއްވަން. (ނައިންޓީ ޕްލަސް) އާ އެކު އެގްރިމެންޓްގައި ސޮއި ވެސް ކޮށްފައި ވާނީ،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިންޓީ ޕްލަސްއިން ކޮލިފައިން މުބާރާތާގެން ކުރިއަށްދާނެ ގޮތް އެންގުމުން ކައުންސިލުން އެ މަސައްކަތް ފަށައި ގަންނާނެ ކަމަށެވެ.

ނައިންޓީ ޕްލަސްއިން ބުނީ ތ. އަތޮޅުގެ އެހެން ރަށެއްގެ ސިގްނަލަކަށް މަޑުނުކޮށް ތިމަރަފުށިން ޝައުގުވެރިކަން ފާޅު ކުރުމުން އެ ރަށުގައި ކޮލިފައިން ބާއްވަން ފުރުސަތު ދޭން ނިންމީ މިދިޔަ އަހަރު މުބާރާތުގައި ތ. އަތޮޅުން ވާދަކުރި ހަމައެކަނި ޓީމަށް ތިމަރަފުށިން ވުމުން ކަމަށެވެ.

ލ. އަތޮޅުގެ ކޮލިފައިން ބާއްވަން، އެ އަތޮޅު ކައުންސިލާ އެކު މދިޔަ ހަފުތާގައި ނައިންޓީ ޕްލަސްއިން ވަނީ އެއްބަސްވުން ހަދައިފަ އެވެ.

ލ. އަތޮޅު ވެގެންދާނީ ކޮލިފައިން ފަށާ ފުރަތަމަ އަތޮޅަށެވެ. އެ އަތޮޅުގައި ކޮލިފައިން ބާއްވާނީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ލާމަސީލް ލާމް ފުޓްބޯޅަ ޓޯނަމެންޓްގެ ތެރެއިންނެވެ. އެ މުބާރާތުގެ މިފަހަރުގެ ޗެމްޕިއަން ޓީމަށް ގޯލްޑް ކަޕުގެ ލ. އަތޮޅުގެ ޖާގަ ކަށަވަރުވާނެ އެވެ.

ކޮންމެ އަތޮޅަކުން ވެސް ޗެމްޕިއަން ޓީމު މުބާރާތަށް ކޮލިފައި ވާނެ އެވެ. މިފަހަރުގެ މުބާރާތުން މިހާތަނަށް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ. އެ ދެ ސިޓީ އަށް ފުރުސަތު ދެނީ އިންވިޓޭޝަންގެ އުސޫލުންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.

ގޯލްޑް ކަޕް މިފަހަރުގެ ފޯމެޓް:

- ޖުމުލަ 28 ޓީމު

- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން

- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް

- ބާކީ 18 ޖާގަ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިން މޮޅުވާ ޓީމުތަކަށް

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.

މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.