Roadha Mihaaru
އިންގްލެންޑް މިސާލު ނަގަންވީ ޖަރުމަނުގެ ކިބައިން: ކޯޗު

އިންގްލެންޑް މިސާލު ނަގަންވީ ޖަރުމަނުގެ ކިބައިން: ކޯޗު

22 މާޗް 2017

ބާލިން، ޖަރުމަން ( މާޗް 22) - ބައިނަލްއަގްވާމީ ރަހުމަތެރިކަމުގެ މެޗެއްގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުތުމުގެ ކުރިން އިންގްލެންޑުން މިސާލު ނަގަންވީ ޖަރުމަނުގެ ކިބައިން ކަމަށް އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާލިން، ޖަރުމަން ( މާޗް 22) - ބައިނަލްއަގްވާމީ ރަހުމަތެރިކަމުގެ މެޗެއްގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުތުމުގެ ކުރިން އިންގްލެންޑުން މިސާލު ނަގަންވީ ޖަރުމަނުގެ ކިބައިން ކަމަށް އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޖަރުމަނުގައި މިރޭ ކުޅޭ މެޗަކީ އިންގްލެންޑުގެ ކޯޗުކަން ސައުތުގޭޓާ ދާއިމީކޮށް ހަވާލުކުރި ފަހުން ކުޅޭ ފުރަތަމަ މެޗެވެ.

ސައުތުގޭޓް ބުނީ މިއީ އޭނާގެ ކޯޗުކަމުގައި މުސްތަގުބަލަށް ވެސް ވިސްނައިގެން ކުޅޭ ފުރަތަމަ މެޗު ކަމަށް ވުމުން ހުރިހާ ގޮތަކުން ވެސް މެޗަށްދޭ ސަމާލުކަން ބޮޑުވެފައިވާ ކަމަށެވެ.

"އަހަރެން ކުރިން ހުރީ ވަގުތީ ކޯޗަކަށް. އޭރާ މިހާރާ ވަރަށް ތަފާތު. އެއީ މިހާރު މެޗަކަށް ފަހު މެޗަކަށް ވުރެ ބޮޑަށް އެބަޖެހޭ ދުރަށް ވިސްނަން. މުސްތަގުބަލުގައި މި ޓީމު ބައްޓަން ކުރާނެ ގޮތަކާ މެދު ވިސްނާފައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ،" ސައުތުގޭޓް ބުންޏެވެ.

ޖަރުމަނަކީ އަކީ 21 ވަނަ ގަރުނުގައި އެންމެ ރަނގަޅު ޕްލޭނަކާ އެކު ފުޓްބޯޅަ ކުރިއަށްގެންދިޔަ ގައުމުކަމަށް ސައުތުގޭޓް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެންނަށް މިސާލު ނެގިދާނެ ޖަރުމަނުގެ ކިބައިން. އެ ޓީމަކީ ރަނގަޅު ޕްލޭނަކާ އެކު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ވޯލްޑް ކަޕް ޗެމްޕިއަންކަން ވެސް ނަގާފައިވާ ޓީމެއް. މި ވިސްނުމުގައި އަހަރެން ބޭނުމީ އިންގްލެންޑް ގޮވައިގެން ކުރިއަށްދާން،" އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ދެ ޓީމަށް ވެސް ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އިންގްލެންޑުން ކެޕްޓަން ވޭން ރޫނީ އާއި ހެރީ ކޭން އަދި ޖޯޑަން ހެންޑަސަން މި ފަހަރުގެ ސްކޮޑުގައި ހިމަނާފައިނުވާއިރު، މި މެޗުގައި އަނިޔާގެ ސަބަބުން ޖަރުމަނުގެ މެސުޓް އޮޒިލް އާއި ޖޫލިއަން ޑްރެކްސްލާ އަދި މެނުއަލް ނޯޔާ އަށް ނުކުޅެވޭނެ އެވެ.

އިންގްލެންޑް ވަނީ އެންމެ ފަހުން ޖަރުމަނާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން މިދިޔަ އަހަރު މާޗް މަހު މޮޅުވެފަ އެވެ. ބާލިންގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި އެ ފަހަރު އިންގްލެންޑް މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ. މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.