Roadha Mihaaru

ކަދުރު ރުކުގެ ބަހުސް ވަރަށް މަތީގައި

އައްޑޫގެ ރީތި "ރުއްފަށާ" ކަނޑައި ހުސްކޮށްލުމުން ވެސް މި ބަހުސްކުރަން ޖެހުނެވެ. އޭގެ ތިން އަހަރު ފަހުން މިއަދު ވެސް ހަމަ އެ ބަހުސެވެ. ދިވެހީންގެ ރުއް، ގައުމީ ގަހުގެ ހިޔާ ނުހޯދައި، މި މާހައުލާ މާ ބީރައްޓެހި ކަދުރު ރުއްތަކެއްގެ ނިވަލަށް ދިއުމުން އާންމުން ގާތަށް ރުޅި އައީ އެވެ.

ކަދުރު ރުކުގެ ބަހުސް ވަރަށް މަތީގައި
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ޖުލައި 2025

އައްޑޫގެ ރީތި "ރުއްފަށާ" ކަނޑައި ހުސްކޮށްލުމުން ވެސް މި ބަހުސްކުރަން ޖެހުނެވެ. އޭގެ ތިން އަހަރު ފަހުން މިއަދު ވެސް ހަމަ އެ ބަހުސެވެ. ދިވެހީންގެ ރުއް، ގައުމީ ގަހުގެ ހިޔާ ނުހޯދައި، މި މާހައުލާ މާ ބީރައްޓެހި ކަދުރު ރުއްތަކެއްގެ ނިވަލަށް ދިއުމުން އާންމުން ގާތަށް ރުޅި އައީ އެވެ.

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ބޭރުގައި ކަދުރު ރުއް އިންދުން މި ފަހަރު އާންމުންނަށް ބަލައިނުގަނެވުނެވެ.

އެއް ބަޔަކު ބުނަނީ ދިވެހިންގެ އެއާޕޯޓުގައި ޖަހަން ޖެހޭނީ ދިވެހީންގެ ރުއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: މި މަހު 26 ގައި މި ޓާމިނަލް ހުޅުވަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: މި މަހު 26 ގައި މި ޓާމިނަލް ހުޅުވަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ސުކޫލުގައި ދިވެހި ބަހުގެ މުއްސަނދިކަން ކިޔައިދެން ދިވެހި ރުކުގެ ބައިތަކާ އަޅާ ތަކެއްޗަށް ކިޔާ ގިނަ ނަންތައް ބުނެދެ އެވެ. ރުކުން އުފައްދާ ބާވަތްތަކާއި އެ ރުކުން ގައުމެއް ބިނާކުރިގޮތް ބުނެދެ އެވެ. ދަރިވަރު ގައުމުގެ މައި އެއާޕޯޓަށް ދިޔަ އިރު ފެންނާނީ ކަދުރު ރުކެވެ. ދަރިވަރު ހިތަށް އަރާނެ އެވެ،" ރާއްޖޭގެ ތާރީހު ދިރާސާކުރާ އަދި ކުރިން ދިވެހިބަހާއި ތާރީހުގެ މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފައިވާ ޝައްމޫން ޖަލީލް (ލޫކަސް) އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އަހަރުމެންނަށް ގައުމީ ލޯބި ކިޔައިދީފައި، ވެރިންގެ ހިތުގައި އެ ލޯތްބެއް ނެތެވެ."

"އަހަރުމެންނަށް ގައުމީ ލޯބި ކިޔައިދީފައި، ވެރިންގެ ހިތުގައި އެ ލޯތްބެއް ނެތެވެ."

ލޫކަސް ބުނި ގޮތުގައި، ރާއްޖޭގެ ބައެއް ރަށްރަށް އަރާއިރު ވެސް މިހާރު ފުރަތަމަ ފެންނަން ހުންނަނީ ލެޓިން އަކުރުން ޖަހާފައި ހުންނަ އެ ރަށުގެ ނަމެވެ. އަދި ބަނދަރުމަތީގައި ކަދުރު ރުއްތަކެވެ.

ދިވެހިންގެ އަމިއްލަ އަކުރެއް ނެތް ކަމާއި ޓްރޮޕިކަލް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރާ އިރު، ދިވެހި ރުކެއް ފެންނަން ނެތުމުން އެ މަންޒަރު ފެންނަ ޓޫރިސްޓު މީހާ ހިތުގައި ވެސް އެ ސުވާލު އުދޭނެ ކަމަށް އޭނާ ބުންޏެވެ.

"ތިމާވެށީގެ ވާހަކަ ދައްކާއިރު ވެހި (ނޭޓިވް) ދިރުންތަކަށް ލޯތްބެއް ނެތެވެ،" ލޫކަސް ބުންޏެވެ.

ދިވެހި ރުކަކީ ރާއްޖޭގެ ރަށްރަށުގެ މަލަމަތި ރީތިކޮށްދޭ، ރަމްޒީ ގަހެކެވެ.

ގދ. އެހިވަކާގެ މަލަމަތި: މި ރަށުގެ ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގދ. އެހިވަކާގެ މަލަމަތި: މި ރަށުގެ ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާ ޓާމިނަލް ޑިޒައިންކުރީ ވެސް ދިވެހީންގެ ދިވެހިންވަންތަކަމާއި މި ގައުމުގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށެވެ. އެހެންވެ، އެ ޓާމިނަލުގެ ބޭރުގައި ކަދުރު ރުއް އިންދުމަކީ އެ ނިންމުމާ ދެކޮޅު ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.

ބައެއް މީހުން ބުނީ ސައޫދީ އަރަބިއްޔާގައި މިހާރު ތަރައްގީ ކުރަމުން އަންނަ، ރާއްޖެ އެއްގޮތްކުރާ "ރެޑް ސީ"ގެ ރިސޯޓުތަކުގައި ވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ރުއް ގެންގޮސްގެން އިންދާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި މި ހެދޭ ރުއްގަހަކީ ކިހާ އަގުހުރި އެއްޗެއްކަން ވަރަށް ސާފުކޮށް އެނގޭއިރު ވެސް، މި މާހައުލާ ނުގުޅޭ ގަސްތަކެއް ގެެނެސް އިންދުމުގެ ބޭނުމެއް ނުވިސްނޭ ކަމަށް ބައެއް މީހުން ބުންޏެވެ.

"ދިވެހި ރުއް ހިލޭ ލިބެން ހުއްޓައި، މެދުއިރުމަތީގެ ގައުމަކުން ކަދުރު ރުއް ގަނެގެން ގެނެސް ރާއްޖޭގެ މޫނު ބަލާ ލޯގަނޑު ކުރިމަތީގައި އިންދަނީ،" އެކްސްގައި އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ.

"ރާއްޖޭގެ މައި ދޮރާށިން ނުކުންނައިރު ކަދުރު ރުއް، ވެރިކަން ކުރާ ރަށަށް ފައިބާއިރު އެ ރަށް ވަށާ ކަދުރު ރުއް."

މި ބަހުސްގައި ދެކޮޅަށް ވާހަކަދައްކާ ގިނަ ބަޔަކު ވެސް އެބަތިއްބެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، މެއިންޓެނަންސްގެ ކަންކަން ފަސޭހަ ވާނީ އަދި އެއާޕޯޓް ކަހަލަ ގިނަ ބަޔަކު ގޮސް އުޅޭ ތަނެއްގައި ދިވެހި ރުކަަށް ވުރެ ކަނދުރު ރުއް ހުރުން މާ ރައްކާތެރިވާނެ އެވެ.

އެ ގޮތަށް ވާހަކަ ދައްކާ މީހުން ދެކޭގޮތުގައި، ރުކަކަކީ ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ވަރަށް ބޮޑު ގަހެކެވެ. އެކަމަށް ހިނގާ ހަރަދު ވެސް ބޮޑު ކަމަށާއި ފީވާ ފަނާއި ކާށި ވެރި އާންމުންނަށް އަނިޔާވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ. ހާއްސަކޮށް ދިވެހި ރުއް ދިގުވުމުގެ ސަބަބުން އެއާޕޯޓެއްގައި އިންދަން އެއީ ރައްކާތެރި އެއްޗަކަށް ނުވާނެ ކަމަށް އެ މީހުން ދެކެ އެވެ.

ގިނަ ބައެއްގެ އުފާވެރި ހަނދާންތަކަކާ ވެސް ގުޅިފައިވާ އައްޑޫގެ "ނަލަކަން" ދައްކައިދިން ލިންކު ރޯޑުގެ "ރުއްފަށާ"ގައި ހުރި 55 ރުއް އައްޑޫ ސިޓީ ކައުންސިލުން ކަނޑައި ހުސްކޮށްލީ ވެސް ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ އެވެ. ހަތްދިހަ ވަރަކަށް އަހަރު ވެފައި ހުރި އެ ރުއްތައް ކަނޑާލީ ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެރި، ނުރައްކާތެރި ހާދިސާތައް ހިނގާކަމުގެ ޝަކުވާ ލިބި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

"އެކަކު ބުނީ ދިވެހި ރުއް ބަލަހައްޓަން މެއިންޓަނަންސް ބޮޑު ކަމަށް. ކަދުރު ރުއް އިމްޕޯޓްކުރަން ދާ ހަރަދު މެއިންޓެނަންސްއަށް ނުކުރެވޭނެތަ؟"، ލޫކަސް ބުންޏެވެ.

"މެއިންޓެނަންސްއޭ! ކައުންސިލްތަކާއި އެމްއޭސީއެލްގައި ވަރުވަރުން މުވައްޒަފުން ލާފައި ތިބޭނެ. ދިވެހި ރުކަކީ ދުވާލަކު އެއްފަހަރު ސާފުކުރަން ޖެހޭ އެއްޗެއް ނޫން. ދުވަސްދުވަސްކޮޅުން ސާފުކުރަން ޖެހޭނީ. އޭގައި ގަންނަ އެއްޗެހި ވިއްކައިގެން ނުވަތަ ރާކޮށްގެން އާމްދަނީ ވެސް ހޯދޭނެ،" ދިވެހި ތާރީހު ދިރާސާކުރާ ނާޖިހު ދީދީ ބުންޏެވެ.

ބައެއް މީހުން ބުނީ އެއާޕޯޓެއްގައި، ދިވެހި ރުއް ކަހަލަ އުސްކޮށް ހެދޭ ގަސްގަހާގެހި އިންދުން އެއީ ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ. ރުކަކީ 10-30 މީޓަރު އުހަށް އާންމުކޮށް ހެދޭ ގަހެއް ކަމަށާއި އޭގެ މުލަކީ ވެސް ފުނަށް އަދި ދުރު ސަރަހައްދުތަކަށް ދުވާ އެއްޗެއް ކަމުން، އެ ދެގޮތަށް ބެލިޔަސް އާ ޓާމިނަލް ކައިރީގައި ދިވެހި ރުއް އިންދުން ރައްކާތެރި ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.

ދިވެހި ރުކަކީ ދޫނިސޫފާސޫފި ބިސްއެޅުމަށާއި ހާލި ހެދުމަށް ވެސް އަރާ ގަހަކަށް ވާތީ، އެއާޕޯޓެއްގައި ރުއް އިންދުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މި ބަހުސްގައި ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނެ އެވެ.

ދިވެހި ރުއް ނޫނަސް އަދި ކަދުރު ރުއް ނޫނަސް އެތަނުގައި އިންދޭނެ، ރާއްޖޭގެ މާހައުލާ ގުޅޭނެ ކިތައްމެ ގަހެއް އެބަހުއްޓެވެ. ތިމާވެށީގެ ހަރަކާތްތެރިން ވެސް މިއަދު ދައްކަނީ އެ ވާހަކަ އެވެ. ކުރަނީ އެ ބަހުސެވެ. ދިވެހި ރުއް ކަނޑާލާފައި ގައުމިއްޔަތު ދިރުވޭނެ ހެއްޔެވެ؟