Roadha Mihaaru
އައްޑޫ ސިޓީ ސްކެއާގައި ހުރި ރުއްތައް ކަނޑާލައިފި

އައްޑޫ ސިޓީ ސްކެއާގައި ހުރި ރުއްތައް ކަނޑާލައިފި

13 މެއި 2019

އައްޑޫ ހިތަދޫގައި އަލުން ތަރައްގީ ކުރަމުން އަންނަ ސިޓީ ސްކެއާގައި ހުރި ރުއްތަކެއް ކަނޑާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގައި އަލުން ތަރައްގީ ކުރަމުން އަންނަ ސިޓީ ސްކެއާގައި ހުރި ރުއްތަކެއް ކަނޑާލައިފި އެވެ.

އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ރުއް ކަނޑާލުމުން އެކަމަށް ފާޑު ކިޔައި އަދި ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގެ އެއް ފަރާތުން އޮންނަ ސަރަހައްދުގައި ބޮޑު ދިދައެއް ޖަހައި ސިޓީ ސްކެއާގެ ނަމުގައި އެތަން ތަރައްގީކޮށް އެންމެ ފުރަތަމަ ހުޅުވީ އައްޑޫގައި 2011 ގައި ބޭއްވި 17 ސާކް ސަމިޓާ ދިމާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެކަމަކު ފަހުން ސީޓި ސްކެއާގައި ދިދަ ނެގުން ހުއްޓި، އެތަން ނުބެލެހެއްޓި ގިިނަ ދުވަސްތަކެއް ވަންދެން އޮތެވެ. އަދި ދިދަ ދަނޑީގައި ދަބަރު ޖަހައި ހަލާކުވުމުން ދިދަ ވެއްޓިދާނެ ކަމަށް ބުނެ މިދިޔަ އަހަރު ވަނީ އެ ނަގައިގަ އެވެ.

ރުއްތަކެއް ކަނޑާލުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނައިރު، އެކަމާ ބެހޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ސިޓީ ސްކެއާގެ މަސައްކަތް އަލުން ރަސްމީކޮޑް ފަށަން ބޭއްވި ހަފުލާގެ ތެރެއިން.

އަލުން ސިޓީ ސްކެއާ ތަރައްގީކުރަން ނިންމައި މިހާރު އަލުން ދިދަ ދަނޑިއެއް ވެސް ހަރުކޮށްފައިވާ އިރު މި މަޝްރޫއު ރަސްމީކޮށް އައްޑޫ ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. ކައުންސިލުން ބުނި ގޮތުގައި އެތަން ތަރައްގީކޮށް ނިމޭއިރު އެއީ ކުދި ބޮޑު އެންމެންނަށް ހިތްފަސޭހެކަމާ އެކު އާއިލާތަކާ އެކު ވަގުތު ހޭދަކޮށްލެވޭ ކަހަލަ ހިތްގައިމު ތަނަކަށެވެ.