Roadha Mihaaru

"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!

ކުރީގެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ސްޓާލް ޕްލަސް އިން އިއްޔެ އާންމުކޮށްފި އެވެ.

"ކިޔުކީ 2"އާއެކު ތުލްސީ އެނބުރި ސިޓިންރޫމަށް!

ކުރީގެ މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ސްޓާލް ޕްލަސް އިން އިއްޔެ އާންމުކޮށްފި އެވެ.

އެ ޓީޒާގައި ފެންނަނީ، އެ ޑްރާމާގެ ލީޑު ކެރެކްޓާ ތުލްސީގެ ރޯލު ކުރިން ވެސް ކުޅުނު ސުމިރުތީ އިރާނީ އެވެ. އެނބުރި އަންނަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އެ ޑްރާމާގެ ފޭނުންނާއެކު އޮތް 25 އަހަރުގެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށް ވެސް، އެ ޓީޒާގައި ސުމިރުތީ ބުންޏެވެ.

ޓީޒާގައި ބުނި ގޮތުގައި، އާ ސީޒަންގެ އެޕިސޯޑުތައް ދައްކަން ފަށަނީ މި މަހު 29 އިން ފެށިގެން، ރާއްޖެ ގަޑިން ކޮންމެ ރެއަކު 11:00 ގަ އެވެ.

ކުރިން މި ޑްރާމާ ގެނެސްދޭ ގޮތަށް އޮތީ، މި ޑްރާމާގެ 25 ވަނަ އަހަރީ ދުވަހާ ދިމާކޮށް މި މަހު ތިނެއްގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ސުމިރުތީއާއެކު ލީޑު ފިރިހެން ކެރެކްޓާ މިހީރުގެ ރޯލުން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު އަމަރް އުޕަދަޔާޔީ އެވެ.

"ކިޔުކީ"ގެ އާ ސީޒަންގައި ގެނެސްދޭނީ 150-200 އެޕިސޯޑު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

"ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ފުރަތަމަ ސީޒަން 2000 ވަނަ އަހަރު ފަށައިގެން 8 އަހަރަށް ދިގުދެމިގެން ދިޔައިރު، 1،800 އަށް ވުރެ ގިނަ އެޕިސޯޑު ގެނެސްދިނެވެ. އެއީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ޓީވީ ޑްރާމާ އެވެ.

އެ ޑްރާމާއިން ލިބުނު މަޝްހޫރު ކަމުގައި ސުމިރުތީ ދެން ނުކުތީ ސިޔާސީ ދާއިރާއަށެވެ. އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ މެމްބަރެއް ކަމަށްވާ ސުމިރުތީ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށްފަ އެވެ. ނަމަވެސް، މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެފަ އެވެ.

ސުމިރުތީ ވަނީ އިންޑިއާ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފަ އެވެ.