Roadha Mihaaru

ބޭންކުން ނަގާ ފީއާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް

ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބޭންކުން ނަގާ ފީއާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް
ނާޒިމް ހަސަން
ނާޒިމް ހަސަން

01 ޖުލައި 2025

ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.

އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި އެކަމާ ދެކޮޅަށް 29 މެންބަރަކު ވޯޓު ދެއްވި އެވެ. އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

އެހެންވެ، އެ މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.

މައުރޫފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ އާންމުން އެންމެ ގިނައިން ވިޔަފާރިކުރާ ސައިޓްތަކުން ފީއެއް ނަގަން ބޭންކުން ނިންމުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ.

ސަރުކާރުން ގެންނަ މިފަދަ ކުއްލި ބަދަލުތަކާ ގުޅިގެން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ވެސް ކުއްލި މައްސަލަގައި ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގަ އެވެ.

ބޭންކުން ނަގާ ފީގެ އިތުރުން ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރުން ލާޒިމްކޮށް އޭގެ ތެރެއިން 90 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ފޮނުވަން މަޖުބޫރުކޮށްފައިވާ ނިންމުމަށް ވެސް ކުއްލި މައްސަލަގައި ވަނީ ފާޑުކިޔައިފަ އެވެ.

އެގޮތުން މައްސަލަގައި ބުނީ އެ ބަދަލުގެ ސަބަބުން އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވެފައިވާ ކަމަށާއި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން ދިޔަ ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.