Roadha Mihaaru
އެކައުންޓުތަކުން ފައިސާ ގެއްލޭތީ މެންބަރުންގެ ފާޑުކިޔުން

އެކައުންޓުން ފައިސާ "ގެއްލޭ" މައްސަލައިގައި ބީއެމްއެލް އަށް މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް

27 ފެބުރުއަރީ 2023

ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން އެކި ސްކޭމްތައް މެދުވެރިކޮށް ފައިސާ ގެއްލޭ ކަމަށް ބުނެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން އެކި ސްކޭމްތައް މެދުވެރިކޮށް ފައިސާ ގެއްލޭ ކަމަށް ބުނެ، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އޭނާ ވިދާޅުވީ، ބީއެމްއެލްގެ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ އެ ކައުންޓުތައް ނިސްބަތްވާ ފަރާތްތަކެއްގެ ޕާސަނަލް ގިނަ މައުލޫމާތުތަކެއް ބޭނުންކޮށްގެން ކަމަށެވެ. އާންމުންގެ އެކައުންޓުތަކަށް ޖަމާކުރާ ފައިސާ ގެއްލުމުގެ ސަބަބުން، ބޭންކަށް ކުރާ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން ބޭންކްތަކާ ހިލާފަށް ބީއެމްއެލްގެ އެކައުންޓުތަކުގައި ހުރި ފައިސާ ގެއްލޭ މައްސަލަތައް އިތުރުވުމަކީ ގިނަ ބަޔަކަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމާ ކުރިމަތިވަމުން ދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބަދުވެސް މި ބުނަނީ ދިވެހިންގެ ބޭންކޭ ރައްޔިތުންގެ ބޭންކޭ. މި ހުރިހާ އެއްޗެއް ކިޔާފައި އަބަދުވެސް ގެއްލުން ލިބެމުން ދަނީ އާންމު ރައްޔިތުންނަށް. ނިކަމެތި މީހާ އަށް ގެއްލުން ލިބެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ގިނަ މެންބަރުން ވަނީ ބީއެމްއެލް އަށް ފާޑު ވިދާޅުވެފަ އެވެ. އަދި، ފައިސާ އާ ގުޅޭ ކަންކަމުގައި އެކައުންޓްގެ މައުލޫމާތު ދޭއިރު އާންމުން ވެސް ވަރަށް ބޮޑަށް ރައްކާތެރިވުމަށް ބައެއް އެހެން މެމްބަރުން ވެސް ގޮވާލެއްވި އެވެ.

މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކަސްޓަމަރުންނަށް ނޭންގި އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލު ނުވެ، އެކަން އިތުރަށް ބޮޑުވަމުންދާ އިރު އެމްއެމްއޭ އިން މިކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މިކަހަލަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ވެސް އިތުރަށް ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

"އެބައޮތް ބޭންކުގައި އޮންނަ އެކައުންޓެއް ފްރީޒު ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފަ ކޯޓުން ހުކުމެއް ކޮށްފައި. މިއީ އަނެއްކާ މިކަން ހައްލުކުރުމަށް ދިމާވާ ގޮންޖެހުމެއް. މިކަހަލަ މައްސަލަތައް ހުރިހާ މުއައްސަސާތައް ގުޅިގެން ހައްލު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިކަން ހުއްޓުވަން އެމްއެމްއޭގެ އިތުރުން ބީއެމްއެލް އިން ވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެކައުންޓުތަކުން ފައިސާ ގެއްލުނު ނަމަވެސް، އެކަން ސިޔާސީ ކުރުމުގެ ގޮތުން މަޖިލީހަށް ހުށަހެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ދިމާވަނީ، ބޭންކުގެ އެތެރޭގެ މައްސަލަ އަށް ވުރެ ބޮޑަށް، މާލީ މައުލޫމާތުތަކަށް އާންމުން ރައްކާތެރިވާން ޖެހޭ ވަރަށް ރައްކާތެރި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަސްޓަމަރުން އެބަ ޖެހޭ ފައިސާ އަށް ރައްކާތެރިވާން. ހަގީގަތުގައި ރަނގަޅަށް ބަލައިފިއްޔާ ކޮންމެ ފައިސާއެއް ވެސް ގެއްލިފައި އޮންނަނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން. ނޭންގި ނަމަވެސް، އެނގިގެން ވެސް،" އޭނާ ވިދާޅުވި އެވެ.