Roadha Mihaaru
ބީއެމްއެލްއާ ގުޅޭ ޝަކުވާތައް ބަލާ ކޮމިޓީ ސިއްރު

ބީއެމްއެލްއާ ގުޅޭ ޝަކުވާތައް ބަލަން ބޭއްވި ކޮމިޓީ ސިއްރުކޮށްފި

01 މާޗް 2023

ބީއެމްއެލްއާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބެލުމަށް ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްއާ ގުޅޭ ގޮތުން ހުރި ޝަކުވާތައް ބެލުމަށް ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 11:00 ގައި ކޮމިޓީ ފެށުމުގެ ކުރިން އެ ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ، ކޮމިޓީ ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން، ކޮމިޓީއަށް ހާޒިރުކުރި އިދާރާތަކުގެ ހިޔާލު ހޯއްދަވައިފަ އެވެ.

ކޮމިޓީއަށް ހާޒިރުކުރީ، ބީއެމްއެލް އާއި އެމްއެމްއޭ އާއި ފުލުހުންނާއި ކޮމިއުނޭޝަން އޮތޯރިޓީގެ ވެރިންނެވެ.

ކޮމިޓީގައި ގަވަރުނަރު އަލީ ހާޝިމު ވިދާޅުވީ، އެ ކޮމިޓީ ހުޅުވާލައިގެން ކުރިއަށް ގެންދާ ނަމަ، ހާމަކުރާ ބައެއް މައުލޫމާތު އުނިކުރަން ޖެހޭނެ ކަމަށެވެ.

"އާންމުކޮށްފިއްޔާ އަޅުގަނޑުގެ މައުލޫމާތު ދަށްކޮށްލާނަން. ހާމަކުރެވޭ މައުލޫމާތު އެކަނި މިތަނުގައި ހާމަކުރާނީ. ދޭދޭ ފަރާތުގެ އެއްވެސް މައުލޫމާތެއް ނުދައްކާގޮތަށް އޮތީ، ހުޅުވާލައިފިއްޔާ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުން ވަނީ ކޮމިޓީ ސިއްރު ކުރަން އެދިފަ އެވެ. އެކަމަކު ބީއެމްއެލް އިން ވަނީ ހުޅުވާލައިގެން ކޮމިޓީ ބޭއްވިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

ކޮމިޓީގެ ގިނަ މެންބަރުން ވެސް ބޭނުންވީ ކޮމިޓީ ސިއްރުކުރާށެވެ.

އެސްއޯއީ ކޮމިޓީ މި މައްސަލަ ބަލަނީ ބީއެމްއެލްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން، އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް އިތުރުވަމުންދާތީ އެވެ.

ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. މިކަމުގައި ބޭންކުގެ އިހުމާލު އޮތް ކަމުގެ ތުހުމަތު ކުރި ނަމަވެސް ބީއެމްއެލް އިން ވަނީ ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދީފަ އެވެ.