Roadha Mihaaru

ޕާކިސްތާނުގައި 17 އަހަރުގެ ޓިކްޓޮކް ތަރިއެއް މަރާލައިފި

ޕާކިސްތާނުގައި ޓިކްޓޮކުން މަޝްހޫރުވެފައިވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށާއި އެ އަމަލު ހިންގީ އެ ކުއްޖާއާ ގުޅުން ބަދަހިކުރަން އޮންލައިންކޮށް އެތައް ފަހަރަކު ވާހަކަ ދައްކަން މަސައްކަތްކުރި ފިރިހެނަކު ކަމަށް ފުލުހުން ބުނެފި އެވެ.

ޕާކިސްތާނުގެ 17 އަހަރުގެ ޓިކްޓޮކް ތަރިއެއް މަރާލައިފި

ޕާކިސްތާނުގައި ޓިކްޓޮކުން މަޝްހޫރުވެފައިވާ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށާއި އެ އަމަލު ހިންގީ އެ ކުއްޖާއާ ގުޅުން ބަދަހިކުރަން އޮންލައިންކޮށް އެތައް ފަހަރަކު ވާހަކަ ދައްކަން މަސައްކަތްކުރި ފިރިހެނަކު ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހަފްތާގައި 17 އަހަރު ފުރުނު، ޓިކްޓޮކްގައި މިލިއަނެއްހާ ފޮލޯވަރުން ތިބި ސަނާ ޔޫސުފް މަރާލީ އިސްލާމްއާބާދުގައި ހުންނަ އެ ކުއްޖާގެ ގޭތެރޭގައި އިއްޔެ ހަވީރު އެވެ.

ކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި ވަނީ ކުއްޖާގެ ގޭދޮށުގައި އެތައް ގަޑިއިރެއް ވަންދެން ހުރި 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

"މިކަން ކުރި ކަމަށް ބެލެވެނީ އެތައް ފަހަރަކު ލޯބި ހުށަހަޅައި ގަބޫލު ނުކުރުމުން ކަމަށް ބެލެވޭ. އެ ފިރިހެން މީހާ ވަނީ ކުއްޖާއާ ބައްދަލުކުރަން ތަކުރާރުކޮށް މަސައްކަތްކޮށްފައި،" އިސްލާމްއާބާދުގެ ޕޮލިސް ޗީފް ސައީދު އަލީ ނާސިރު ރިޒްވީ ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

"މިއީ ދުރާލައި ރާވައިގެން ހިންގު ރަހުމު ކުޑަ އަމަލެއް،" އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގައި ވެސް ވަރަށް މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ސަނާ ގެންދިޔައީ އޭނާގެ 8 ލައްކައަށްވުރެ ގިނަ ފޮލޯވަރުންނަށް ލިޕް ސިންކް ވީޑިއޯތަކާއި ސްކިންކެއާ ލަފާތަކާއި ބިއުޓީ ޕްރޮޑަކްޓްތަކުގެ ޕްރޮމޯޝަނަލް ކޮންޓެންޓް ގެނެސްދެމުންނެވެ.

އޭނާގެ އެކައުންޓަށް އެންމެ ފަހުން އަޕްލޯޑްކުރި ވީޑިއޯއަކީ އޭނާ މަރާލުމުގެ ކުޑަ އިރުކޮޅެއް ކުރިން އުފަން ދުވަހަށް ކޭކު ފަޅާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

މި އަނިޔާވެރި އަމަލާ އެކު ވެސް ޕާކިސްތާނުގެ ވަރަށް ގިނަ މީހުން ދަނީ މިއީ ކުއްޖާ އުޅުނު ގޮތުން ދިމާވި ގޮތް ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.

ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާ ގައުމުގައި ވަނީ އާންމުވެފަ އެވެ. ކައިވެނީގެ ހުށަހެޅުންތަކަށް ދެކޮޅު ހަދާ އަންހެނުންނަށް ހަމަލާ ދިނުމަކީ މަދުން ނަމަވެސް އެ ގައުމުގައި ހިނގަމުން އަންނަ ކަމެކެވެ. އެ ގައުމުގައި 2021 ވަނަ އަހަރު ވަނީ 27 އަހަރުގެ އަންހެނަކު ކައިވެންޏަށް އެއްބަސްނުވުމުން ބޯ ބުރިކޮށްލައިގެން ވެސް މަރާލައިފަ އެވެ. އަދި 2016 ވަނަ އަހަރު ވެސް އަންހެނެއްގެ ކުރީގެ ލޯބިވެރިޔަކު ވަޅިން 23 ފަހަރު ހަމަލާ ދީފައިވެ އެވެ. އެކަމަކު ހަމަލާގައި އަންހެން މީހާ ވަނީ ސަލާމަތްވެފަ އެވެ. -- އޭއެފްޕީ