Roadha Mihaaru

ޣައްޒާގެ އެހީއަށް ހުރަސްއަޅާތީ ސްވިޑެން އިން އިޒްރޭލު ސަފީރު ހާޒިރުކުރަނީ

ފަލަސްތީނުގެ ޣައްޒާއަށް ބަނޑަށް ޖެހިފައި ވާއިރު ވެސް އެތަނަށް އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން ހުރަސްއަޅާ މައްސަލައިގައި އިޒްރޭލު ސަފީރު ހާޒިރުކުރާނެ ކަމަށް ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ސްވިޑެން އިން އިޒްރޭލު ސަފީރު ހާޒިރުކުރަނީ

ފަލަސްތީނުގެ ޣައްޒާއަށް ބަނޑަށް ޖެހިފައި ވާއިރު ވެސް އެތަނަށް އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން ހުރަސްއަޅާ މައްސަލައިގައި އިޒްރޭލު ސަފީރު ހާޒިރުކުރާނެ ކަމަށް ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

"ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން ހުރަސްއަޅަމުންދާ ދިއުމަށް ސްވިޑެން އިން ތާއީދެއް ނުކުރަން. އެއްގޮތަކަށް ވެސް ނުކުރަން،" ޓީޓީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ކްރިސްޓަސަން ވިދާޅުވި އެވެ.

ކްރިސްޓަސަންގެ ތަރުޖަމާނަކު ވަނީ އިޒްރޭލުގެ ސަފީރު ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"މި މައްސަލައިގައި ސްވިޑެންގެ ވިސްނުން ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ޔޫރަޕްގެ ގައުމުތަކާ އެކު ވާނީ ހާމަކޮށްފައި. ޕްރެޝަރު އެ ދަނީ އިތުރުވަމުން. އެކަމާ ސުވާލެއް ވެސް ނެތް. އެއީ ރަނގަޅު ސަަބަބުތަކުގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ވެއްދުން މާޗް މަހުން ފެށިގެން އިޒްރޭލުން އޮންނަނީ ހުއްޓުވައިފަ އެވެ. ޕްރެޝަރު ބޮޑުވުމާ އެކު އެހީގެ ބައެއް ޓްރަކްތައް ޣައްޒާއަށް ވަނުމަށް ހުއްދަ ދިން ނަމަވެސް އެތަކެތި އާންމުންނަށް ފޯރުކޮށްދިނުމަށް ވެސް އިޒްރޭލުން ދަނީ ހުރަސްއަޅަމުންނެވެ.

ކްރިސްޓަސަން ވިދާޅުވީ އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ޔޫރަޕިއަން ޔުނިއަން އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ އިންސާނީ ހައްގުތަކާއި ޑިމޮކްރަޓިކް އަސާސްތަކަށް އިހްތިރާމްކުރުމުގެ މާއްދާތަކަށް އިޒްރޭލުން އަމަލުކުރޭތޯ ބަލައި އެއްބަސްވުން ރިވިއުކުރަން އެ އިއްތިހާދުން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިއީ އެ އިއްތިހާދުގެ ހުރިހާ ގައުމެއްގެ ރުހުން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި ކްރިސްޓަސަން ވިދާޅުވީ އޭނާ އެކަމަށް ތާއީދުކުރައްވާ ކަމަށެވެ.

ފްރާންސްގެ ޑިޕްލޮމެޓުން ވިދާޅުވެފައިވާ ގޮތުގައި އީޔޫގެ މެމްބަރު 27 ގައުމުގެ ތެރެއިން 17 ގައުމަކުން ވަނީ އެއްބަސްވުން މުރާޖައާ ކުރުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް ޔޫރަޕްގެ ބޮޑު ބާރެއް ކަމަށްވާ ޖަރުމަނުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. -- އޭއެފްޕީ