Roadha Mihaaru

ސަމްސުއްނިސާ: އެތައް ކުދިންގެ "މަންމަ"އަކަށް

މާލޭގެ ހަލަބޮލިކަމާ ގާތްނުވެ، ރަށްރަށުގައި ތިބެގެން ރަނގަޅު ތައުލީމެއް ހޯދަން ބަލާ ނަމަ އެއް ރަށަކީ ބ. އޭދަފުއްޓެވެ. ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ ކުދިން އެ ރަށަށް ކިޔަވަން ބަދަލުވެ އެވެ. ބައެއް ފަހަރު މުޅި އާއިލާއާ އެކުގަ އެވެ. ލޯބިވާ އާއިލާއާ ވަކިން އެކަނި ބަދަލުވާން ޖެހޭ ކުދިން ވެސް ތިބެ އެވެ.

ސަމްސުއްނިސާ: އެތައް ކުދިންގެ "މަންމަ"އަކަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖޫން 2025

މާލޭގެ ހަލަބޮލިކަމާ ގާތްނުވެ، ރަށްރަށުގައި ތިބެގެން ރަނގަޅު ތައުލީމެއް ހޯދަން ބަލާ ނަމަ އެއް ރަށަކީ ބ. އޭދަފުއްޓެވެ. ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ ކުދިން އެ ރަށަށް ކިޔަވަން ބަދަލުވެ އެވެ. ބައެއް ފަހަރު މުޅި އާއިލާއާ އެކުގަ އެވެ. ލޯބިވާ އާއިލާއާ ވަކިން އެކަނި ބަދަލުވާން ޖެހޭ ކުދިން ވެސް ތިބެ އެވެ.

ހަޔާތުގެ މި މުހިއްމު ދަތުރުގައި އޭދަފުއްޓަށް ބަދަލުވާ ނަމަ ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އޮވެ އެވެ. އާއިލާ ނެތް ތަން ފޫބައްދައިދޭން ސަމްސުއްނިސާ އުމަރު ހުންނާނެ އެވެ. އެއީ ގިނަ ކުދިންތަކެއްގެ ހިތްވަރަކަށް ވި ދެވަނަ "މަންމަ" އެވެ.

މީގެ 13 އަހަރު ކުރިން، އުފަން ރަށް، ރ. މަޑުއްވަރީ ދޫކޮށް ސަމްސުއްނިސާ ނުވަތަ އޭދަފުށީ މީހުންގެ ބަހުން ނަމަ ދޮއްދައްތަ ވެސް އަހަރު ނުވާ ހަގު ދަރިފުޅާއި ހައެއްކަ އަހަރުގެ ދަރިފުޅު ގޮވައިގެން އޭދަފުއްޓަށް ބަދަލުވީ ދަރިންނަށް ކިޔަވައިދޭށެވެ. އޭރު އޭނާގެ އެއް ކުއްޖަކު އޭދަފުށިން ކިޔަވައި ނިންމައިފި އެވެ. ދެން ހުރި ކުއްޖާ ގްރޭޑު 5 ގަ އެވެ.

އަތުގައި ހިފި ނަސީބާއެކު 51 އަހަރުގައި ސަމްސުއްނިސާ ވެގެން ދިޔައީ އެތައް ކުދިންގެ "މަންމަ"އަށެވެ.

އޭނާ ބުނީ އޭދަފުއްޓަށް ބަދަލުވެ ފުރަތަމަ އުޅުނީ އެއްބަނޑުއެއްބަފާ މީހެއް ކައިރީގައި ދަނާލުގައި ކަމަށެވެ. އޭރު ވެސް، އާއިލާ މީހާގެ ހަވާލުގައި ކިޔަވަން ދެ ތިން ކުދިން އެ ތަނުގައި ތިއްބެވެ. އެހެން އުޅެނިކޮށް ތިން ކޮޓަރީގެ އެ ތަން ދޫކޮށްލުމުން، ސްކޫލުގައި މަސައްކަތްކުރާ ބައެއް މީހުން އެދިގެން ދަނާލުގެ ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓް ހޯދަން ކުރިމަތިލި އެވެ.

އިތުރު މީހަކު ހުށަހަޅާފައި ނެތުމުން ހަތަރު ކޮޓަރީގެ އެޕާޓްމަންޓް ސަމްސުއްނިސާއަށް ލިބުނެވެ. އެ ހިސާބުން ގެއަށް ބޭނުންވާ ފަރުނީޗު ހޯދަން، މަސްވެރިކަމުގައި އުޅޭ ފިރިމީހާ މަސައްކަތް ފަށައި އެ ތަނަށް ބަދަލުވި އެވެ.

ސަމްސުއްނިސާ، އޭނާ ކައިރީގައި ހުރެގެން އޭދަފުށީގައި ވަޒީފާއަދާކުރި މީހަކާއެކު ފޮޓޯއެއް ނަގަނީ.

ސަމްސުއްނިސާ، އޭނާ ކައިރީގައި ހުރެގެން އޭދަފުށީގައި ވަޒީފާއަދާކުރި މީހަކާއެކު ފޮޓޯއެއް ނަގަނީ.

އެކި ރަށްރަށުގެ ބެލެނިވެރިންގެ އެދުމުގެ މަތިން ފަހަރަކު ކުއްޖަކަށް ހިޔާވަހިކަން ދެމުން، ސަމްސުއްނިސާ ކައިރީގައި ތިބެގެން އެކި ރަށްރަށުގެ ހަތަރު އަންހެން ކުދިންނާއި 13 ފިރިހެން ކުދިންނާއެކު ޖުމްލަ 17 ކުދިން މި ވަގުތު ވެސް އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ގިނައީ އޭ ލެވެލް ކިޔަވާ ކުދިންނެވެ. ކުއްޖަކު މަހަކު ދައްކަން ޖެހެނީ ހާހެއްހާ ރުފިޔާ އެވެ. ސަމްސުއްނިސާ ކައިރީގައި މި ވަގުތު ހުރީ އޭނާގެ އުފަން އެންމެ ކުއްޖެކެވެ.

މީގެ ހަތަރު މަހެއް ވަރު ކުރިން އެ އަދަދު 23 އަށް ވެސް އެރި އެވެ. އޭރު އެ ހުރިހާ ކުދިންނަށް ކޮޓަރި ދިނުމަށްފަހު އޭނާ ނިދީ ސިޓިން ރޫމުގަ އެވެ.

"އައީއްސުރެ މި ތަނުގައި މި އުޅެނީ. ފުލްކޮށް ލިބޭ ކުދިން ގެންގުޅެން. އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ." ސަމްސުއްނިސާ ބުންޏެވެ.

ފަތިހު ތެދުވެ ކޮންމެ ދުވަހަކު ވެސް އެ ކުދިންގެ އެހީތެރިކަމާ އެކު މެޝިނަށް އެއްޗެހި އަޅައި، ހެނދުނުގެ ސައި ހަދަ އެވެ. އެ ރަށުގައި ހިންގާ އަމިއްލަ ޕްރީ ސްކޫލު، ބަހިއްޔާ ސްކޫލުގެ މަސައްކަތު ޑިއުޓީއަށް ދަނީ އެއްޗެހި ހިއްކަން އަޅައި ހެނދުނުގެ ނާސްތާއަށް ސަބްމެރިނާއި މަސް ބަނަހާއި ސޭންޑްވިޗް ކަހަލަ އެއްޗެހި ހެދުމަށްފަހުގަ އެވެ. ކުދިން ސްކޫލު ބްރޭކަށް ފޮނުވާލަން ވާއިރަށް 9 ޖެހުމުގެ ކުރިން އަނެއްކާ ގެއަށް ދެ އެވެ. މެންދުރަށް ވެސް ކޮންމެ ދުވަހަކު ވަކިން ކައްކަނީ އެވެ.

ރޭގަނޑުގެ ކެއުމަށް ހަދަނީ އެ ކުދިން ބޭނުންވާ ގޮތަށް ޕާސްތާ އާއި ސްޕެގެޓީ ކަހަލަ މީރު ކެއުންތަކެވެ.

ސަމްސުއްނިސާ، އޭނާގެ ފިރިމީހައާއެކު. ކުދިން ބެލެހެއްޓުމުގައި ފިރިމީހާގެ ބޮޑު ސަޕޯޓެއް ލިބޭ.

ސަމްސުއްނިސާ، އޭނާގެ ފިރިމީހައާއެކު. ކުދިން ބެލެހެއްޓުމުގައި ފިރިމީހާގެ ބޮޑު ސަޕޯޓެއް ލިބޭ.

ސަމްސުއްނިސާ ގަބޫލުކުރާ ގޮތުގައި އޭނާ ކައިރީގައި ތިބެގެން ކިޔަވަން ބޭނުންވާ ކުދިން ގިނައީ ބޭރުން ދިޔަ ކުއްޖެއްކަމުގެ އިހުސާސް ނުކޮށްދޭތީ އެވެ. އެ ކުދިންނަށް ދީފައި އޮންނަ މިނިވަންކަމާއި ތަފާތުކުރުމެއް ނުގެންގުޅުމަކީ ވެސް އަނެއް ސަބަބެވެ.

"ކުރިން މި ގޭގައި އުޅެފައި ތިބި ކުދިން ކައިރިން އަހައިގެން އެގޮތަށް މައުލޫމާތު ހޯދައިގެން ބެލެނިވެރިން އެ ގުޅަނީ ކުދިންނަށް ޖާގަ ހޯދަން،" އޭނާ ބުންޏެވެ.

"ސްކޫލުން ވެސް ވަރަށް އިތުބާރުކުރޭ. ކުއްޖަކަށް ގޮތެއް ނުހަދާނެ ކަމާއި ކުދިން ހިތްހަމަޖެހިގެންކަން ތިބޭނީ، ސްކޫލުން ވެސް އަސްލު އިތުބާރުކުރޭ ވަރަށް."

ވޭތުވެދިޔަ އަހަރުތަކުގައި އޭނާގެ ކައިރީގައި ތިބެގެން 50 އަށްވުރެ ގިނަ ކުދިން ކިޔަވައިފި އެވެ. ސްކޫލު މަރުހަލާ ނިންމުމަށްފަހު އަނބުރާ ރަށަށް ދިޔަ ނަމަވެސް އެ ކުދިންނާ އޮންނަ ގުޅުން ބަދަހި އެވެ.

އެ ކުދިންނާ ދޭތެރޭ ކަންތައް ކުރިގޮތާ މެދު ދެރަވެގެން އޭނާ ވާހަކަތަކެއް އަޑުއަހަން ނުޖެހެ އެވެ.

"ކޮންމެ ކުއްޖަކު ކައިރީގައި ވެސް ބުނަން ގެއަށް އައިސްފައި ކުއްޖަކު ހިތްހަމަނުޖެހިގެން ދާ ދުވަހަކީ އެންމެ ދެރަވާ ދުވަހޭ. ހިތްހަމަނުޖެހިގެން އަދި ނުދޭ އެއްވެސް ކުއްޖެއް. ކޮންމެ ކުއްޖަކު ވެސް މި ގެއިން ދަނީ ވަރަށް ޝުކުރު އަދާކޮށްފައި. އެހެންވެ، ވަރަށް އުފާވޭ،" ސަމްސުއްނިސާ ބުންޏެވެ.

މައިންގެ ދުވަހު، އެ ގޭގައި ކިޔަވަން ތިބޭ ކުދިންގެ ފަރާތުން ދިން ސިޓީއެއް.

މައިންގެ ދުވަހު، އެ ގޭގައި ކިޔަވަން ތިބޭ ކުދިންގެ ފަރާތުން ދިން ސިޓީއެއް.

ސަމްސުއްނިސާއާ އެ ކުދިންނާ ދޭތެރޭގައި އޮންނަ ގުޅުމާއި ލޯބި އެނގިގެން ދިޔަ އެއް ދުވަހަކީ މިދިޔަ މެއި 10 ގައި ފާހަގަކުރި މައިންގެ ދުވަހެވެ.

ކަމެއްގައި އޭނާ ބޭރަށް ދިޔަ ވަގުތު ބަލައި، އެ ގޭގައި ތިބޭ ކުދިން ވަނީ ގޭތެރެ ޒީނަތްތެރިކޮށް މަންމައިންގެ ދުވަހަށް ތައްޔާރުވެފަ އެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލައި އެތެރެއަށް ވަނުމާ އެކު އެ ހުރިހާ ކުދިން ވަނީ އެއްފަހަރާ މައިންގެ ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ.

"ބުނާނެ އެއްޗެއް ވެސް ނޭނގުނު. އެ ރޭ ބޭރަށް ދާން އުޅުނީމަ ވެސް ބުނި ދައްތަ ކިހާ އިރަކު ހެއްޔޭ އަންނަނީ ކިޔައިގެން. އައިސް ނިދާށޭ ކިޔާފައި ދިޔައީ. އެ ރޭ ވަރަށް ސަކަރާތް ޖަހާފައި ދިޔައީ. ގޮސް އައިއިރު ހުރީ ތިރިން ނިއްވާލާފައި. ހިތަށް އެރީ ނިދީއޭ. ދެން ދޮރު ހުޅުވާލިއިރު ފިރިހެން ކުދިން އުޅޭ ކޮޓަރި ދޮރުމަތީގައި އެބަތިބި މީހުން. ހަމަ ހަޅޭލަވައިގެންފައި ބޮކި ދިއްލީ. ނޭނގުނު ވީ ގޮތެއް ވެސް [އުފަލުން ގޮސް]،"

ސަމްސުއްނިސާ.

ސަމްސުއްނިސާ.

"[ގޭގައި ކިޔަވަން ތިބޭ] ކުދިން ވެސް ހަމަ ލޯބިވޭ. އެ ކުދިން ލޯބިވާ ކަމުގެ ހެއްކެއް އެ ކުދިންގެ ޕާސަނަލް ވާހަކަތައް ކައިރީގައި އިނދެގެން ކިޔައިދޭނެ. ދައްތައަށް އިނގޭހޭ، މިހެންނޭ ކިޔައިގެން ހުރިހާ ވާހަކައެއް ކިޔައިދޭނެ. ދެން ރޯދަ މަހު ވެސް ޗުއްޓީ ވެގެން އެ މީހުން ރަށުގައި ތިބިއްޔާ، ހާއްސަކޮށް ކުޑަރިކިލު ކުދިން އަމިއްލައަށް ލޯންޗު ކުއްޔަށް ނަގައިގެން ގެންދާނެ ރޯދަ ވީއްލަން. ގެންގޮސް ބީޗުގައި ރޯދަ ވީއްލުން ހަދާފައި ހުންނާނީ. ނިންމާފައި އެ ރޭ ރޭގަނޑު ލައިދޭނެ ރަށަށް ވެސް،" އޭނާ ބުންޏެވެ.

އެއްފަހަރާ އެހާ ގިނަ ކުދިން ބައިތިއްބައިގެން އުޅޭތީ ބަޔަކު އެ ޝަކުވާ ވެސް ކުރި އެވެ. އެހެންވެ، ސްކޫލުން، އެ ގޭގައި ތިބޭ ކުދިންގެ ބެލެނިވެރިންނަށް ވަކިން ގުޅައި އެކަމުގެ މައުލޫމާތު ހޯދިއިރު އެނގުނީ އެ ތަނުގައި ކުދިން ބައިތިއްބަނީ ބެލެނިވެރިން ބޭނުންވެގެން ކަމެވެ.

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

"ކުދިން އެބަތިބި އެއީ ކުދިންގެ ދެ ވަނަ މަންމަކަމަށް، އަސްލު މަންމަ ކައިރީގައި ބުނެފައި،"

"ވަރަށް ލޯބިވޭ ކުދިން ވެސް. ދެން އަމިއްލަ ދަރިންނޭ އެއީ ހަމަ. ބުނަމޭ ކިޔަވަން މި ގޭ ދޮރުން ވަނުމަށްފަހު އަމިއްލަ ދަރިންނޭ އެއީ. އެއްވެސް ކުއްޖެއް ތަފާތެއް ނުވާނެ. އަމިއްލަ ދަރިއަކާ ގެންގުޅޭ ދަރިއަކާ. އެއްވެސް އެއްޗެއް ނުހުންނާނެ ކުދިންނަށް އަތްލެވުން މަނާ އެއްޗެއް. ކާ އެއްޗެއް ވެސް ކުދިން ބޭނުން އެއްޗެއް ކާންވީ،" އޭނާ ބުންޏެވެ.