Roadha Mihaaru

ދޯންޏެއްގައި މީހަކަށް ހަމަލާދީގެން ޖަލަށްލި އާސިފް، ބޭބެގެ ބޮލަށް ވަޅިން ހަމަލާދީގެން ހައްޔަރުކޮށްފި

މީގެ ފަސް އަހަރު ކުރިން ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި 10 އަހަރަށް ޖަލަށްލި ރ. މަޑުއްވަރީ މީހެއްކަމަށްވާ އިސްމާއިލް އާސިފް އޭނާގެ ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ރޭ ހައްޔަރުކޮށްފި އެވެ.

ހަމަލާދީގެން ޖަލަށްލި މީހަކު ބޭބެއަށް ވަޅިން ހަމަލާދީފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

01 އެޕްރީލް 2025

މީގެ ފަސް އަހަރު ކުރިން ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައިގައި 10 އަހަރަށް ޖަލަށްލި ރ. މަޑުއްވަރީ މީހެއްކަމަށްވާ އިސްމާއިލް އާސިފް އޭނާގެ ބޭބެއަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޑުއްވަރީގައި ދެ މީހެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގި މައްސަލައެއް ރޭ 11:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި 35 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މީހާގެ ވަނަވަރު ފުލުހުން ހާމަ ނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ލަނޑާ ނަގާ ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިން އިސްމާއިލް އާސިފެވެ. އޭނާގެ މައްޗަށް ވަނީ މި މައްސަލަގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އާސިފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒު ކުރަން އޮތީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ހުރީ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނެ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ދޫކޮށްލާފައިވާ ކަމަށްވެ އެވެ.

އޭނާ ދޫކޮށްލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހްގެ ވެރިކަމުގައި 2023 ވަނަ އަހަރު ރައީސް އޭނާގެ އަދަބު ލުއިކޮށް ދެއްވުމުންނެވެ.

ރޭގެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ފޮނުވާލައިފަ އެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މަޑުއްވަރީން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ މާރާމާރީ ހިނގަން މެދުވެރިވީ، ހަމަލާދިން މީހާ 20ރ. ބޭނުންވެގެން އޭނާ ބައްޕަ ކައިރި ބުނި ހިސާބުން ކަމަށެވެ.

"ރުފިޔާ ބޭނުންވެގެން ބައްޕަ ކައިރީގައި ބުނީމާ، ދެން ހުރި މީހާ އެ އާއިލާގެ އެހެން މީހުންނަށް ގުޅާފައި މި ބުނަނީ އޭނާ ބައްޕަ ކައިރީގައި 20ރ. ދޭން ބުނެފިއޭ. ފަހަރަކު މީހަކަށް ކަހަލަ ގޮތަކަށް ގުޅާފައި ބުނަނީ އެހެން. އެ އަޑު މި އިވެނީ އެ ފިރިހެން މީހާއަށް. އެކަމާ ރުޅިއައިސްގެން ވަޅިން ހަމަލާދިނީ،" ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

"ފުންކޮށެއް ނޫން ވަޅި ހެރިފައި ހުރީކީ. އަނިޔާވި މީހާ ފުލުހުން ކައިރި ބުނި މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް."

އާސިފާ އެކު 2019 ވަނަ އަހަރު ހައްމާދު ވެސް ހައްޔަރުކުރި އެވެ. ހައްމާދު ހައްޔަރުކުރީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގަ އެވެ. އެ މައްސަލައިގައި ހައްމާދަށް 14 އަހަރުގެ ހުކުމެއް އިއްވި އެވެ. މި ދެ މީހުންގެ މެދުގައި އޭރު މާރާމާރީ ހިންގީ ރިސޯޓްތަކާއި ބައެއް ރަށްތަކުގެ ވަގަށް ނަގާ ތަކެއްޗަކީ ޣަނީމާ މުދާ ކަމަށް ބުނެ ކުރި ވައްކަމެއް ފަޅާއެރުމުން އެކަމުގެ ޒިންމާ ނަގަން ނަގަން ހައްމާދު އިންކާރު ކުރުމުން ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން އޭރު ބުނެފައިވެ އެވެ.