ކައިވެނީގެ ނަމުގައި ރ. މަޑުއްވަރީގައި ވެސް އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ އެވެ.
19 ޑިސެމްބަރ 2019
ކައިވެނީގެ ނަމުގައި ރ. މަޑުއްވަރީގައި ވެސް އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވީ، އެ ރަށުގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުންގެ ހަރަކާތްތަކުން އާއްމުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ބިރުވެރިކަން އުފެދި، ފުލުހުންނާއި ސިފައިން ހިންގާ އޮޕަރޭޝަންގެ ތެރެއިންނެވެ. ހަރުކަށި ފިކުރުގެ އާއިލާއަކަށް ނިސްބަތްވާ މި ކުއްޖާ އިއްޔެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.
މީގެ ކުރިން ފެންމަތިވީ، މަޑުއްވަރީ އިސްމާއިލް ހައްމާދު، އެހެން ރަށެއްގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ބަނޑުބޮޑުވެ ވިހެއި މައްސަލަ އެވެ. ކައިވެނީގެ ނަމުގައި އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފެންމަތިވީ ހަރުކަށި ފިކުރުގެ ހައްމާދާއި މަޑުއްވަރީ އިސްމާއިލް އާސިފްއާ ދެމެދު ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.
ހައްމާދު ކައިވެނީގެ ނަމުގައި އަނިޔާކުރީ މަޑުއްވަރީ ކުއްޖަކަށް ނޫނެވެ. އެ އަންހެން ކުއްޖާގެ ބައްޕަ އަކީ އެނގިފައިވާ ގޮތުގައި، އއ. ހިމަންދޫ މީހެކެވެ. ހައްމާދު، ރޭޕްކުރި ކުއްޖާ އާއި އޭނާގެ ދަރިފުޅު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ.
މަޑުއްވަރިން ވާހަކަ ދެއްކި އަންހެނަކު ބުނީ އެ ރަށަށް ނިސްބަތްވާ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކީ، ބަނޑުބޮޑު ކަމުގެ ތުހުމަތާ އެކުގަ އެވެ. އެކަމަކު އެ ކުއްޖާ ބަނޑުބޮޑު ނޫން ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
"އެ ކުއްޖާ ކައިވެނިކުރުވުމާ ގުޅޭ ގޮތުން އެހުމުން ބުނި ކަމަށް ވޭ ކޮބައިހޭ މައްސަލަ އަކީ؟ އެ ކުދިންގެ ސިކުނޑި އަށް އެ ފިކުރު ވައްދާފައި ހުރި ވަރު އެއީ،" މަޑުއްވަރީގެ އަންހެނަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ބުނިގޮތުގައި މިދިޔަ އަހަރުން ފެށިގެން އެ ކުއްޖާ ސްކޫލަކަށް ނުފޮނުވަ އެވެ. އޭރުއްސުރެން މި މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެ ރަށަށް ގޮސް ބަޔާން ވެސް ނެގި ކަމަށް ވެ އެވެ. މި ކުއްޖާ ސްކޫލަށް ނުދާ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ޓީމަކާއި ރަށު ކައުންސިލަރެއްގެ އިތުރުން ސްކޫލް ޓީޗަރަކު ވާހަކަ ދެއްކި ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
މަޑުއްވަރީގެ މި ކުއްޖާ އަށް އިހުމާލުވެފައިވާ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަދި ވާހަކައެއް ނުދައްކަ އެވެ.
މަޑުއްވަރީގައި އުޅޭ ހައްދުފަހަނައަޅައިދިއުމުގެ ވިސްނުމުގެ މީހުން ގަބޫލުކުރާ ގޮތުގައި، އަންހެން ކުދިން ބާލިޣުވުމުން، ދެ ޖިންސް އެކީގައި ކިޔަވަން ފޮނުވުމަކީ އިސްލާމްދީނާ ޚިލާފު އަމަލެކެވެ. އެ މީހުންގެ އަނބިންނާއި ޅަ އަންހެން ކުދިން ގެންގުޅެނީ ބޭރަށް ނުނެރެ ގޭތެރޭގަ އެވެ.
ޅަ އުމުރުގައި ކައިވެނިކުރުވުމާއި ބަލިވެ އިނުމާއި ވެކްސިން ނުދިނުން އަދި ތައުލީމުން މަހްރޫމްކުރުމަކީ ހައްގުތަކެއް ނިގުޅައިގަތުން ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.
ސަލާމަތީ ޚިދުމަތްތަކުން މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަނާ ބެހޭ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަމުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް. ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް މަހްރޫމްކޮށްގެން ގެންގުޅުމަކީ އެމީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް،" ބަޝީރު ވިދާޅުވި އެވެ. ކުޑަކުދިންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ވެކްސިން ދިނުމާއި ކިޔެވުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. ފުލުހުންގެ އޮޕަރޭޝަންގައި، ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކަކާ އެކު ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް ބަޝީރު ވަނީ ވިދާޅުވެފަ އެވެ.
ހުޅުޖެހުމުގެ ތުހުމަތަށް ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
ހުޅުޖެހުން، ވައްކަމުގެތުހުމަތަށް އިިތުރު މީހަކު ހައްޔަރު
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
މަޑުއްވަރީން އިތުރު ތިން މީހަކު ހައްޔަރުކޮށްފި
މައްސަލައަކީ ވެކްސިނެއް ނޫން، ހައްގުން މަހްރޫމްކުރުން!
މަޑުއްވަރީގެ އޮޕަރޭޝަން އަދިވެސް ކުރިއަށް
ދެކޮޅު ހެދި މީހުން ނަސޭހަތް ގަބޫލުކޮށް ވެކްސިން ދީފި
ހައްމާދަށް ހަމަލާދިނީ އާސިފް؛ ގުޅެނީ ވައްކަމާ!
މަޑުއްވަރީގައި ހަރުކަށި ފިކުރު ހުއްޓުވަން ފިޔަވަޅު ނާޅާ
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟