Roadha Mihaaru
މައްސަލައަކީ ވެކްސިނެއް ނޫން، ހައްގުން މަހްރޫމްކުރުން!

މައްސަލަ އަކީ ވެކްސިން އެކަންޏެއް ނޫން، ހައްގުތަކުން މަހްރޫމް ކުރުން!

22 ޑިސެމްބަރ 2019

ހައްދުފަހަނަ އަޅާފައިވާ ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ކުޑަ ކުއްޖަކު މައިންބަފައިންގެ އަތުން ނެގީ ވެކްސިން ދޭން އިންކާރު ކުރާތީ އެކަނި ނޫން ކަމަށާއި އެ ކުއްޖާ ގެންގުޅުނީ އެކަށީގެންވާ، ރައްކާތެރި މާހައުލެއްގައި ނުވުމަކީ ވެސް މައްސަލަ އަކަށް ވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައްދުފަހަނަ އަޅާފައިވާ ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހިންގާ އޮޕަރޭޝަންގައި ކުޑަ ކުއްޖަކު މައިންބަފައިންގެ އަތުން ނެގީ ވެކްސިން ދޭން އިންކާރު ކުރާތީ އެކަނި ނޫން ކަމަށާއި އެ ކުއްޖާ ގެންގުޅުނީ އެކަށީގެންވާ، ރައްކާތެރި މާހައުލެއްގައި ނުވުމަކީ ވެސް މައްސަލަ އަކަށް ވި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މަޑުއްވަރީގައި ކަމާބެހޭ އިދާރާތަކުން ހިންގާ އޮޕަރޭޝަންގައި ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުއްޖަކު ވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ހަވާލުކޮށްފަ އެވެ. މިއީ، ހަމައެކަނި ވެކްސިން ނުދިނުމުން އެޅި ފިޔަވަޅެއް ކަމަށާއި ވެކްސިން ނުދިނުމަކީ މައިންބަފައިންނާ ކުއްޖާ ދުރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ ޝުއުރޫ ފާޅުކުރަމުންނެވެ.

މަޑުއްވަރީގެ އޮޕަރޭޝަނާ ގުޅޭ ގޮތުން، ރިޕޯޓްކުރި ބައެއް ޚަބަރުތަކުގައި ވެސް ވެކްސިން ނުދީގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކަމަށް ލިޔެފައި އޮތުމަކީ ބައެއް މީހުންގެ ހިތްހަމަނުޖެހުނު ސަބަބެކެވެ.

އެކަމަކު، ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި، މައިންބަފައިގެން އަތުން ކުއްޖަކު ނަގައި ބޮޑުދައިތައާ ހަވާލުކުރީ، ހަމައެކަނި ވެކްސިން ނުދީގެންނެއް ނޫނެވެ. ސިއްހީ ފަރުވާ އާއި ކުދިން ކިޔަވަން ފޮނުވުމާ ވެސް ދެކޮޅު އާއިލާއަކާ ވާހަކަ ދައްކައި ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ހައްގުތައް ކަށަވަރު ކޮށްދޭން އިންކާރު ކުރުމަކީ ވެސް ފިޔަވަޅު އަޅަން ޖެހުނު ސަބަބެއް ކަމަށް ބަޔާނުގައި ވެ އެވެ. ބޮޑުދައިތައާ ހަވާލުކޮށް އެ ކުއްޖާ އަށް ކަށަވަރު ކޮށްދިނީ ރައްކާތެރި މާހައުލެއް ކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި، މަޑުއްވަރީގެ ނުވަ ގެއެއްގައި ދިރިއުޅޭ 20 ކުދިންގެ ހާލަތު މިހާތަނަށް ވަނީ ބަލައިފަ އެވެ. އެ ކުދިންގެ އާއިލާއާ މަޝްވަރާކޮށް، ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ޒިޔާރަތް ކުރެވުނު ގޭބީސީއެއްގައި ހިމެނޭ 1 ކުއްޖަކު ވާނީ އާއިލާގެ ތެރޭގައި ބަހައްޓައިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ މާހައުލެއް ނެތްކަން ފާހަގަވުމާ އެކު މިފަދަ މައްސަލަތަކުގައި މިނިސްޓްރީން އަަމަލުކުރާ އިޖުރާއަތުގެ ތެރެއިން ކުއްޖާގެ އާއިލާގެ ހާލަތު ބަލައި އެ ކުއްޖާގެ އާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވިފަ އެވެ،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިން ތައުލީމުން މަހްރޫމް ކުރުމުގެ ގިނަ މައްސަލަތަކެއް މިދިޔަ އަހަރުތަކުގައި ހުށަހަޅާފައިވާ އިރު ކުދިންނަށް ވެކްސިން ނުދިނުމުގެ ކަންބޮޑުވުން އިންތިހާ ދަރަޖާގައި އޮތް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ކުދިން ސްކޫލަށް ނުފޮނުވައިގެން މި އަހަރު އެކަނިވެސް 362 މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ދަރިންނަށް ވެކްސިން ނުދޭ މައްސަލަ އިތުރުވާ ކަން ޖެންޑާ މިނިސްޓްރީގެ ޑޭޓާތަކުން ދައްކާ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.