Roadha Mihaaru

އުއްދޫ "އަތުލި" މައްސަލާގައި ސަންއިން ކުރާ ދައުވާ ބާތިލެއް ނުކުރި

ސަން އިންވެސްޓްމެންޓް ކުންފުންޏަށް ދޫކުރި ދ. އުއްދޫގެ އެއްބަސްވުން އާ ނުކުރަން ނިންމައި، ސަރުކާރުން އެރަށް އަތުލި މައްސަލާގައި ސަންއިން ކުރާ ދައުވާގެ އިސްތިއުނާފު ފޯމް ބާތިލް ކުރަން ދައުލަތުން އެދުނު ނަމަވެސް، އެކަން ކުރާނެ ހާލަތެއް ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

އުއްދޫ "އަތުލި" މައްސަލާގައި ކުރާ ދައުވާ ބާތިލްނުކުރި
ނާޒިމް ހަސަން
ނާޒިމް ހަސަން

18 މެއި 2025

ސަން އިންވެސްޓްމެންޓް ކުންފުންޏަށް ދޫކުރި ދ. އުއްދޫގެ އެއްބަސްވުން އާ ނުކުރަން ނިންމައި، ސަރުކާރުން އެރަށް އަތުލި މައްސަލާގައި ސަންއިން ކުރާ ދައުވާގެ އިސްތިއުނާފު ފޯމް ބާތިލް ކުރަން ދައުލަތުން އެދުނު ނަމަވެސް، އެކަން ކުރާނެ ހާލަތެއް ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުންޏަށް ދޫކޮށްފައި އޮތް އުއްދޫގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އާ ނުކުރަން ނިންމައި، އެ ރަށް ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ނިންމުން ތަންފީޒު ކުރުން ފަސްކުރަން ސަން ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

އެ މައްސަލަ ހުށަހެޅީ އުއްދޫ ތިންވަނަ ފަރާތަކާ ހަވާލުނުކޮށް، އެ ކުންފުންޏާ ދައުލަތާ ދެމެދު އޮތް އެއްބަސްވުމުން ކުރިއަށް ގެންދިޔުމުގެ ވަގުތީ އަމުރަކަށް އެދި އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި ސަން ކުންފުނީގެ ފަރާތުން އިސްތިއުނާފު ކުރުމުން ދައުލަތުން ވަނީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ. އެއީ އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އަދި އެ މައްސަލައަކީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރަން ހުށަހަޅާ މައްސަލައެއް ކަމަށް ބުނެ އެވެ.

އެހެންކަމުން ދައުލަތުން އެދުނީ އެ މައްސަލައިގެ ދައުވާ ބާތިލްކޮށް ދިނުމަށެވެ.

ނަމަވެސް، ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައި ބުނީ އެ ދައުވާ ފޯމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އިސްތިއުނާފު ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، އެ އިސްތިއުނާފަކީ ޝަރީއަތުގެ ތެރެއިން ބަލައިގެން މެނުވީ ގޮތެއް ނުނިންމޭ ހާލަތެއް ވުޖޫދުގައި އޮތުމުގެ އިހުތިމާލު އޮތް އިސްތިއުނާފެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގޮތުން ކަން ޝަރީއަތަށް ބުރަނުވެވޭ ކަމަށް ވެސް ނިންމުމުގައިވެ އެވެ. އެހެންވެ، އެ މައްސަލާގައި ދައުލަތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދައުލަތާއި ސަން ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އުއްދޫއޭ ކިޔާ ފަޅު ރަށް އެ ކުންފުންޏާ ހަވާލުކުރީ 2003 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އެ މުއްދަތު އިތުރުކުރަން މަޝްވަރާ ކުރަމުން ދަނިކޮށް ދައުލަތުން ސަން ކުންފުންޏަށް އަންގާފައިވަނީ 60 ދުވަސް ތެރޭގައި ރަށުގައި ހުރި ސަން ކުންފުނީގެ މުދާ ހުސްކޮށް، ރަށް ހަވާލު ކުރުމަށެވެ. އުއްދޫގެ މައްސަލަ ސަން ކުންފުނިން ކޯޓަށް ހުށަހެޅިއިރު، ސިޔާމްގެ މަސްލަހަތު އޮންނަ އެހެން ކުންފުންޏަކަށް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ނ. މިނާވަރު ވެސް ސަރުކާރުން ދާދިފަހުން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށް ބުނެ އެވެ.