މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އާއިލާގެ އެއްވެސް މީހެއްގެ ޖިނާއީ މައްސަލައެއް އެއްވެސް ތަހުގީގީ އިދާރާއަކުން ބަލަމުން އަންނަކަން އަންގާފައިނުވާ ކަމަށާއި ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
15 މެއި 2025
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައިގައި އާއިލާގެ އެއްވެސް މީހެއްގެ ޖިނާއީ މައްސަލައެއް އެއްވެސް ތަހުގީގީ އިދާރާއަކުން ބަލަމުން އަންނަކަން އަންގާފައިނުވާ ކަމަށާއި ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
އިތުބާތު ނެތްކަމުގެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައިކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، ފުލުހުން އެ މައްސަލައިގައި މައުލޫމާތު އާންމުކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލައިގައިވެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން، މައްސަލައިގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާކަން އެ ކަންކަމުން ހާމަވާ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ހުށަހަޅުއްވާފައިވާ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އަޅުގަނޑާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމުގައި ދަންނަވަން: އަމީން
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވަނީ އޭނާއަށް އެމްޑީޕީން ކޮށްފައިވާ ހަތް ތުހުމަތަށް ވަކިވަކިން ޖަވާބުދާރީވެވަޑައިގެންފަ އެވެ.
ތުހުމަތުތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އޭނާގެ ތިމާގެ މީހަކު ނުވަތަ އާއިލާ މީހަކު ޝާމިލްވާ ކަމަށް ނުވަތަ ނުވަތަ ތުހުމަތު ކުރެވޭ ކަމަކަށް ވެސް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށާއި އެ ފަދަ ކަމެއް އެނގިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް އަމީން ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: ،މަޖިލިސް
އެ ހާދިސާ ހިނގުމުގެ ކުރިން އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެއަށް ބަޔަކު ގޮސް އުޅުނު ކަމަށް ފުލުހުން ބުނެފައި ވިޔަސް އެ ގެއަކީ އޭނާ އާއި އެއްބަނޑު ތިން މީހަކާ އެކު ޖުމްލަ ހަތަރު މީހެއްގެ ނަމުގައިވާ ތަނެއް ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެއްމެދު ތަނެއްގައި ގޭގެ އެންމެން ބޭނުން ހިފާ ތަނެއްގައި ހިނގާ ޖިނާއީ ކަމެއްގެ ޒިންމާ ވަކި މީހަކު ނަގަން ޖެހޭނެ ކަމަށް ބުއްދި ގަބޫލުނުކުރާ ކަމަށެވެ. އަދި، ތުހުމަތުކުރެވޭ ހާދިސާ ހިނގާފައިވަނީ ވެސް އެ ގޭގައި ނޫން ކަން އެނގެން އެބައޮތް ކަމަށާއި އެ ތަނުގައި ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމަށް އެއްވެސް ތަހުގީގީ އިދާރާއަކުން މިހާތަނަށް ނިންމާފައި ވެސް ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
އެހެންކަމުން، ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ގޭގެ ނަން ހާމަކުރުމާ ނުކުރުމަކީ ވެސް ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ތަހުގީގުގައި ހާމަކުރާނެ ކަންކަމާ ނުކުރާނެ ކަންކަން ނިންމާނީ ފުލުހުން ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވަނީ މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އޭނާ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. އަމީން ވިދާޅުވީ ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް އަކީ އަޅުގަނޑުގެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއް ވެސް ނޫން. މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ޖަވާބުދާރީވާ އިދާރާއެއްް ވެސް ނޫން. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ވެސް ނުވާނެ،" އަމީން ވިދާޅުވި އެވެ.
މި މައްސަލާގައި ގޭގެ ވެރިފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު، ކޯޓު އަމުރެއް ނެތް ނަމަވެސް މާންދޫގެ ބަލައި ފާސްކުރެވޭނެ ވާހަކަ ދެންނެވުމަށް ކުރީގެ ސީޕީ އަލީ ޝުޖާއަށް ގުޅާފައިވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސީޕީ ޖަވާބު ނުދެއްވާ ކަމަށާއި އެއީ ވަކި ކަމެއް ވަކި ގޮތަކަށް ނިންމުމަށް ކުރެއްވި ކަމެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގުގައި، އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކާ އެ ހާދިސާއާ ބަހުސްގެ ބޭނުމަށް ގުޅުވިނަމަވެސް އެއީ އަމިއްލަ ކަންކަން އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ބޮޑެތި މީހުން ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެ މީހުން ކަމެއް ކުރި ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެ މީހުން ކަމަށާއި އަމީން އޭނާ ކަމަށެވެ.
"އަޅުގަނޑުގެ ދަރިންނެއް ނޫން. އަޅުގަނޑުގެ އަނތްބެއް ވެސް ނޫން. އަޅުގަނޑުގެ މައިންބަފައިންނެއް ވެސް ނޫން، އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން،" އަމީން ވިދާޅުވި އެވެ.
ނިންމާލަމުން ވެސް އަމީން ވަނީ އިދިކޮޅުން ކޮށްފައިވާ އެއްވެސް ތުހުމަތަކާ އޭނާއާ ޒައްރެއްގެ މިންވަރަށް ވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"ހުށަހަޅުއްވާފައިވާ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އަޅުގަނޑާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމުގައި ދަންނަވަން،" އަމީން ވިދާޅުވި އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ނުވަތަ އަމީންގެ ގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ނުލިބުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް: އަމީން
އަމީންގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ފޮނުވައިފި
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
ކައުންސިލަރުންގެ އަދަދާ ގުޅޭ ގަރާރު ބަލައިގެންފި
ކުޑޫ ހުށަހެޅި އިމްތިޔާޒު މައްސަލަ ބަލައިގެންފި
"އަމީން ސީޕީއަށް ގުޅިޔަސް ތަހުގީގަށް އަސަރެއް ނުކުރޭ"
ގުރައިދޫ މަރުކަޒަށް ވަންނަން މެމްބަރަށް ހުއްދަ ނުދިން