Roadha Mihaaru

ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ، ދެ ފަނޑިޔާރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.

އެ މައްސަލަ ދިރާސާ ކުރަމުންދާ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސިއްރުކޮށްގެން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، އެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

އެ ބޭފުޅުން މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.

އެ މައްސަލާގައި، ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރިން އެދިވަޑައިގަތަސް ކޮމެޓީން އިއްޔެ ނިންމާފައިވަނީ އެ ފުރުސަތު ނުދިނުމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން މިއަދުގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަކާއެކު، އެ ކޮމެޓީ ސިއްރުކުރި އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ކޮމެޓީ ބައްދަލުވުން ބޮއިކޮޓްކުރި އެވެ.

އެ މައްސަލާގައި، ބާ ކައުންސިލާއި ކޮމަންވެލްތުގެ ވަކީލުންގެ ޖަމްއިއްޔާއިން ވެސް ވަނީ އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި އިޖްރާއާތާ މެދު ކަންބޮޑުވުން ފާޅުކޮށް، ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.