Roadha Mihaaru

ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށްފި

ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 މެއި 2025

ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަން ތައާރަފްކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، އިވެންޓްގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިންނެވެ.

ދެ އުމުރުފުރާ އަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ އެ ކާޑުން އެއްވެސް ފީއެއް ނުނަގާނެ އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ އެ ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކާޑު މެދުވެރިކޮށް އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ 0.5 ޕަސެންޓް ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ އެވެ. އޭގެ ސަބަބުން ހަރަދުކުރަމުން އަންނަ އިރު ވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެ އެވެ.

ބެލެނިވެރިންގެ ކޮންރޯލާ އެކު ބޭނުން ކުރެވޭ އެ ކާޑުގެ މުއާމަލާތްތައް ބެލެނިވެރިޔާއަށް ޓްރެކް ކުރެވޭނެ އެވެ. އަދި ބެލެނިވެރިޔާގެ މޯބައިލް ބޭންކިން އެޕްލިކޭޝަން ލޮގިން އިން އެ މައުލޫމާތުތައް ސާފުކުރެވޭނެ އެވެ. އަދި ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް އެ ކާޑަށް އެދި ހުށަހަޅޭނެ އެވެ.

ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ހިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ އެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަކޮށްފައިވާ ފޯނު ނަންބަރަށް އޯޓީޕީ ބޭންކުން ފޮނުވާނެ އެވެ.

ސްޓޫޑެންޓް ކާޑު ތައާރަފްކުރަނީ. އެ ކާޑު ބޭނުން ކުރެވޭނީ 7-17 އަހަރުގެ ކުދިންނަށް  -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސްޓޫޑެންޓް ކާޑު ތައާރަފްކުރަނީ. އެ ކާޑު ބޭނުން ކުރެވޭނީ 7-17 އަހަރުގެ ކުދިންނަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މިއަދު ތައާރަފްކުރި ކާޑަކީ، ހަމައެކަނި ޕޭމެންޓްތައް ހެދުމަށް ހާއްސަކުރި ކާޑެއް ނޫން ކަމަށާއި އެއީ ބޭންކިން އާއި ޕޭމެންޓް ދާއިރާއަށް އަންނަ ބަދަލުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށް ފަށާ ފެށުމެއް ކަމަށެވެ. އަދި މުސްތަގްބަލަށް ކުދިންނަށް ބޭނުންވާ މާލީ މިނިވަންކަމާއި ފައިސާ ބޭނުން ކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ކުދިން ބޮޑުވެ، މަތީ ތައުލީމު ހާސިލުކުރުމަށާއި ވަޒީފާ އާއި ގެދޮރުގަތުމުގައި ވެސް މިހާރު ހުޅުވާ އެކައުންޓްތަކުގެ ބޭނުން ކުރެވޭނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޕޭމެންޓް ނެޓްވޯކް ވިސާގެ ސީއީއޯ ރަޔަން މެކްލްންއާނީ ފާހަގަކުރެއްވި ވާހަކަ ތަކުރާރު ކުރައްވަމުން ޝަރީފު ވިދާޅުވީ، ދުނިޔޭގެ ޕޭމެންޓް ނިޒާމަށް މިދިޔަ 50 އަހަރުތެރޭގައި އައި ބަދަލަށް ވުރެ ބޮޑު ބަދަލުތައް ވޭތުވެދިޔަ ފަސް އަހަރު ތެރޭ އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބަދަލުތައް އަންނަނީ، މުއާމަލާތްތައް އަވަސްކޮށް ރައްކާތެރިކަމާ އެކު މުއާމަލާތްތައް ހިންގުމަށް ބޭނުންވާތީ ކަމަށެވެ. ޝަރީފު ވިދާޅުވީ، ނުވަދިހައިގެ އަހަރުތަކުގައި ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ނަގުދު ފައިސާއަށް ވަރަށް ބޮޑަށް ބަރޯސާވި ނަމަވެސް، މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ސްޓޫޑެންޓް ކާޑު ތައާރަފްކުރީ ކުދިން، މާލީ މުއާމަލާތްތަކަށް އަހުލުވެރި ކުރުމަށް ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ސްޓޫޑެންޓް ކާޑު ތައާރަފްކުރީ ކުދިން، މާލީ މުއާމަލާތްތަކަށް އަހުލުވެރި ކުރުމަށް ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިއަދު އަޅުގަނޑުމެން ދެކޭ ބޭންކިން ނިޒާމު ރާއްޖެ ބަދަލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައި. އޭގެ ތެރޭގައި ކާޑާއި އޭޓީއެމް، ސެލްފް ސާވިސް ބޭންކިން، އިންޓަނެޓް ބޭންކިން މޯބައިލް އެޕްގެ އިތުރުން މޯބައިލް ވޮލެޓް ތައާރަފްކުރުން ފަދަ ހިދުމަތްތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ ވެސް ޕޭމެންޓް ނިޒާމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަރުފަތަކަށް އެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެކަން ހާސިލުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި މިހާރު ވެސް އެ ބޭންކްގެ އެޕްލިކޭޝަނަށް ދުވާލަކު އެއް މިލިއަން ފަހަރު ލޮގިންވާ ކަމަށެވެ.

ސްޓޫޑެންޓް ކާޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސްޓޫޑެންޓް ކާޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑިޖިޓަލް ބޭންކިން ކުރިއަރަމުން އަންނަ އިރު ކުރިއަށް އޮތްތަނުގައި މިހާރު މި ބޭނުން ކުރާ ނޫޓާއި ކާޑު ވެސް ކުރިއަށް އޮތްތަނުގައި ބޭނުން ކުރަން ނުޖެހޭ ހާލަތަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ބައެއް ގައުމުތަކުގައި އަތްތިލަ ނުވަތަ ފޭޝަލް ރިކޮގްނިޝަން ނުވަތަ ވޮއިސް ބޭނުންކޮށްގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ފަސޭހަ ގޮތްތައް ހިމެނޭ. އަޅުގަނޑުމެން މިއަދު މި ދޫކުރާ ސްޓޫޑަންޓް ކާޑު ދޫކުރާ ކުދިންގެ ސްކޫލު ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ވެސް އެފަދަ ނިޒާމުތައް ގާއިމްވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.