Roadha Mihaaru

ފަހު ހާފުގައި ރާއްޖެ ގަދަކޮށް ބަންގްލަދޭޝް އަތުން ޕޮއިންޓެއް ހޯދައިފި

އިންޑިއާގައި މިއަދު ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށް، ބަންގްލަދޭޝް އަތުން ޕޮއިންޓެއް ހޯދައިފި އެވެ.

ފަހު ހާފުގައި ރާއްޖެ ގަދަކޮށް ބަންގްލަދޭޝްއާ އެއްވަރު

އިންޑިއާގައި މިއަދު ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު ފަހަތުން އަރައި 2-2 އިން އެއްވަރު ކޮށް، ބަންގްލަދޭޝް އަތުން ޕޮއިންޓެއް ހޯދައިފި އެވެ.

ޔޫޕިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށް، ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖޭން ދެ ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ 57 ވަނަ މިނިޓުގައި ރާއްޖެ އަށް ފަރަގު ކުޑަ ކޮށްދިން ގޯލު ޖެހީ އަނޫފް އަބްދުﷲ އެެ. އޭނާ މި ގޯލު ޖެހީ ނައްސާހް އިބްރާހީމް ނާސިރު ހުރަސް ކޮށްލި ބޯޅައަކުންނެވެ. އެއްވަރު ކުރި ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ އީތަން އިބްރާހިމް ޒަކީ އެވެ. އޭނާ މި ގޯލު ޖެހީ ރާއްޖޭ ޓީމުގެ ކެޕްޓަން އަހުޒަމް ރަޝީދު ދިން ބޯޅައަކުންނެވެ.

ޖުމްލަ ހަ ގައުމު ވާދަކުރާ މި އަހަރުގެ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްއާ އެކު، ބޫޓާން ހިމެނެނީ ގުރޫޕް އޭގަ އެވެ. ގުރޫޕް ބީ ގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ސްރީ ލަންކާ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން އާދިއްތަ ދުވަހު ބޫޓާނާއި ބަންގްލަދޭޝް ބައްދަލު ކުރާނެ އެވެ.

މިއީ 18، 19 އަދި 20 އަހަރުން ދަށަށް ބާއްވާ ސަރަހައްދީ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު 20 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އެވެ. ނަވާރަ އަހަރުން ދަށަށް މިހާތަނަށް ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލާއި އިންޑިއާ އެވެ.