Roadha Mihaaru
ފަހު މިނިޓުގައި ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ފަހު މިނިޓުގައި ލަނޑުޖަހައި ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

02 އޯގަސްޓް 2022

އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އިން މެޗުގެ ފަހު މިނިޓުގައި ޖެހި ލަނޑާ އެކު 1-0 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އިން މެޗުގެ ފަހު މިނިޓުގައި ޖެހި ލަނޑާ އެކު 1-0 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިންޑިއާ އިން ފައިނަލަށް ދަތުރުކުރީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި، ލީގު ބުރުގެ ދެވަނަ ޔަގީން ކޮށްގެންނެވެ. ފައިނަލުގައި އަންނަ ހުކުރު ދުވަހު އިންޑިއާ ނުކުންނާނީ، މެޗަކުން ބަލިނުވެ، 10 ޕޮއިންޓާ އެކު އެއްވަނަ ހޯދި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ލީގު ބުރުގައި ބަންގްލަދޭޝް އިން ވަނީ 2-1 އިން އިންޑިއާ ބަލި ކޮށްފަ އެވެ.

އެންމެ ފަހުން 2019 ގައި 19 އަހަރުން ދަށަށް ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ވާދަކުރީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. އެ މެޗު އިންޑިއާ ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާ އެކު 2-1 އިންނެވެ. އެ މުބާރާތުގެ ހަ ޓީމު ވާދަކުރި އެ މުބާރާތުގެ ތިންވަނަ ހޯދީ ރާއްޖެ އެވެ. ރާއްޖެ ތިންވަނަ ހޯދީ 1-0 އިން ބޫޓާން ބަލި ކޮށްފަ އެވެ.

މެޗަށް ފަހު ރާއްޖޭގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި އިންޑިއާގެ ކެޕްޓަން ހިމާންޝޫ.-- ފޮޓޯ: ސާފް

މެޗަށް ފަހު ރާއްޖޭގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި އިންޑިއާގެ ކެޕްޓަން ހިމާންޝޫ.-- ފޮޓޯ: ސާފް

ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމަށް ފަހު ލީގު ބުރުގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފަ އެވެ. ލީގު ބުރުގެ ތިންވަނައިގައި ނިންމީ މިއަދު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ކުރި ނޭޕާލެވެ. ނޭޕާލް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖެ އާއި ސްރީ ލަންކާ އަށް ޕޮއިންޓެއް ލިބުނު އިރު، ރާއްޖެ ވަނީ ހަތަރު ވަނައިގައި ރޭންކް ކުރެވިފަ އެވެ.

ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 90 ވަނަ މިނިޓުގައި އިންޑިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ވިންގަށް ކުޅޭ ކުޅުންތެރިޔާ ގުރްކީރަތު ސިންގް އެވެ. މިއީ އޭނާ މުބާރާތުގައި ކާމިޔާބު ކުރި ހަތަރުވަނަ ލަނޑެވެ.

މިއާ އެކު ގުރްކީރަތު ވަނީ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް، ބަންގްލަދޭޝްގެ މިރްޖާލުލް އިސްލާމާއި، އިންޑިއާގެ ޕާތިޕް ސުންދަރު ގޮގޯއި އާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޕާތިޕް އަށް، މެޗުގައި ރެފްރީކަނ ކުރި ނޭޕާލްގެ ޕްރަޖޯލް ޗެތުރީ ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ލަނޑަށް ފަހު އޭނާ މެޗު ލަސްކުރަން މަސައްކަތް ކުރުމުން ރެފްރީ ފުރަތަމަ އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. ރަތް ކާޑު ދެއްކީ އެކަމާ ހިތްހަމަ ނުޖެހިގެން ކުޅިވަރުގެ ރޫހާ ހިލާފަށް ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

ރާއްޖޭން އިންޑިއާ އަތުން ޕޮއިންޓެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ މެޗުގެ 90 ވަނަ މިނިޓުގައި އިންޑިއާ ޖެހި ލަނޑުން.--

ރާއްޖޭން އިންޑިއާ އަތުން ޕޮއިންޓެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ މެޗުގެ 90 ވަނަ މިނިޓުގައި އިންޑިއާ ޖެހި ލަނޑުން.--

ލަނޑަށް ފަހު އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް މެޗު ލަސްކުރަން މަސައްކަތް ކޮށްފަ އެވެ.

ރާއްޖެ ބަލިކުރަން އިންޑިއާ އަށް ފަސޭހައެއް ނުވި

ރާއްޖޭން މިއަދުގެ މެޗުގައި ޑިފެންސިވް ގޭމެއް ކުޅުނު ނަމަވެސް ފުރަތަމަ ހަމަލާ އުފެއްދީ ރާއްޖޭންނެވެ. ފުރަތަމަ މިނިޓުގައި ޒައިން ޒަފަރު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރަނިކޮށް އޭނާއަށް ކުރި ފައުލަކުން ލިބުނު ހިލޭ ޖެހުމެއްގައި، ޒައިން ފޮނުވާލި ރީތި ހަމަލާ ގޯލަށް ވަންނަން ދަނިކޮށް އިންޑިއާގެ ގޯލްކީޕަރު ދިފާއު ކުރި އެވެ.

އިންޑިއާ އިން ގިނަ ވަގުތު ބޯޅަ ހިފައިގެން ކުޅުނު ނަމަވެސް، އެޓީމުގެ ހަމަލާތައް ރާއްޖޭން ވަނީ ވަރަށް ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ. މިޑްފީލްޑުން ވެސް ޑިފެންސާ ގުޅިގެން އިންޑިއާގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާ ކުރި އިރު، ރާއްޖޭގެ ކުރިއަށް އަރިމަތިން ކުޅުނު ކުޅުންތެރިން ވެސް ވަނީ ޑިފެންސާ ބައިވެރިވެގެން މޮޅަށް ކުޅެފަ އެވެ.

އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުތް ރާއްޖޭގެ 20 އަހަރުން ދަށުގެ ފުރަތަމަ 11.-- ފޮޓޯ: ސާފް

އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ނުކުތް ރާއްޖޭގެ 20 އަހަރުން ދަށުގެ ފުރަތަމަ 11.-- ފޮޓޯ: ސާފް

އިންޑިއާ އިން އެންމެ ފުރަތަމަ ރާއްޖޭގެ ގޯލަށް ނުރައްކާ ކުރީ މެޗުގެ 15 ވަނަ މިނިޓުގަ އެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭ އިންޑިއާ އިން ތަނަވަސްކުރި ފުރުސަތުގައި އެޓީމަށް ލީޑު ހޯދަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އިންޑިއާގެ ކެޕްޓަން ހިމާންޝޫ ޖަންގްރާ އޭރިއާ ތެރެއިން ބޯޅަ ހޯދައި ގޯލަށް ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު އިސްމާއިލް ސައިފް ޓެކުލް ޖަހައި އެ ބޯޅަ ހޯދި އެވެ. ނަމަވެސް ކައިރީ ހުރި އިންޑިއާ ކުޅުންތެރިޔާ ބޯޅަ ހޯދައި ޕާތިބް އަށް ޖައްސާލުމުން އޭނާ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ރާއްޖޭގެ ޑިފެންޑަރު އަހުމަދު ސައީދެވެ.

އަހުމަދު ސައީދު ދިފާއު ކުރި ބޯޅަ ކުރިމަތީގައި ހުރި ހިމާންޝޫ އަށް ލިބުމާ އެކު ގޯލަށް ވަންނަން ދަނިކޮށް ބްލޮކް ކުރީ ރާއްޖޭގެ ކުރިއަށް ކުޅޭ އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. އައިހަމް އެ ބޯޅަ ބްލޮކް ކުރުމާ އެކު ކެޕްޓަން ހުމެއިދު ހުސެއިން ކްލިއާ ކުރަން މަސައްކަތް ކުރި ނަމަވެސް ހިމާންޝޫ ބޯޅަ ހޯދައި ފޮނުވާލުމުން އަނެއްކާ ވެސް ބްލޮކް ކުރީ އަހުމަދު ސައީދެވެ. އޭނާ ބްލޮކް ކުރުމުން އެ ބޯޅަ ކްލިއާ ކޮށްލީ ހުމެއިދެވެ.

މި ހާފުގައި ކައުންޓާ އެޓޭކެއްގައި އައިހަމް އަށް ރާއްޖެއަށް ލަނޑު ޖަހަން ފުރުސަތެއް ލިބުނެވެ. ނަމަވެސް އަހުމަދު ސައީދު ކްލިއާ ކޮށްލި ބޯޅައެއް ހިފައިގެން ޒައިން ކުރިއަށް އަރައި، ހުސްކޮށްލާފައި ދިން ބޯޅަ އައިހަމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރު ވަނީ ދިފާއު ކޮށްފައެވެ.

އައިހަމް އަށް ލިބުނު ފުރުސަތުގައި ބޯޅަ ހޯދައި އިންޑިއާ އިން އުފެއްދި ކައުންޓާ ގައި އެޓީމުގެ ހިމާންޝޫ ފޮނުވާލި ހަމަލާ ދިފާއު ކުރީ މިއަދުގެ މެޗުގައި ރާއްޖޭޣެ ގޯލު ބެލެހެއްޓި ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ. ފުރަތަމަ ތިން މެޗުގައި ރާއްޖޭގެ ގޯލުބެލެހެއްޓީ ޝައިހާން އަލީ އެވެ.

ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި އިންޑިއާ އިން ނެގި ހުރަހެއްގައި ހިމާންޝޫ ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ. އަދި މި ހާފުގައި އެޓީމުގެ މަހެސަން ސިންގް ޓޮމްބްރާމް ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑީގައި ވެސް ޖެހުނެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ޓީމުގެ ޑިފެންސިވް ގޭމު ވަރަށް ރަނގަޅަށް ކުޅެފަ އެވެ.

އިންޑިއާ އިން ނަތީޖާ އަނބުރާލީ ފަހު ފަސް މިނިޓުގައި ހޯދި ފުރުސަތު ތަކުންނެވެ. މެޗުގެ 87 ވަނަ މިނިޓުގައި ގުރްކީރަތު ހުރަސްކޮށްލި ބޯޅައް ބިކާޝް ޔުމްނަމް ފޮނުވާލުމުން ދިޔައީ ގޯލު މަތިން ބޭރަށެވެ. އަދި 89 ވަނަ މިނިޓުގައި ކޯނަރަކުން ލިބުނު ފުރުސަތުގައި ހިމާންޝޫ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވި އިރު، މޮޅުވީ އެންމެ ފަހު މިނިޓުގައި ގުރްކީރަތު ޖެހި ލަނޑުންނެވެ.