Roadha Mihaaru
ރާއްޖެ މޮޅުވާން ދަނިކޮށް ޕާކިސްތާނުން ހުއްޓުވައިފި

ޝަނާންގެ ގޯލުން ރާއްޖެ މޮޅުވާން ދަނިކޮށް ޕާކިސްތާނުން ހުއްޓުވައިފި

23 ސެޕްޓެމްބަރ 2023

ނޭޕާލްގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު މޮޅުވާން ދަނިކޮށް ޕާކިސްތާނުން 1-1 އިން އެއްވަރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޭޕާލްގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ޓީމު މޮޅުވާން ދަނިކޮށް ޕާކިސްތާނުން 1-1 އިން އެއްވަރު ކޮށްފި އެވެ.

ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ރާއްޖޭގެ ހަމައެކަނި ގޯލު ޖަހައިދިނީ ކެޕްޓަން ޝަނާން ރަޝާދެވެ. އޭނާ ވަނީ އަބްދުﷲ ލޫތު އިބްރާހިމް ދިން ބޯޅަ އޭރިއާ ތެރެއިން ހޯދައި ޕާކިސްތާނު ކުޅުންތެރިއެއް ކައިރިން ނައްޓާފައި މަތީ ކަނަށް ފޮނުވާލައިފަ އެވެ.

ޕާކިސްތާނުން އެއްވަރު ކޮށްފައި ވަނީ މެޗުގެ 84 ވަނަ މިނިޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ޝާހް ޖަހާން ކާމިޔާބު ކޮށްދިން ގޯލުންނެވެ.

ބުރާސްފަތި ދުވަހު ފެށި މުބާރާތުގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި ނޭޕާލާ އެކު ގުރޫޕް އޭގަ އެވެ. ފުރަތަމަ ދުވަހު ޕާކިސްތާން ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ.

ރާއްޖެ އަތުން ހޯދި ޕޮއިންޓާ އެކު ޕާކިސްތާނަށް މިވަނީ ސެމީ ފައިނަލުން ފުރުސަތު ޔަގީން ވެފަ އެވެ.

ޝަނާން، ރާއްޖެއަށް ލީޑު ހޯދައިދިން ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ސާފް

ޝަނާން، ރާއްޖެއަށް ލީޑު ހޯދައިދިން ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ސާފް

މި ގުރޫޕްގެ ފަހު މެޗުގައި ހޯމަ ދުވަހު މެންދުރު ރާއްޖެ ގަޑިން 12:45 ގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެއަށް ސެމީ ފައިނަލަށް ދެވޭނެ އެވެ.

ގުރޫޕް ބީގައި ހިމެނޭ އިންޑިއާ ވަނީ ފުރަތަމަ މެޗުގައި 3-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެ ގުރޫޕްގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ބޫޓާނާއި ބަންގްލަދޭޝް އެވެ. އަދި ފަހު މެޗުގައި ނުކުންނާނީ ބޫޓާނާއި އިންޑިއާ އެވެ.

ރާއްޖޭގެ ޓީމުގެ ކޯޗަކީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކޯޗު ކޮށްދޭ އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ. މިއަދުގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނުނު ގިނަ ކުޅުންތެރިންނަކީ ޕްރިމިއާ ލީގުގައި ޔޫވީއަށް ކުޅޭ ކުޅުންތެރިންނެވެ.

މިއަދުގެ މެޗުގައި ގޯލު ޖެހި ޝަނާން ވަނީ ލީގުގައި ޔޫވީ އަށް މިހާތަނަށް ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގައި ސްޓާޓް ކުރި އަފްޒަލް މުހައްމަދު، މުހައްމަދު އިޔާން ހަސަން، އަބްދުﷲ ލޫތު އިބްރާހިމް، އިޝް އާފް މުހައްމަދު ފިރާގު، އަހުމަދު ޒަހާން ނަޒީރު އަދި ގޯލްކީޕަރު މުހައްމަދު ޔަމާން އަކީ ވެސް ޔޫވީ ކުޅުންތެރިންނެވެ.

ފުރަތަމަ 11 ގައި ދެން ހިމެނުނީ ވެލެންސިއާގެ މުހައްމަދު ޖޫދު އަޝްފާގް އާއި މުހައްމަދު އައިހަމް އަންވަރުގެ އިތުރުން މާޒިޔާގެ އާދަމް ލަޔާން ރަޝީދާއި ޓީސީގެ ޔޫސުފް ޝާއިފް އެވެ.