Roadha Mihaaru

ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައްކަން ޖެހޭ ދަރަނި 15 ބިލިއަނަށް

ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ކަރެންސީ ސްވޮޕާ އެކު ދަރަނި 15 ބިލިއަން ރުފިޔާއަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

08 މެއި 2025

ކަރެންސީ ސްވޮޕާ އެކު މިއަހަރު ދައުލަތުން ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އަޕްޑޭޓުގައި ވޯލްޑް ބޭންކުން ބުނީ، ސަރުކާރުގެ ސީދާ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދު ކަރެންސީ ސްވޮޕާ އެކު އިތުރުވެފައިވާ ކަމަށެވެ.

ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު 22 ގަ އެވެ. ކަރެންސީ ސްވޮޕް ފެސިލިޓީގެ މުއްދަތަކީ ހަ މަހެވެ.

އެނގިފައިވާ ގޮތުގައި ހަ މަހުގެ އިތުރުން، އިތުރު ތިން މަހަށް އެ ފެސިލިޓީ ރޯލްއޯވާ ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، ޖުލައި މަހު އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ އެވެ.

އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރެވެ. އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެ އެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ ފިސްކަލް ހާލަތު އެހާ ގޯސްކޮށް އޮތް އިރު ހަރަދު ކުޑަކުރުމަށް ރިފޯމު ފިޔަވަޅުތައް ނާޅައިފި ނަމަ ބޭރުން އިތުރު ފައިނޭންސިން ނުލިބޭނެ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ މިއަހަރު ހަރަދު ކުޑަކުރުމަށް އަޅަން ނިންމި ގިނަ ކަންކަން ނުކުރަން ނިންމައިފަ އެވެ. ތެޔޮ، ކަރަންޓް، ކާޑު، ނަރުދަމާ ޓާގެޓް ޑައިރެކްޓް ސަބްސިޑީއަކަށް ހެދުން ވަނީ ހުއްޓާލާފަ އެވެ. އަދި އެންސްޕާގެ ތެރެއިން އެހީ ދޭ މީހުން ޓާގެޓުކުރުމާއި ޑަބަލް ޕެންޝަން އުވާލައި، 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން ޓާގެޓުކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް އެކަންކަން ނުކުރަން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ ހަރަދުތައް ކުޑަ ނުކުރުމުގެ ސަބަބުން މިއަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބަޖެޓު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރެ އެވެ.