Roadha Mihaaru

އާސެނަލް އަށް ދެ ވަނަ މަގާމު ވެސް ގެއްލިދާނެކަމުގެ ބިރު

ލަންޑަން (މެއި 4) – ބޯންމައުތު އަތުން 2-1 ން ބަލިވެ އާސެނަލް އަށް ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ވެސް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އާސެނަލަށް ދެ ވަނަ މަގާމު ވެސް ގެއްލިދާނެކަމުގެ ބިރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 މެއި 2025

ލަންޑަން (މެއި 4) – ބޯންމައުތު އަތުން 2-1 ން ބަލިވެ އާސެނަލް އަށް ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމު ވެސް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޕްރިމިއާ ލީގު ރޭހުގައި ލިވަޕޫލާ ވާދަކުރަން އެންމެ ބޮޑު ފުރުސަތު ލިބުނު އާސެނަލަށް އެކަން ހާސިލެއް ނުވި އެވެ. އެކަމަކު މިހާރު ލީގުގެ ދެ ވަނަ މަގާމު ވެސް އެ ޓީމަށް ހިފަހައްޓާ ނުލެވިދާނެކަމުގެ ބިރު އެބައޮތެވެ.

މި ސީޒަންގެ ކުރީކޮޅާއި މެދުތެރޭގައި ނަތީޖާތައް އެއްވަރެއްގައި ނުހިފެހެއްޓުނު މެންޗެސްޓާ ސިޓީން މިހާރު ވަނީ އެއްވަރެއްގައި ކުޅުން ދަމަހައްޓައި މެޗުތަކުން ނަތީޖާ ނެރެމުންނެވެ.

ކުރިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ނުވާނެ ހިސާބުގައި އޮތް ސިޓީން މިހާރު ވަނީ ތިން ވަނަ އަށް ޖެހިލައި އާސެނަލްއާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކަލް އާޓެޓާގެ ކުރިމަތީގައި މިހާރު އޮތް އެންމެ ބޮޑު ޓާގެޓަކީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ.

ބޯންމައުތު މެޗުން މޮޅުކޮށް ދިން ލަނޑު ޖެހި އެވަނިލްސަން

ބޯންމައުތު މެޗުން މޮޅުކޮށް ދިން ލަނޑު ޖެހި އެވަނިލްސަން

އެ މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް އާސެނަލް ކުޅޭ ދެވަނަ ލެގް މެޗު ބުދަ ދުވަހުގެ ރޭ އޮންނާނެ އެވެ. ފުރަތަމަ ލެގު މެޗު ލަންޑަންގައި ކުޅެ ޕީއެސްޖީން ކާމިޔާބު ކުރީ 1-0 އިންނެވެ.

ރޭގެ މެޗުން މޮޅުވިނަމަ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އާޓެޓާ ބުންޏެވެ.

"އެހެންވީމަ އަހަރެމެން ޖެހޭނީ ޕެރިހުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، މެޗުން މޮޅުވެ، ފައިނަލަށް ދިއުމުގެ އުއްމީދުގައި އެ ހިތްވަރު ބޭނުން ކުރަން،" އާޓެޓާ ބުންޏެވެ.

ރޭ ކުޅުނު މެޗަކީ ޑެކްލަން ރައިސް އާސެނަލް އަށް ކުޅުނު 100 ވަނަ މެޗެވެ. މެޗުގައި ފުރަތަމަ ލީޑު ވެސް އާސެނަލް އަށް ނަގައި ދިނީ އޭނާ އެވެ.

އެކަމަކު ދެ ވަނަ ހާފުގައި ޑީން ހައުސަން އާއި އެވަނިލްސަންގެ ލަނޑުން ބޯންމައުތަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.