Roadha Mihaaru

ހަ ޓީމާ އެކު އެފްއޭއެމް ލީގު ކަޕް ބުރާސްފަތި ދުވަހު ފަށަނީ

ރަސްމީ ކަލަންޑަރުން ބޭރުން އެފްއޭއެމުން ބާއްވާ މުބާރާތް ހަ ޓީމާ އެކު އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.

ހަ ޓީމާއެކު އެފްއޭއެމް ލީގު ކަޕް ބުރާސްފަތީގައި ފަށަނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 އެޕްރީލް 2025

ރަސްމީ ކަލަންޑަރުން ބޭރުން އެފްއޭއެމުން ބާއްވާ މުބާރާތް ހަ ޓީމާ އެކު އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.

އެ މުބާރާތަށް އެފްއޭއެމުން ދީފައިވާ ނަމަކީ، "އެފްއޭއެމް ލީގު ކަޕް" އެވެ.

މުބާރާތުގައި ބައިވެރިވީ ފުރަތަމަ ޑިވިޝަނުން ތިން ޓީމާއި ދެވަނަ ޑިވިޝަނުގެ ތިން ޓީމެވެ.

ފުރަތަމަ ޑިވިޝަނުން ބައިވެރިވީ:

1. މާޒިޔާ

2. ޓީސީ ސްޕޯޓްސް

3. އޮޑި ސްޕޯޓްސް

ދެ ވަނަ ޑިވިޝަނުން ބައިވެރިވީ:

1. ނިއު ރޭޑިއަންޓް

2. މަހިބަދޫ ސްޕޯޓްސް

3. ޖޭޖޭ ސްޕޯޓްސް

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީން، މުބާރާތުގައި ބައިވެރިވުމަށް ކުރިން ނިންމި އެވެ. އެކަމަކު އެ ކްލަބް، ފަހުން ނިންމުން ބަދަލު ކުރި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން ވިދާޅުވީ ބައެއް ސަބަބުތައް ހުރުމުން، މުބާރާތުގައި ބައިވެރި ވެވެން ނެތް ކަމަށް ވިކްޓަރީން އަންގާފައިވާ ކަމަށެވެ.

ފުޓްބޯޅަ ސީޒަން މި މަހު ފަށަން އެފްއޭއެމުން ކުރިން މަސައްކަތް ކުރި އެވެ. އެކަމަކު ފީފާއިން އަންގައިގެން އެ މަސައްކަތް ހުއްޓާލި އެވެ.

ފީފާއިން ބާރު އަޅަނީ މި އަހަރު އޯގަސްޓް މަހު ސީޒަން ފެށުމަށެވެ. ފީފާގެ އެންގުމާ އެކު އެ މަސައްކަތް ހުއްޓާލުމަށް ފަހު ނޯމަލައިޒޭޝަން ކޮމިޓީން ދެން މަޝްވަރާ ކުރީ ސީޒަނުން ބޭރުން ކުރު މުބާރާތެއް ބޭއްވުމަށެވެ.

އެ ހުއްދަ ފީފާއިން ދިނީ ކްލަބް ރޭންކިން އާއި ރެލިގޭޝަން ނުހިމެނޭ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. މުބާރާތުގައި ކްލަބް ލައިސެންސިން އެއްވެސް ފުރިހަމަ ކުރާކަށް ނުޖެހޭނެ އެވެ.

މުބާރާތުގެ އިނާމު ފައިސާ އަށާއި އިދާރީ އަދި ލޮޖިސްޓިކް ކަންތައްތަކަށް ހަރަދު ކުރަން ފީފާއިން ވަނީ އެފްއޭއެމަށް 50،000 ޑޮލަރު ހަމަޖައްސައި ދީފަ އެވެ.

ސިމަން ވިދާޅުވީ، މަސައްކަތް ކުރަނީ އަންނަ މަހު 25 ހިސާބުގައި މުބާރާތް ނިންމާލެވޭ ގޮތަށް ފޯމެޓް އެކުލަވާލަން ކަމަށެވެ.

"މުބާރާތުގެ ފޯމެޓް ހާމަ ކުރާނަން. މުބާރާތަށް ފަހު އިރާދަކުރެއްވިއްޔާ ގައުމީ ޓީމު ޕްރެކްޓިސް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ގައުމީ ޓީމު ވާދަވެރި މަރުހަލާތަކެއްގެ ތެރެއިން ނެގުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭނީ ޖޫން މަހު އެވެ. ކުރިން އޮތީ ސާފް ޗެމްޕިއަންޝިޕް ވެސް ޖޫން މަހު ފަށާ ގޮތަށެވެ. ސްރީ ލަންކާގައި ބާއްވަން ހަމަޖެއްސި މުބާރާތް އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ.