Roadha Mihaaru

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުން

އަންނަ އަހަރަށް ފަސްކޮށްފައިވާ، ސާފް ޗެމްޕިއަންޝިޕް ދެން ވެސް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ.

އަންނަ އަހަރު ސާފް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުން

އަންނަ އަހަރަށް ފަސްކޮށްފައިވާ، ސާފް ޗެމްޕިއަންޝިޕް ދެން ވެސް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ބުނެފި އެވެ.

މި އަހަރު ވެސް އެ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ރޭވުމަށް ފަހު، ފަހުން ނިންމީ ޖޫން މަހު ސެންޓްރަލައިޒްކޮށް ސްރީ ލަންކާގައި ބާއްވާށެވެ. ނަމަވެސް، މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ސާފް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ މި އަަހަރު ވެސް މުބާރާތް ބާއްވަން ނިންމާފައި އޮތީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ. އަދި އަންނަ އަހަރަށް ފަސްކުރީ ވެސް އެ ފޯމެޓަށް ބާއްވަން ވާން ޖެހޭ ތައްޔާރީތަކަށް އިތުރު ވަގުތު ދޭން ޖެހޭތީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ނިންމީ ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމުގެ ބޭނުމުގައި ކަމަށާއި، އެ ފޯމެޓަށް ބާއްވަން މި އަހަރު ތައްޔާރު ވެސް ވި ކަމަށް ބަޔާނުގައިވެ އެވެ.

ނަމަވެސް ޖަމިއްޔާއަށާއި، މެމްބަރު ގައުމުތަކަށާއި، މާކެޓިން ޕާޓްނަރު ޖަރުމަނުގެ ސްޕޯޓްފައިވް އަށް ގަބޫލުކުރެވުނީ މުބާރާތް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އިތުރު ކަންކަން ހުރުމުން، ބުއްދިވެރި ގޮތަކީ އަންނަ އަހަރަށް ފަސްކުރުން ކަމަށް ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނީ އަންނަ އަހަރަކީ ވޯލްޑް ކަޕް އަހަރުކަމުން، ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ވަގުތު ހޯދުމަށް ވެސް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާކެޓިން ޕާޓްނަރު ސްޕޯޓްފައިވް އިން ތިބީ ސެންޓްރަލައިޒްކޮށް ބާއްވާ ނަމަ އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި ބާއްވާށެވެ. އެއީ ސްޕޮންސަރުން ހޯދަން ފަސޭހައަކަށެވެ. މުބާރާތް ބާއްވާ ގައުމު ކަނޑައެޅުމުގައި އަބަދުވެސް ސާފްގެ މާކެޓިން ޕާޓްނަރުންގެ ނުފޫޒު އޮވެ އެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވޭ ގޮތް ނުވުމަކީ ލަންކާ އަށް ލިބޭނެ ދެރައެކެވެ. ލަންކާ ފެޑެރޭޝަނުން އައީ އެ މުބާރާތް ބާއްވަން ލިބުނު ފުރުސަތަކީ އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރަން ލިބުނު ފުރުސަތެއް ކަމަށް ދެކި ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.

އެ މުބާރާތް ނެތުމުގެ ހުސްކަން ފިލުވާލަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ސާފް އަދި، ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން ބާއްވަން މަސައްކަތްކުރާ އިންވިޓޭޝަނަލް މުބާރާތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ބެލެވެނީ އެ މުބާރާތް އޮންނާނީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ކުރިން ކަނޑައެޅި ތާރީހު އެވެ.

ސަރަހައްދުގެ ގައުމުތަކުގެ މެދުގައި 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ޝެޑިއުލުން ކައްސާލާ މުބާރާތެކެވެ. އެހެންވެ ސްޕޮންސަރުންގެ ޝައުގު މުބާރާތަށް ކުޑަ އެވެ.