Roadha Mihaaru

އިމާރާތުން ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނީ

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި މިރޭ މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

23 އެޕްރީލް 2025

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި މިރޭ މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.

އޭގެ ތެރެއިން، ޒުވާނާއާ އެކު އެންމެ ފަހުން އުޅުނު ފިރިހެން މީހާ ޑްރަގަށް ޕޮޒިޓިވް ވިއަސް، އޭނާ ރާއްޖެ އިން ފުރުން މަނާކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުން ހިމެނެ އެވެ. އޭގެ އިތުރުން، އެ މައްސަލައިގައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރުމާއި އެ މީހުންގެ ވަނަވަރު ހާމަނުކުރުން ހިމެނެ އެވެ.

އެ ކަންބޮޑުވުންތަކާ ހެދި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު މިރޭ އެއްވެ އަންނަނީ އަޑުއުފުލަމުންނެވެ.

ފުލުހުންގެ އިދާރާ ކައިރީގައި މިރޭ މުޒާހަރާކުރަނީ - މިހާރު ފޮޓޯ/ނިޝާން އަލީ

ފުލުހުންގެ އިދާރާ ކައިރީގައި މިރޭ މުޒާހަރާކުރަނީ - މިހާރު ފޮޓޯ/ނިޝާން އަލީ

މި މައްސަލައިގައި އެންމެންނާ މެދު ހަމަހަމަކޮށް އަމަލު ކުރުމަށް އެދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އެ ޒުވާނުން އަޑު އުފުލަނީ އިންސާފު ހޯދައި ދިނުމަށެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ.

އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ މައުލޫމާތެއް ފުލުހުން ހިއްސާކުރީ، ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ބޭއްވި "ކްލޯޒްޑޯ" ނިއުސް ކޮންފަރެންސެއްގަ އެވެ. އަނިޔާވި ޒުވާނާގެ ވަނަވަރު ހާމަކުރިއަސް، އެ މައްސަލައިގެ ދެން ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ނޫސްވެރިން އެދުމުން ވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ. އިތުރު މީހެއްގެ ވަނަވަރު ހާމަނުކުރިއަސް އެ ހާދިސާ ހިނގި ގޮތް އެ އިދާރާއިން ވަނީ ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ފުލުހުން ރޭ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ އަންހެނާ ހިނގާފައި ދަމުން ބުރުޒު މަގުގައި ހުރި ގެއަކަށް ވަންނަތަން ފުޓޭޖުން ފެނެ އެވެ. އޭނާގެ ފަހަތުން އުމުރުން 21 އަހަރުގެ ފިރިހެނަކު ވެސް ދުވެފައި އެ ގެއަށް ވަދެ އެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން އަދި ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެ ތިބީ މަސްތުގެ ހާލަތުގައިކަން ސާފުވެ އެވެ.

މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ދެ މީހުން ވަން ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ގެއެއް ނޫނެވެ. އެ ދެ މީހުން ދަންނަ ބަޔަކު އެ ގޭގައި ނޫޅުނަސް އެ މީހުން އެ ގެއަށް ވަނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަމަށް ފުލުހުން ބުންޏެވެ.

ސިޑި މަތީގައި ދެ މީހުން އުޅުމުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައް ވެސް ދެ މީހުން ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ވަތްއިރު ފިރިހެން މީހާ ލައިގެން ހުރި ޓީޝާޓު ފަހުން ލައިގެން ހުރީ އަންހެން މީހާ އެވެ. ފިރިހެން މީހާގެ ޓީޝާޓު ލައިގެން އެ އަންހެންމީހާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފެނެ އެވެ. އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާއަށް އަރަ އެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން މީހާ ހޯދަމުންނެވެ.

އަންހެން މީހާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެން މީހާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރަ އެވެ. އޭރު ގަޑިން ފަތިހު 4:52 ހާއިރު އެވެ. އެ ތަނުން އަންހެން މީހާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެން މީހާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެ އެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ އަންހެން މީހާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެން މީހާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެ އެވެ. އެ ގޭގެ 9 ވަނަ ފަންގިފިލާގައި ޓެރަސް ހުންނައިރު އެ ތަން ހުރީ ތަޅުލައިފަ އެވެ. އެ ފަންގިފިލާގައި ކެމެރާއެއް ވެސް ނުހުރެ އެވެ. އެހެންވެ، އަންހެންކުއްޖާ ވެއްޓޭ މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން އަންހެން ކުއްޖާ ވެއްޓިފައިވަނީ ފެންލައިޓުންކަން އެނގޭ ކަމަށާއި އޭނާ ވެއްޓި ގުދަނުގެ ފުރާޅުމަތީގައި އޮތީ ވެސް އެ ދިމާލުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ސާމިހު ރޭ ވިދާޅުވި ގޮތުގައި، އަންހެން މީހާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަވެފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްއިރު، އަންހެން މީހާ ވެއްޓުނު ވަގުތު ފިރިހެން މީހާ ހުރީ ސިޑިމަތީގައި ކަން ވެސް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ސާމިހު ފާހަގަކުރެއްވި އެވެ. ސާމިހު ވިދާޅުވި ގޮތުގައި ކުއްޖާ ވެއްޓުނު ބާރު އަޑު ބައެއް މީހުންނަށް އިވިފައިވެ އެވެ. އެކަމަކު، އެ ފުރާޅުމަތި އޮތް ގޮތުން އެ ޒުވާނާ ވެއްޓިފައި އޮއްވައި އެއްވެސް މީހަކަށް ނުފެންނަ ކަމަށް ސާމިހު ވިދާޅުވި އެވެ. އަންހެނަކު ވެއްޓިފައި އޮތް ތަން ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރު އެވެ. އޭރު އޭނާގެ ހަރަކާތް ހުއްޓަސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ތަނުން ތެދު ނުވެވިފައި އޮތީ ކަމަށް ސާމިހު ވިދާޅުވި އެވެ.

އެ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަގޮތަށް އޭނާއަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެކަމަކު، ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އަންހެން މީހާ ވެއްޓުނު ފަހުން ވެސް އޭނާ ހޯދަން ފިރިހެން މީހާ މަސައްކަތް ކުރާ މަންޒަރު ވެސް ފުލުހުންނަށް ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ވެއްޓުނު ފަހުން އަޑު ހަރުކޮށް ރޯ އަޑު ވެސް ކެމެރާ އަށް އަރާފައި އެބަހުރި ކަމަށާއި މަގުމައްޗަށް ނުކުމެ ބައެއް މީހުންގެ އެހީތެރިކަމަށް ވެސް ފިރިހެން މީހާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް އެ ފިރިހެން ދިޔައީ ގެއަށެވެ.

އެހެންވެ، އެއްވުމުގައި ބައިވެރިން ވަނީ މީހަކު ވެއްޓުމުން އެހީތެރިކަން ނުދީ އަދި ފުލުހުންނަށް ރިޕޯޓު ނުކޮށް އަޅާނުލާ ދިއުމަކީ މީހަކު މަރުވާން ދޫކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލަ ބެލުމަށް ވެސް ގޮވާލައިފަ އެވެ.