Roadha Mihaaru

ގިނަ ދުވަސްތަކަކަށްފަހު ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖައްސަވައިފި އެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 އެޕްރީލް 2025

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖައްސަވައިފި އެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ނޫސްވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅުގައި މިއަދު ރައީސް ބޭއްވި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އެ މަނިކުފާނު ވިދާޅުވީ އަންނަ މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހެވެ.

ރައީސް އޮފީހުގައި ބާއްވާ އެ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވުމަށް ނޫސްވެރިންނަށް ދައުވަތު ދެއްވައި، ރައީސް މުއިއްޒު ވިދާޅުވީ އެ ދުވަަހު ކޮންމެ ސުވާލެއް ވެސް އެމަނިކުފާނާ ކުރެއްވޭނެ ކަމަށެވެ.

"އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކުރާނަން އިނގޭތޯ. ނޫސްވެރިންނާ ބައްދަލުކޮށް، މީޑިއާއާ ބައްދަލުކޮށް، ރައީސް އޮފީހުގައި ރަސްމީކޮށް ނޫސް ކޮންފަރެންސެއް ބާއްވާނަން އިރާދަކުރެއްވިއްޔާ. އެ ދުވަހަށް ނޫސްވެރިން މީޑިއާއަށް ތައްޔާރުވެލައްވަން އަޅުގަނޑު ދައުވަތު ދެން. ބޭނުން ސުވާލެއް އޮތިއްޔާ ލިޔުއްވަން ފަށްޓަވަންވީ. ކޮންމެ ސުވާލެއް ވެސް ކުރެއްވޭނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނާ ވެސް ބައްދަލުކުރާނަން. އެގޮތުން އަޅުގަނޑު މިހާރު ނިންމާފައި އޮންނާނެ، 3 މޭ އެއީ ޕްރެސް ފްރީޑަމް ދުވަސް."

ރައީސް ވިދާޅުވީ ވީހާވެސް ބޮޑަށް ކަންކަން އޮޅުންފިލުވައި ދެއްވުމަކީ އެ މަނިކުފާނު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަަމަށެވެ. އަދި ކުރިން އެމަނިކުފާނު އަދާކުރެއްވި މަގާމުތަކުގައި ވެސް އެެގޮތަށް ކަންކަން ކުރެއްވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަގުތުވީ ވަރަކުން ސީދާ ނޫސްވެރިން އެކު ކުރިއަށް އޮތްތަނުގައި ވެސް ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

އެ މަނިކުފާނުގެ ގިނަ ވަގުތު މިހާރު ވެސް ކޮންމެ ދުވަހަކު އިސްކަން ދެއްވަނީ މަސައްކަތަށް ކަމަށާއި ނަތީޖާ ނެރުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާވެސް ފޯކަސްއަކީ ނަތީޖާއޭ އިނގޭތޯ. ކުރީގައި ވެސް، މިހާރު ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓީވީ ސްޓޭޝަންތަކުން ދައުވަތު ދެއްވައިފި ނަމަ، ޕްރޮގްރާމުތަކަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށް ވެސް އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި ވަގުތު އޮތް މިންވަރަކުން އެކަމަށް ވަގުތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.