Roadha Mihaaru

ޗެމްޕިއަން ވެމްކޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިހަށް

ފާއިތުވި ހަތަރު އަހަރުގެ ޗެމްޕިއަން ކްލަބް ވެމްކޯ ބަލި ކުރުމަށް ފަހު ޕޮލިސް ކްލަބުން މި އަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ވެމްކޯ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިހަށް

ފާއިތުވި ހަތަރު އަހަރުގެ ޗެމްޕިއަން ކްލަބް ވެމްކޯ ބަލި ކުރުމަށް ފަހު ޕޮލިސް ކްލަބުން މި އަހަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުން ޕޮލިހުން ވެމްކޯ ބަލި ކުރީ ފަސް ސެޓަށް ކުޅެގެންނެވެ. ޕޮލިހުން 25-17 އިން ފުރަތަމަ ސެޓު ގެންދިޔަ އިރު، ވެމްކޯ ވަނީ 25-22 އިން ދެ ވަނަ ސެޓު ގެންގޮސްފަ އެވެ.

ތިން ވަނަ ސެޓު 25-21 އިން ޕޮލިހުން ކާމިޔާބުކޮށްފައި ވަނިކޮށް ހަތަރު ވަނަ ސެޓުގައި ވެމްކޯ ކުރި ހޯދީ 25-23 އިންނެވެ. ފަހު ސެޓުން ޕޮލިސް މޮޅުވީ 15-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ގްރަޒިއޭލޭ ރިބެއިރޯ ޑިސޫޒާ އެވެ.

ފާއިތުވި ހަތަރު އަހަރު ވެސް ވެމްކޯ، އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި ޕޮލިސް ބަލިކޮށްފަ އެވެ. ރޭގެ ސެމީ ފައިނަލް މެޗުން ބަލިވި ނަމަވެސް ވެމްކޯ އަށް މި އަހަރުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.

އެގޮތުން މިރޭ ކުޅޭ ފަހު ސެމީގެ މެޗުގައި ވެމްކޯ ނުކުންނާނީ، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ސީދާ ތިން ސެޓުން ފްލެކްސާ ސްޕޯޓްސް ކްލަބް ބަލިކުރި ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ.

ހުރާ އާއި ފްލެކްސާ ބައްދަލުކުރި ފުރަތަމަ ސެމީގެ މެޗުގެތެރެއިން.-- ފޮޓޯ: ޕީއެސްއެމް

ހުރާ އާއި ފްލެކްސާ ބައްދަލުކުރި ފުރަތަމަ ސެމީގެ މެޗުގެތެރެއިން.-- ފޮޓޯ: ޕީއެސްއެމް

ގުރޫޕް ސްޓޭޖުގައި ދެވަނަ ހޯދި ދެ ޓީމު ކަމަށްވާ ފްލެކްސާ އާއި ހުރާ ކްލަބް ކުޅުނު މެޗުގެ ސެޓްތައް ހުރާ ގެންދިޔައީ، 25-23، 28-26 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހުރާ ކްލަބްގެ ވެރޯނިކާ ޒުބަރޭވާ އެވެ.

އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ގުރޫޕަކުން އެންމެ ގަދަ ތިން ޓީމަށް ވަނީ ކުރިއަށް އޮތް ގައުމީ ލީގުގެ އަންހެން ޑިވިޝަނުން ޖާގަ ލިބިފަ އެވެ.