Roadha Mihaaru

ވެމްކޯ އާއި ޕޮލިސް ވެސް ގުރޫޕްގެ އެއް ވަނައިގައި ސެމީ އަށް

ވެމްކޯ އާއި ޕޮލިސް ކްލަބް ވެސް ގުރޫޕްގެ އެއް ވަނައިގައި ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

ވެމްކޯ އާއި ޕޮލިސް ވެސް އެއް ވަނައިގައި ސެމީ އަށް

ވެމްކޯ އާއި ޕޮލިސް ކްލަބް ވެސް ގުރޫޕްގެ އެއް ވަނައިގައި ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

ގުރޫޕް ބީގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ މޮޅުވީ ސިޓީ ފްރެންޑްސް ކްލަބާ ވާދަކޮށް 25-3، 25-12 އަދި 25-18 އިންނެވެ. މިއާ އެކު ވެމްކޯ ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިފަ އެވެ.

މި ގުރޫޕްގެ ދެ ވަނަ ހޯދީ ދެ މެޗުން މޮޅުވި ފްލެކްސާ ސްޕޯޓްސް ކްލަބަށެވެ. ސިޓީ ފްރެންޑްސް އަށް ތިން ވަނަ ލިބުނު އިރު އަސްދިގާ ސްޕޯޓްސް ކްލަބް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ޕޮލިހާއި ހުރާ ކްލަބް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޕީއެސްއެމް ނިއުސް

ޕޮލިހާއި ހުރާ ކްލަބް އިއްޔެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ޕީއެސްއެމް ނިއުސް

ގުރޫޕް އޭގެ ފަހު މެޗުގައި އިއްޔެ ހަވީރު ޕޮލިސް ކްލަބުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންގޮސްފައި ވަނީ 25-22، 25-17 އަދި 26-24 އިންނެވެ.

މެޗުން ބަލިވި ނަމަވެސް ކުރިން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރި ހުރާ ޓީމް ވަނީ ގުރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދައިފަ އެވެ. ޖީޖީ ސްޕޯޓްސް އެކަޑަމީގެ ފަހު މެޗު ކާމިޔާބުކޮށް ތިން ވަނަ ހޯދި އިރު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް މޮޅެއް ނުލިބެ އެވެ.

ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވިފައި ވާއިރު، ކޮންމެ ގުރޫޕެއްގެ ވެސް ގަދަ ތިން ޓީމަށް ވަނީ ގައުމީ ލީގުގެ އަންހެން ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.

ފުރަތަމަ ސެމީގައި މިއަދު ހަވީރު ބައްދަލުކުރާނީ ގުރޫޕްގެ ދެ ވަނަ ހޯދި ފްލެކްސާ އާއި ހުރާ އެވެ. އަދި ދެ ވަނަ ސެމީގައި ކުޅޭނީ ގުރޫޕްގެ އެއް ވަނަ ހޯދި ޕޮލިހާއި ވެމްކޯ އެެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެ އެވެ.

ފައިނަލްގެ ފަހު ޖާގަ ލިބޭނީ، ފުރަތަމަ ސެމީ އިން މޮޅުވާ ޓީމާއި ދެ ވަނަ ސެމީ އިން ބަލިވާ ޓީމު މާދަމާ ރޭ ކުޅޭ ސެމީގެ ފަހު މެޗުން މޮޅުވާ ޓީމަކަށެވެ.