ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ލާއިންސާނީ ހަމަލާތައް ކުރިއަށް ދާހާ ހިނދަކު އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު މި ސަރުކާރުން ނުދޭން ނިންމި ނަމަވެސް އެމްޑީޕީ އަށް އާދެވިއްޖެ ނަމަ އެ ހުއްދަ އަލުން ދޭނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
15 އެޕްރީލް 2025
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ލާއިންސާނީ ހަމަލާތައް ކުރިއަށް ދާހާ ހިނދަކު އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު މި ސަރުކާރުން ނުދޭން ނިންމި ނަމަވެސް އެމްޑީޕީ އަށް އާދެވިއްޖެ ނަމަ އެ ހުއްދަ އަލުން ދޭނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މޭ 29 ވަނަ ދުވަހު ހުށަހެޅި ބިލް ގިނަ އިސްލާހުތަކަކާ އެކު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ފަލާހު ވިދާޅުވީ، އެ ބިލް ހުށަހެޅީ އެމްޑީޕީ މެންބަރަކު ކަމަށް ވިޔަސް އެކަން ކުރީ އެއްވެސް ހެޔޮ ނިޔަތެއްގައި ނޫން ކަމަށާއި އެއީ ސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ދެކިގެން ކަމަށެވެ.
އެކަމަކު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ލިބެން އޮތް ގެއްލުމަކަށް ނުބަލާ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު މި ކަން ކުރީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެފަދަ އަހުންނާއި އުހުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށް ޖެހުނަސް އަޅުގަނޑުމެންގެ މި ސަރުކާރަކުން ނުބަލާނެ. މަނާކުރާނެ އެކަން. މިއޮތީ އެކަން ދައްކައިދީފައި،" ފަލާހު ވިދާޅުވި އެވެ.
ނަމަވެސް އޭގެ ބަދަލުގައި މިވަގުތު ވެސް ސަރުކާރު ބަދަލުވެ އެމްޑީޕީ ވެރިކަމެއް އަތުވެއްޖެ ނަމަ އިޒްރޭލު މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ އަލުން ދޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
ލާއިންސާނީ ހަމަލާތައް ހުއްޓަން ދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި https://t.co/syufxHXLsX
— Mihaaru (@Mihaarunews) April 15, 2025
ބިލަށް ކޮމިޓީން އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ.
އޭގެ ބަދަލުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަންޏެވެ. ލާއިންސާނީ އަމަލުތައް ހުއްޓާލަން ދެން މި ގޮތަށް އަމަލުކުރަން ވަނީ ފާސްކޮށްފަ އެވެ.
ފަލާހު ވިދާޅުވީ، ލާއިންސާނީ ހަމަލާތައް ހުއްޓާލުމާ ހަމައަށް ޕާސްޕޯޓު މަނާކުރަން ފާސްކުރީ ގިނަ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. މި ކަމުގައި ދެ ތިން ގޮތަކަށް މަޝްވަރާ ކުރެއްވި ކަމަށާއި ފަހު ވަގުތާ ހަމައަށް ވެސް ބެލީ ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދެން ދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ނަމަވެސް، ކޮމިޓީން އެ ގޮތަށް ނުނިންމީ ފަލަސްތީނަކީ މިހާރު ވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ އިން ބަލައިގަންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އ.ދ. އިން ގަބޫލުކުރޭ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް. އެކަމަކު އެތާ ސެކިއުރިޓީ ކައުންސިލުން ގަބޫލެއް ނުކުރޭ. ދުނިޔޭގެ އެތައް ގައުމަކުން ވެސް އެބަ ގަބޫލުކުރޭ،" ފަލާހު ވިދާޅުވި އެވެ.
ކަން މިހެން އޮތުމުން އެ ގޮތަށް ފާސްކޮށްފި ނަމަ އުނދަގޫތަކެއް ކުރިމަތިވެދާނެތީ، ލާއިންސާނީ ހަމަލާތައް ހުއްޓާލަން ދެން މަނާ ކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަނގުރާމާ ހިނގާހާ ދުވަހަކު ސަރުކާރަކުން މި މަޖިލީހަކުން އިޒްރޭލުގެ ރައްޔިތުން މި ގައުމަށް އަރާކަށް ހުއްދައެއް ނުދޭނެ. ނުވެސް ދޭނަން،" ފަލާހު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
މަޓާޓޯގެ ތާއީދު އޮތީ އިޒްރޭލް ވެރިން އައުން މަނާކުރަން
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ