Roadha Mihaaru

ޝަންގްރިއްލާ ރިސޯޓު އަވަހަށް ހުޅުވަން މަޝްވަރާކޮށްފި

އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވަމުންދާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ރިސޯޓުގެ އިސްވެރިންނާ އެކު ސަރުކާރުން އަނެއްކާ ވެސް މަޝްވަރާތައް ފަށައިފި އެވެ.

ޝަންގްރިއްލާ ރިސޯޓު މައްސަލައިގައި އަނެއްކާ މަޝްވަރާ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

14 އެޕްރީލް 2025

އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވަމުންދާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ ރިސޯޓުގެ އިސްވެރިންނާ އެކު ސަރުކާރުން އަނެއްކާ ވެސް މަޝްވަރާތައް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ ރިސޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. ޝަންގްރިއްލާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ހެޑް އޮފް އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމެންޓް ކްރިސްޓޮފާ ފޮންގް އެވެ.

ޝަންގްރިލާގެ މެނޭޖްމެންޓްގެ ބޭފުޅުންނާ މަޝްވަރާ ކުރަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޝަންގްރިލާގެ މެނޭޖްމެންޓްގެ ބޭފުޅުންނާ މަޝްވަރާ ކުރަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެ ބައްދަލުވުމުގައި ކްރިސްޓޮފާ ފޮންގް ވަނީ އެ ރިސޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ރިސޯޓު ހުޅުވުމަށް އަލުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށްފަ އެވެ. މިކަމުގައި ސަރުކާރުން، ދެވޭނެ އެހީތަކާ ގުޅޭ ގޮތުން ވެސް މަޝްވްރާކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ތަފްސީލީ ރޯޑު މެޕެއް ހުޅުވާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށަން ޝަންގްރިލާ އިން އެއްބަސްވެފައިވާ ކަމަށެވެ.

އައްޑޫގެ ޓޫރިޒަމަށް އެންމެ ބޮޑު ބަދަލެއް ގެނެސްދިން 500 އެނދުގެ ޝަންގްރިލާ ބަންދުކުރީ ކޮވިޑާ ގުޅިގެންނެވެ. މިދިޔަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރިސޯޓު ހުޅުވޭނެ ގޮތްތަކެއް ހޯދުމަށް ޝަންގްރިލާގެ މެނޭޖްމެންޓާ މަޝްވަރާކޮށްފަ އެވެ. އެކަމަކު އަދި މިހާތަނަށް އެކަމަށް ހައްލެއް ލިބިފަ އެއް ނުވެ އެވެ.

ޝަންގްރިއްލާ ނުހުޅުވި ދިގުލައިގެން ދިޔަ މައްސަލައާ ގުޅިގެން ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ.