Roadha Mihaaru

ޑަބަލް ޕެންޝަން ދޭ އިދާރާތަކާ ކޮމިޓީން ބައްދަލުކުރަނީ

ޑަބަލް ޕެންޝަން މައްސަލައާ ގުޅިގެން، އެގޮތަށް ޕެންޝަން ދޭ ހުރިހާ އިދާރާތަކާ އަންނަ ހަފްތާގައި މާލިއްުޔަތު ކޮމިޓީން ބައްދަލުކުރަން ނިންމައިފި އެވެ.

ޑަބަލް ޕެންޝަން ދޭ އިދާރާތަކާ ކޮމިޓީން ބައްދަލުކުރަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 އެޕްރީލް 2025

ޑަބަލް ޕެންޝަން މައްސަލައާ ގުޅިގެން، އެގޮތަށް ޕެންޝަން ދޭ ހުރިހާ އިދާރާތަކާ އަންނަ ހަފްތާގައި މާލިއްުޔަތު ކޮމިޓީން ބައްދަލުކުރަން ނިންމައިފި އެވެ.

މިއަދު މާލިއްޔަތު ކޮމިޓީގައި މިގޮތަށް ނިންމީ ޑަބަލް ޕެންޝަންގެ ކަންކަމާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމުގެ ގޮތުންނެވެ.

ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ "އާލީ ރިޓަޔަމެންޓް" އަށް ހިތްވަރު ލިބޭ ގޮތަށް މިނިވަން އިދާރާތަކުން ރާވާފައިވާ ސްކީމުތައް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޑަބަލް ޕެންޝަން 13 އިދާރާއަކުން ދެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި ޖުޑިޝަރީ އާއި ރައީސް އޮފީހާއި އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން ވެސް ހިމެނެ އެވެ.

ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.