Roadha Mihaaru

ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ

ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓުގައި" ރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 އެޕްރީލް 2025

ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓުގައި" ރޭ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ޑްރޯން ވެސް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ރޯވި ބޯޓު ރޭ ދަންވަރު 2:07 ހާއިރު ވަނީ އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރޯވި ބޯޓުން ދަތުރުކުރި 18 ވަރަކަށް މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ ލ. މާވަށު، އަލީ މުޝްފިގް، 25 އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ޝިޕް ގާޒީ އާއި އެފްއައިސީ މާފަތް އަދި އެޗްޕީ 114، ޑައިވަރުންނާއި އެއާކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްގެން ބަލާފައިވާ ސަރަހައްދު. -- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްގެން ބަލާފައިވާ ސަރަހައްދު. -- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް

ކަނޑޫދޫ ކައިރިން ބޯޓުގައި އަލިފާން ރޯވެ އަނދައި ހުލިވީ މާލެ ދަތުރުކުރަނިކޮށެވެ. ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި މި ބޯޓު އޮންނަނީ ދަތުރުކުރަން ކުއްޔަށް ދޫކޮށްފަ އެވެ.

ބޯޓުގައި ތިބި ބިދޭސީއަކާއި ދިވެއްސަކަށް ފިހިގެން ތ. ކަނޑޫދޫ ހެލްތު ސެންޓަރުގައި ރޭ ވަނީ ފަރުވާދީފަ އެވެ.

ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތް ނަމަވެސް ދެ މީހުން ތިބީ ޝޮކެއްގައި ކަމަށް އެ ރަށު ހެލްތު ސެންޓަރުން ރޭ ބުންޏެވެ.

ހޮޅުދޫ ބޯޓަކީ 2008 ވަނަ އަހަރު މާލެ ދަތުރުކުރަން ފެށި ބޯޓެކެވެ.