Roadha Mihaaru
ދޯންޏެއްގައި އަލިފާން ރޯވެ ތިން މީހަކު ފިހިއްޖެ

ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކު ޒަހަމްވެއްޖެ

12 ޑިސެމްބަރ 2020

ކަނޑުމަތިން ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކު ޒަހަމްވުމާ އެކު އެމަޖެންސީގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކަނޑުމަތިން ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން މީހަކު ޒަހަމްވުމާ އެކު އެމަޖެންސީގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ "ޖިހާދު-1" ދޯނީގައި އަލިފާނުގެ ހާދިސާ ހިނގީ ޕެޓްރޯލް ހަމެއްގައި ރޯވެގެން ކަމަށެވެ. ހެނދުނު 9:00 ކަންހާ އިރު އެ ރިޕޯޓް ލިބުމާ އެކު، ޒަހަމްވި މީހުން، ސީ އެމްބިއުލެންސްގައި ގެނެވޭނެ ގޮތް އިންތިޒާމްކޮށްދިން ކަމަށް ވެސް، އެމްއެންޑީއެފުން ބުންޏެވެ.

މ. ކޮޅުފުއްޓާ 26 މޭލު ބޭރުގައި އޭރު އޮތް އެ ދޯނީގައި ހިނގި ހާދިސާއާ ގުޅިގެން ފުރަތަމަ އެހީވީ އެ ހިސާބުން ދަތުރުކުރި "ވިލާ ވާލި-13" އިންނެވެ. އެކަމަކު އެމްއެންޑީއެފުން ފުރަތަމަ މައުލޫމާތު ދިން އިރު އޮޅުމަކުން ބުނެވުނީ ހާދިސާ ހިނގީ ވެސް އެ ދޯނީގައި ކަމަށެވެ.

އެކަން ރަނގަޅުކޮށް އެމްއެންޑީއެފުން ފަހުން ބުނީ "ވިލާ ވާލި-13" އަކީ އަލިފާނުގެ ހާދިސާ ހިނގި ދޯންޏަށް އެހީތެރިވި އުޅަނދެއް ކަމަށެވެ. އެގޮތުން ފިހުނު މީހުން ގޮވައިގެން ދަތުރު ފެށީ ވެސް، "ވިލާ ވާލި-13" އިން ކަމަށް ވެސް، އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވި ދޯންޏާ ހަމައަށް ކޯސްޓް ގާޑުގެ އުޅަނދު ދިޔަ އިރު، އެމްއެންޑީއެފުން ބުނީ، ދޯނީގެ ފަޅުވެރިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލަފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް

ޒަހަމްވި މީހުންގެ ހާލަތާ ބެހޭ ގޮތުން އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެންމެ ފަހުން އެމްއެންޑީއެފުން ބުނީ އެ މީހުން ގޮވައިގެން ސީ އެމްބިއުލެންސް، މ. މުއްޔަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ގދ. ތިނަދޫ ފަޅުގައި އޮތް މަސް ދޯންޏެއްގައި މިދިއަ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. ގޭސް ލީކްވެފައި ހުރި ވަގުތެއްގައި އުނދުން ރޯކުރަން އުޅުމުން ހިނގި އެ ހާދިސާގައި ހަތަރު މީހަކު ފިހި، އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ޖެހުނެވެ. އެންމެ ބޮޑަށް ފިހުނު ދެ މީހުން މަރުވީ، އައިސީޔޫގައި ފަަރުވާ ދެމުން ދަނިކޮށެވެ.