ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
01 އެޕްރީލް 2025
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް، ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ޗޭންޖު.އޯގް ގައި އޮންލައިންކޮށް ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަންގައިވަނީ އިގްތިސޯދަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެމްބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމެޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސްއަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް އިތުރުވުން ފަދަ އިގްތިސޯދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތީ ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަށް ވެސް އެ ޕެޓިޝަނަށް ސޮއި ހޯދަން ފެށި ސަބަބުތަކުގެ ތެރޭގައި ބުނެފައިވެ އެވެ.
މެމްބަރުންގެ މުސާރައިގެ އިތުރުން ކޮމެޓީ އެލަވަންސާއެކު ޖުމްލަ ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އާއްމުންނަށް ލިބޭ އާސަންދައަށް ވުރެ މާ ބޮޑު ޕްރިމިއަމް ހެލްތު އިންޝުއަރެންސް ޕެކޭޖެއް މެމްބަރުންނަށް ލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެ ޕެޓިޝަންގައިވެ އެވެ.
އެހެންވެ، މެމްބަރުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން ކޮމެޓީ އެލަވަންސާއި ޕްރިމިއަމް ހެލްތު ޕެކޭޖު އުވާލައި ހަމައެކަނި އާސަންދަ ނިޒާމު ފޯރުކޮށްދިނުމަށް ވަނީ ގޮވާލައިފަ އެވެ.
"އިންތިހާބުކުރާ މަންދޫބުންނަށް، އެ ބޭފުޅަކު ހިދުމަތްކުރާ އާއްމުންނަށް ނުލިބޭ ޕްރިމިއަމް ހެލްތު ކެއާ ކަވަރޭޖު ލިބުމަކީ ގަބޫލުކުރެވޭ އެއްވެސް ހަމައެއް ނޫން." ޕެޓިޝަންގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ކުރީގެ މެމްބަރުންގެ އިނާޔަތްތައް ވެސް ހުއްޓާލައި، މިހާރަށް ވުރެ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ފައިސާއިން ހަރަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޕެޓިޝަންގައި އިލްތިމާސްކޮށްފައިވެ އެވެ.
މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ހިދުމަތުގެ އިނާޔަތުގެ ފައިސާ ދޫކުރަން ފެށީ ޖޫން، 2014 އިން ފެށިގެންނެވެ. އެ ގާނޫނުގައިވާ ގޮތުން، ކުރީގެ މެމްބަރުންނަށް މާލީ އިނާޔަތް ދެނީ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ. އެގޮތުން އެއް ދައުރު އަދާކޮށްފައިވާނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު އަދާކޮށްފައިވާ މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ލިބެ އެވެ.
ޕެންޝަން އޮފީހުން މިދިޔަ ޑިސެމްބަރު މަހު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކުރީގެ މެމްބަރުންގެ އިނާޔަތަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ވަނީ 33.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 6.4 މިލިއަން ރުފިޔާ އެކަމަށް ހަރަދުކުރި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން މެމްބަރުންނާއި ދައުލަތުގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރަން މިދިޔަ އަހަރު ސަރުކާރުން މަޖިލީހަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުން ނިންމާފައި އޮތީ މުސާރަތައް ކުޑަ ނުކުރުމަށެވެ.
މުސާރަ ކުޑަކުރަންވީ އާ ދައުރަކާ ދިމާކޮށް: ފަލާހު
އިދާރާތަކުގެ މުސާރަ ކުޑަކުރަން ނުފެންނަކަމަށް ފާސްކޮށްފި
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ހައުސިން މިނިސްޓްރީން މަޖިލީހަށް ނުދިއުމުން ނުރުހުން!
އަމިއްލަ މުސާރައާ ޖެހުމުން އިގުތިސާދެއް ނުފެނޭ؟
މެމްބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް ތާއީދު
މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑެއް ނޫން: ގާސިމް
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު