ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން އެންމެ ރަނގަޅު ގޮތަކީ، އާ ދައުރަކާ އެކު އެ މަސައްކަތްކުރުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
02 އެޕްރީލް 2025
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން އެންމެ ރަނގަޅު ގޮތަކީ، އާ ދައުރަކާ އެކު އެ މަސައްކަތްކުރުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، މެމްބަރުންގެ މުސާރަ ކުޑަކުރުމަކީ ގޯސް ހިޔާލެއް ނޫން ކަމަށެވެ. އެކަމަކު ނިމިދިޔަ 19 ވަނަ މަޖިލީހުގެ ދައުރުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮވެ، އެ ދައުރު ނިމިގެން ދިޔައީ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބަދަލުކުރަން ކަމާ ގުޅުންހުރި ކޮމިޓީން ފާސްކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ބަދަލުނުކުރަން އޭރު ވެސް އިރުޝާދު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
"އަޅުގަނޑުގެ ވިސްނުން ދަންނަވަން، މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އާ ދައުރަކާ ދިމާކޮށް މެމްބަރުންގެ މުސާރައަށް ބަދަލު ގެންނަންވީ ސަބަބަކީ މަޖިލިސް އިންތިހާބަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ގޮނޑި ކާމިޔާބު ކުރާ ތަނުން މުސާރަ ކުޑަކޮށްފި ނަމަ، އިންތިހާބަށް ނެގި ދަރަނި އަދާކުރެވޭނެ ގޮތެއް ނޯންނާނެތީ ކަމަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ، ދެން އޮންނަ އިންތިހާބަކާ ދިމާކޮށް މެމްބަރަކަށް 5000ރ. ގެ މުސާރައެއް ކަނޑައެޅިޔަސް އެ މުސާރައަށް ހިތްހަމަޖެހިގެން ކުރިމަތިލާ މެމްބަރުންނަށް، މުސާރަ ކުޑަކުރިޔަސް ކުރެވޭނެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ.
ގޯސް ޚިޔާލެއްނޫން ނަމަވެސް 19ވަނަ MDP ސުޕަރމެޖޯރިޓީ އޮއިތް މަޖިލީހުން ފައިބައިގެން ދިޔައީ މެމްބަރެއްގެ މުސާރަ 100k އަށްހަދަން ކަމާގުޅުންހުރި ކޮމިޓީ އިންފާސްކޮށްފަ އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ އަޅުގަނޑުމެންގެ ރަޢީސް ރަޢީސް މުޢިއްޒު ހަމަ އެއާއި އެކު އަޅުގަނޑުގެ… pic.twitter.com/YQulUc3HY1
— Ibrahim Falah (@IbrahimFalahR) April 1, 2025
މެމްބަރުންގެ މުސާރައާ އެކު އޭނާ ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތަކާއި ފަނޑިޔާރުންގެ މުސާރައިގެ ކަންކަން ވެސް އެ ޕެޓިޝަނުގައި ހިމެނި ނަމަ، ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ޗޭންޖު.އޯގް ގައި އޮންލައިންކޮށް ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނުގައި ވަނީ އިގްތިސާދަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ މި ދަނޑުވަޅުގައި މެމްބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމިޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ހިދުމަތުގެ އިނާޔަތުގެ ފައިސާ ދޫކުރަން ފެށީ ޖޫން، 2014 ގަ އެވެ. އެ ގާނޫނުގެ ދަށުން ކުރީގެ މެމްބަރުންނަށް މާލީ އިނާޔަތް ދެނީ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ. އެއް ދައުރު އަދާކޮށްފައިވާނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު އަދާކޮށްފައިވާ މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ލިބެ އެވެ.
ޕެންޝަން އޮފީހުން މިދިޔަ ޑިސެމްބަރު މަހު ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކުރީގެ މެމްބަރުންގެ އިނާޔަތަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ވަނީ 33.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 6.4 މިލިއަން ރުފިޔާ އެކަމަށް ހަރަދުކުރި އެވެ.
ވޯޓުގައި ބައިވެރި ނުވީ ދެ މެމްބަރެއް: ފަލާހު
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
"ކޯހުގައި ކިޔަވަން އިސް ނެގީ ޕީއެންސީގެ މެމްބަރުން"
ޕީއެންސީ ޕީޖީ: އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
ގޯތި ބެހުމަކީ ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު
މިއީ އެންމެ ހާޒިރީ ރަނގަޅު މެމްބަރުންނަށް ވާނެ:ފަލާހު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލަށް ޕީއެންސީގެ ތާއީދު
ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް މަޖިލިހުން އުފައްދަނީ
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ