ޓީވީ ޕްރޮގްރާމެއްގައި ފާޑުކިޔަމުން ގޮސް އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، ޖޯކު ޖަހައި އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި މައްސަލައެއް ބޮޑުވެއްޖެ އެވެ.
25 މާޗް 2025
ޓީވީ ޕްރޮގްރާމެއްގައި ފާޑުކިޔަމުން ގޮސް އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، ޖޯކު ޖަހައި އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި މައްސަލައެއް ބޮޑުވެއްޖެ އެވެ.
އޯޓިސްޓިކް ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދެއްކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގަ އެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
އޯޓިސްޓިކް ކުދިންނަށް ޕާޕާ ފުރައްސާރަކުރީ، އެ ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަ ދައްކަމުންނެވެ. އެ މަނިކުފާނުގެ އަމަލުތައް ހުންނީ އޯޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށް ޕާޕާ ބުންޏެވެ.
އެ ވާހަކައަށް ހިތްވަރު ދެއްވީ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މޮސްޓާ އެވެ.
އޯޓިސްޓިކްގެ އިތުރުން ޑައުން ސިންޑްރޯމްގެ ކުދިންނަށް ރައްދުވާ ގޮތަށް އަދި އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ގޮތަށް މޮސްޓާ ވާހަކަ ދައްކަވައި، ޕާޕާ އަށް މޮސްޓާ ހިތްވަރު ދެއްވި އެވެ.
ރާއްޖޭގައި ގިނަ އާއިލާތަކަކުން ތަހައްމަލު ކުރަމުންދާ އޯޓިޒަމާ ގުޅުވައި މަލާމާތްކޮށް، ތިން ހޯސްޓުން ވެސް ހިނިގަނޑެއް ޖަހާލަ އެވެ.
މި ފުރައްސާރައާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ބައެއް މީހުން ބުނެފައި ވަނީ އެއީ އެފަދަ ކުދިންނަށް ކުރި މަލާމާތެއް ކަމަށެވެ. އުފެދުމުގައި ހުންނަ އެފަދަ ބަލިތަކަށް މަލާތްކޮށް ސިޔާސީ ގޮތުން ބޭނުން ކުރަމުންދާ ކަމަށް ބުނެ ވެސް އަންނަނީ އެ ޕްރޮގްރާމު ހުށަހަޅައިދިން މީހުންނަށް ފާޑު ކިޔަމުންނެވެ.
އެކަކު ލިއެފައިވާ ގޮތުގައި އެ ވާހަކަތަކުން ހިތަށް އަސަރު ކުރި ކަމަށެވެ.
"ބައެއް ބޭފުޅުން ޓީވީތަކަށް އަރާތިބެގެން ހީ ސަމާސާކުރަމުން އެވެނި މިވެނި މީހަކީ އޯޓިސްޓް ގޮތެއް ހުންނަ ފަދަ މީހެކޭ ޑައުންސިންޑްރޮމް ހުންނަ މީހެކޭ ކިޔާ އެފަދަ ފަރާތްތަކުގެ ކަރާމާތަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާކަމީ ހަގީގަތުގައި ވެސް ވަރަށް ހިތާމަހުރި ކަމެއް! އެފަދަ ކުދިން ގޮވައިގެން އުޅޭ އަދި އެ ކުދިންގެ ހައްގުގައި އެތައް ގުރުބާނީއެއް ވަމުންދާ ބަޔަކަށް އިހުސާސް ވާނީ އެ ކުދިންގެ ކަރާމާތަށާއި އެ ކުދިންގެ އެ ސިފައަށް ޖޯކު ޖަހައި އެއީ އެއްވެސް އަގެއް ނެތް ގަމާރު ކުދިންތަކެއްގެ ގޮތުގައި ސިފަކޮށް މިގޮތަށް ވާހަކަ ދެއްކީމަ ހިތަށް ކުރާ އަސަރު،" އޭނާ ބުނެފައިވެ އެވެ.
"މިއިން ބޭފުޅެއްގެ އެފަދަ ކުއްޖަކު ހުރެމެ އެ ކުއްޖާ އަށް ނިސްބަތްކޮށް އެހެން މީހުން ދަށުދަރަޖައިގެ ބަސްތައް ބޭނުން ކުރާ އަޑު އަހަން ކެތްވާނެބާ؟ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް ތިމާމެންނަށް ކިޔޭނުކިޔޭ ނޭނގޭވަރުވީމަ އެއީ ދެން ބޮޑުވަރު."
މިހާތަނަށް އެއްވެސް އިދާރާއަކުން މި މައްސަލާގައި ކަންބޮޑުވުން ފާޅުނުކުރާތީ ވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ބްރޯޑްކާސްޓަރުންގެ ބެލެނިވެރިފަރާތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސަމާލުކަމަށް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ މި މައްސަލަ ގެނެސްފަ އެވެ.
ރާއްޖެ ޓީވީ ޕްރޮގްރާމްގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
"އޯޓިޒަމް ކުދިންނަށް އަޅައިލުމަކީ ގައުމީ ވާޖިބެއް"
އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރާނެ
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
އެސްޓީއޯ ހޮޓެލްގެ އެއްބައި މީޑިއާތަކަށް ދެނީ
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓެއް ބްލޮކް ކޮށްފި
ފިޔާޒް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި