Roadha Mihaaru
ކީއްކުރާ ފިންގަޕްރިންޓް ސްކޭނާއެއް؟

ސްމާޓްފޯނުތަކުގައި ކީއްކުރާ ފިންގަޕްރިންޓް ސްކޭނާއެއް؟

14 މާޗް 2017

ސްމާޓްފޯނުތަކުން ފިންގަޕްރިންޓް ސްކޭނާ އުވާލަން އުޅޭ ވާހަކަ އެބަ ދެކެވެ އެވެ. ސެމްސަންގް ފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ދެން ނުހިމަނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވަނީ ޓްވީޓާގައި ބުނެފަ އެވެ. އެޕަލް އިން އަދި ނުބުނެ އެވެ. އެކަމަކު ދެން ނެރޭ އައިފޯނުގައި "ހޯމް ބަޓަން" ނުއިންނާނެ ކަމަށް ބުނެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯނުތަކުން ފިންގަޕްރިންޓް ސްކޭނާ އުވާލަން އުޅޭ ވާހަކަ އެބަ ދެކެވެ އެވެ. ސެމްސަންގް ފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ދެން ނުހިމަނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވަނީ ޓްވީޓާގައި ބުނެފަ އެވެ. އެޕަލް އިން އަދި ނުބުނެ އެވެ. އެކަމަކު ދެން ނެރޭ އައިފޯނުގައި "ހޯމް ބަޓަން" ނުއިންނާނެ ކަމަށް ބުނެވެ އެވެ.

އައިފޯނުން ހޯމް ބަޓަން ނައްތާލަނީ ސްކްރީން ބޮޑުކުރަން ކަމަށް ބުނެވެ އެވެ. ސްމާޓްފޯނުތައް މިހާރު މިސްރާބުޖަހަނީ، ސްކްރީން ވަށައި އެއްގޮތަކަށް ވެސް ދާރަ ނުހުންނަ ޑިޒައިންތަކަށެވެ. އައިފޯނުން ހޯމް ބަޓަން ދުއްވާލާނެ ކަމަށް ބުނެވޭ ބުނުން މާނަކުރެވެނީ އެ ކަހަލަ ޑިޒައިނަކަށް އެޕަލް ޝައުގުވެރިވެފައި ވާ މިންވަރެވެ.

ސްމާޓްފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނާ ހިމެނުމަކުން ގިނަ ބަޔަކު އެ ބޭނުމެއް ނުކުރެ އެވެ. ބޭނުންކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ފޯނު ހުޅުވަން އެދެވޭ ކޮންމެ ފަހަރަކު އެކަން ކުރަން އުނދަގުލީ ކަމަށް ވެސް ވެދާނެ އެވެ.

ފޯނުތަކުގައި ފިންގަޕްރިންޓް ސްކޭނިން ޓެކޮނޮލޮޖީ ހިމަނާފައި ވަނީ މުހިންމު އެޖެންޑާތަކެއް ތަންފީޒުުކުރުމަށެވެ. އޮންލައިން ވިޔަފާރި އަކީ އެޖެންޑާގައި ހިމެނޭ އައިޓަމެކެވެ. ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި ފަރުދީ މުއާމަލާތްތައް ހިމާޔަތްކުރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ޕިންގާޕްރިންޓް ސްކޭނިން އަށް ވުރެ "ފޭޝަލް ރީކޮގްނީޝަން" އިން ލިއްބައިދޭ ހިމާޔަތްތެރިކަން ބޮޑު ކަމަށް މިހާރު ބުނެވެ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން މިހާރު ވިސްނަނީ ފިންގާޕްރިންޓް ސްކޭނާ އަދި "އައިރިޝް ސްކޭނާ" ދޫކޮށް ފޭޝަލް ރިކްގްނީޝަން ޓެކްނޮލޮޖީ އަށް ބަދަލުވުމަށެވެ. އެ ކަމަށްޓަކައި ފޯނުތަކަށް ގެންނަޖެހޭ ބަދަލުތައް، ހިމަނަން ޖެހޭ ޓެކްނޮލޮޖީ ދާދި އަވަހަށް އާންމުވާނެ ކަމަށް ވެސް ބުނެ އެވެ.

އައިފޯނު އަށަކާއި ސެމްސަންގް ގެލަކްސީ އެސް8 އާންމުކުރުނަ ކުޑަތަންވެފައި ވާއިރު، މި ފޯނުތަކުގައި "ފޭޝަލް ރިކޮގްނީޝަން" ޓެކްނޮލޮޖީ ހިމެނުމަށްޓައި، ފޯނުގެ ކުރިމަތީގައި އިންނަ ކެމެރާ އަށް ފުން މިން، "ޑެޕްތު" ދެނެގަނެވޭ ފެންވަރުކުރާނެ ކަމަށް ބެލެވެ އެވެ.

ސްމާޓްފޯނުތަކުގައި ފިންގާޕްރިންޓް ސްކޭނިން ހިމަނަން ފެށުމުން އެކަން ބަދަލުވީ ވިޔަފާރި ސްޓަންޓަކަށެވެ. ބޭނުންކުރާ މީހުންނަށް އެއިން މާ ބޮޑު ކަމެއް ނުވި ނަމަވެސް، ފޯނު އަގު ބޮޑުކުރުމަށް ފިންގާޕްރިންޓިން ސްކޭނިން ހުއްޖަތަށް ވި އެވެ.

މަސްރަހު މިހާރު ހުރި ގޮތުން ބެލެވެނީ ފިންގާޕްރިންޓް ސްކޭނިންގެ ޒަމާން ދާން އުޅޭހެންނެވެ. ފޭޝަލް ރިކްނީޝަން ޓެކްނޮލޮޖީ އައިސް، އެއީ އިތުރު ސެންސަރަކަށް ބޭނުން ނުޖެހި، ފޯނުގެ މޫނުމަތީގައިން އިންނަ ކެމެރާއިން ކުރާ މަސައްކަތަކަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ދަނީ ގަދަވަމުންނެވެ. އެހެން ނަމަވެސް މި ވަގުތަށް އަދި އޮތީ އެޕަލް އަދި ސެމްސަންގުން ހަދާ ގޮތެެއް ބަލަން ތިބުމެވެ.