Roadha Mihaaru

ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވި ޒުވާނާ އިތުރު ފަރުވާއަށް އިންޑިއާއަށް

ހުޅުމާލެ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާއަށް އިންޑިއާއަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 ފެބުރުއަރީ 2025

ހުޅުމާލެ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 26 ގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އޭރުއްސުރެ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ 18 ގައި އޭޑީކޭގެ ޑީކޯ ޗެމްބަރުގައި ވެސް ފަރުވާ ދިނެވެ. އެކަމަކު 20 ދުވަހު އެ ތަނުގައި ފަރުވާ ދިނުމަށް ފަހު، އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދިނީ އެޗްޑީޔޫގަ އެވެ.

އަނިޔާވި ކުއްޖާގެ ބޭބެއަކު "މިހާރު" އަށް ބުނީ އައިޖީއެމްއެޗުން ބެލި ނާރުގެ ޑޮކްޓަރު ވަނީ ނިއުރޯ ރިހެބިލިޓޭޝަން ދިނުމަށް އަންގާފައި ކަމަށާއި އެކަމަކު އެއީ ރާއްޖޭގައި ދެވޭ ފަރުވާއެއް ނޫން ކަމަށެވެ.

އެހެންވެ، އާސަންދަ ހަމަޖައްސައިގެން އަމްރިތާ ހޮސްޕިޓަލަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކޮއްކޮ އަދިވެސް ހޭނާރަ އެވެ. އެކަމަކު ހަރަކާތްތައް ތަންކޮޅެއް ރަނގަޅުކަމަށް ބުނެ އެވެ.

"މިހާރު ހަމަ ވަރަށް ރަނގަޅަށް ކޮންމެ ދުވަހަކު ވެސް ޕިޒިއޮތެރަޕީ ދެމުންދާތީ އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ ހަރަކާތްތައް ތަންކޮޅެއް ރަނގަޅު ކަމަށް. މޮނިޓާކުރަން އޭރު [އައިޖީއެމްއެޗު] ގައި އެއްޗެހި ގުޅާފައި އޮތަސް މިހާރު ހަމަ މި މީހުން [ނަރުހުންނާއި ޑޮކްޓަރުން] ތިން ގަޑިއިރުން ތިން ގަޑިއިރުން އައިސްގެން މޮނިޓާ ކުރަނީ،" އޭނާގެ ބައްޕައާ އެކު އެހީތެރިއެއްގެ ގޮތުގައި ކޮޗިންގައި ހުރި ބޭބެ ބުންޏެވެ.

މީގެ ކުރިން އައިޖީއެމްއެޗުގައި ޕިޒިއޮތެރަޕީ ދެމުންދިޔައީ ވެސް ހަފުތާއަކު ތިން ދުވަހު އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އެ ކުއްޖާގެ ބޭބެ ބުނީ ހޭއެރުވުމަށް މާދަމާ އިން ފެށިގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"މިހާރު އޭނާގެ ހާލު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާކަން ފާހަގަކުރެވޭ."

އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ 2 ގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ބުންޏަސް އެ ތުހުމަތުތައް އާއިލާ އިން ދޮގުކުރެ އެވެ.

ފުލުހުން ބުނާގޮތުގައި ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ވެސް ހިފަހައްޓާފައި އޮތް ޒުވާނެކެވެ.

އެ ހާދިސާއާ ގުޅިގެން އާއިލާ އިން ފުލުހުންގެ ތުހުމަތުތައް ދޮގުކޮށް ބުނީ އެކްސިޑެންޓުވި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދުއްވި ސައިކަލެއް މޮޑިފައި ކޮށްފައި ހުރުމުން އެ ސައިކަލު ހިފަހައްޓައި، ސައިކަލުގެ ވެރިފަރާތް ޖޫރިމަނާކުރި ކަމަށާއި އޭނާގެ ލައިސަންސް ހިފެހެއްޓިކަން އެނގިފައި ނެތް ކަމަށެވެ.

އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ކެމެރާއެއް ވެސް ނެތް ކަމަށް ވެ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެ މައްސަލާގައި ފުލުހުން ވަނީ ތަހުގީގަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ. އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް މީހަކު ހުރި ނަމަ ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަނަށް އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދުނުއިރު ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.