Roadha Mihaaru
ދެ މަސް ނުވަނީސް ފަޒީލް ރެކޯޑް މުގުރާލައިފި

ދެ މަސް ނުވަނީސް ފަޒީލް 10 ކިލޯމީޓަރުގެ ރެކޯޑް މުގުރާލައިފި

12 މާޗް 2017

މިދިޔަ ޖެނުއަރީ މަހު ޒައިދު ޝަރީފް ހެދި ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑަށް ދެ މަސް ނުވަނީސް ހުސެއިން ފަޒީލް ހާރޫން މިއަދު އެ ރެކޯޑް މުގުރާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިދިޔަ ޖެނުއަރީ މަހު ޒައިދު ޝަރީފް ހެދި ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑަށް ދެ މަސް ނުވަނީސް ހުސެއިން ފަޒީލް ހާރޫން މިއަދު އެ ރެކޯޑް މުގުރާލައިފި އެވެ.

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް ޑުބާއީ މެރެތަންގައި ޒައިދު 34:40 މިނެޓުން ދުވެގެން އާކޮށްފައި ވަނިކޮށް ފަޒީލް އެ ރެކޯޑް މިއަދު މުގުރާލީ މޮކޮރޯގެ އުޖްޑާ އިންޓަނޭޝަނަލް ޓެން-ކޭ ރޭހުގައި 33:47 މިނެޓުން ރޭސް ނިންމައިގެންނެވެ.

ގައުމީ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ކޯޗުކޮށްދޭ ޒައިދުގެ ރެކޯޑް މި މުގުރާލީ ވެސް އަބުޅޯ ތަމްރީންކުރި ދުވުންތެރިޔެކެވެ. އެކަމަކު ފަޒީލް ޖެނުއަރީން ފެށިގެން ތަމްރީން ހަދަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮޮރޮކޯގަ އެވެ.

ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑް ވެސް 27 އަހަރަށް ފަހު، މިދިޔަ އަހަރު މުގުރާލި ފަޒީލަކީ މިޑްލް ޑިސްޓެންސުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ އެވެ. މިދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވިދާލި ފަޒީލް ވަނީ އެ މުބާރާތުގެ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި އަދި މިދިޔަ އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފަ އެވެ.

މާލޭގައި 1989 ވަނަ އަހަރު ބޭއްވި ކްލަބް ޓޯނަމަންޓުގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 17 މިނެޓު 08 ސިކުންތުން ހެދި ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް މުގުރާލީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި 16 މިނެޓު 31 ސިކުންތުން ދުވެގެންނެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތަށް ފަހު "މިހާރު" ގެ ނޫސްވެރިން ގާތު ފަޒީލް ބުނީ ދެ ތިން މަސް ދުވަހުގެ ތަމްރީން ހަދާލެވިއްޖެއްޔާ ގައުމީ ރެކޯޑްތައް މުގުރާލެވޭނެ ކަމަށެވެ. ރާއްޖެ އަށް ރަން މެޑެއްޔެއް ގެނެސް ދިނުމުގެ އުއްމީދުގައި ހުރި ފަޒީލަކީ މަސައްކަތުގެ ރޭޓް ވަރަށް މަތީ އެތުލީޓެއް ކަމަށް ގިނަ ކޯޗުން ފާހަގަކުރެ އެވެ.

"އަޅުގަނޑުގެ ފޮތުގައި ނޯންނާނެ ގިވް އަޕް ކުރުމެއް. އަބަދުވެސް ކުރިއަށް ދާނީ. އަޅުގަނޑަކީ ފަސް އެނބުރި ބަލާ މީހެއް ނޫން. އަބަދުވެސް ކުރިއަށްދާނީ. އެ އަންނަ ޗެލެންޖެއް ގިރާކޮށްފައި ކުރިއަށް އަބަދުވެސް ބަލާނީ ކުރިއަށް ދާން،" އަނިޔާގައި ހުރެ ގައުމީ މުބާރާތުން ތިން ރަން މެޑަލް ހޯދި ދުވުންތެރިޔާ އޭރު ބުންޏެވެ.